އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެލައްވާ! މަކަރުހަދާ އޮޅުވާލާ ފަރާތްތަކަށް ސަމާލުވެލައްވާ!

ބިކަ ހާލުގައި ޖެހިފައިވާ މިހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަބަދުވެސް އުޅެމުންދެއެވެ. ހާއްސަކޮށް މިދުވަސްވަރަކީ ގުދުރަތީ ކާރިސާތަކާއި ހަނގުރާމައިގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ނިކަމެތިކަން ލިބި އުންމަތުގެ ވަރަށް ގިނަ އަހުންނާއި އުޚްތުންނެއް އެތަކެއް ވޭންތަކެއް ތަހައްމަލުކުރަމުން އަންނަ ދަނޑިވަޅެކެވެ. މިގޮތުން އެތައް މިލިއަން މީހުނެއްވަނީ ގެދޮރު ދޫކޮށް އެކި ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރުމަށް މަޖުބޫރުވެފައެވެ. ބައެއް މީހުންވަނީ ބޯހިޔާވަހިވެވޭނެ ގޮތެއްނެތި މަގުމަތިވެފައެވެ. އަނެއްބައި މީހުން ކާނެ އަދި ބޯނެ އެއްޗެއް ނެތި ބަނޑުހައިހޫނުކަން މަތީ މަރުވެގެންދަނީއެވެ. ގަދަ ފިންޏާއި ހޫނުގެ ސަބަބުން އެތަކެއް ބަޔަކުވަނީ ދުނިޔެދޫކޮށް ގޮސްފައެވެ. އުނުއޮރިޔާން ނިވާކޮށްލާނެ އެއްޗެއް ނެތި ބިކަވެފައިވާ އެތައް ބަޔަކު އެބަތިއްބެވެ. ޒަޚަމްވެ ނުކުޅެދުންތެރި ހާލުގައި ތިބީ ކިތައް މީހުންތޯއެވެ. އެތަކެއް އުހުތުން ހުވަފަތްވެ އުންމަތުގެ ދަރީންތަކެއްވަނީ ޔަތީމު ހާލުގައެވެ. އަޅާލާނެ އެއްވެސް މީހަކު ނެތި އެކަނިވެރިހާލުގައި އުޅެމުންދަނީ މިފަދަ ކިތައް ދަރީންތޯއެވެ. އެބައެއްގެ ހާލުފެނި ލޮލުން ކަރުނަ ނުހިލޭ މީހަކު ނުހުންނާނޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. ހަމައެހެންމެ މިގޮތަށް ނިކަމެތި ހާލުގައި އުޅެމުންދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވާކަމީ އަހަރެމެންގެ ތެރެއިން ހަމަ އެކަކަށްވެސް އިންކާރުކުރެވެން އޮތް ކަމެއްނޫނެވެ.

މިފަދަ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ބޭނުންވެއެވެ. އެކަމަކީ މުދަލުގައި ބަރަކާތްލައްވާނެ ކަމައްކަން ދެނިތިބެ އެކަމަށް ތައްޔާރަށް ތިބި އެތައް ބަޔަކުވެސް އަހަރެމެންގެ ތެރޭގައި އެބަތިއްބެވެ. ހެޔޮނިޔަތުގައި ﷲ ގެ ހަޒްރަތުން ދަރުމައާއި ސަވާބަށް އެދި މިފަދަ ކަންތައްތައް ކުރަމުން ގެންދާ އެތައް ބަޔަކަ އުޅުނު ކަމުގައިވީނަމަވެސް ހިތާމައަކީ މި ކަންކަމުގެ ނާޖާއިޒު ފައިދާތަކެއް ހާސިލުކުރުމަށް މަސައްކަތްކުރަމުން އަންނަ ފަރާތްތަކެއްވެސް އުޅެމުންދިއުމެވެ. ހީލަތްތެރި ރޭވުންތަކާއެކު މީސްތަކުންނަށް އޮޅުވާލައިގެން ނުހައްޤުން ފައިސާ ހޯދަމުން އަންނަ ބަޔަކުވެސް މުޖުތަމައުގައި މަސައްކަތްކުރަމުންދިއުމެވެ. މީހުން ރެއާދުވާލު ބުރަ މަސައްކަތުން ހޯދާ ފައިސާ ހަރާން ގޮތުގައި ކެއުމަށް އެއްވެސް ޖެހިލުމެއް ބިރެއްނެތި ބަޔަކު ހަރަކާތްތެރިވަމުންދިއުމެވެ. ސޯޝަލް މީޑިއާގެ އެހީގައި އަދި ތަފާތު އެކި ގޮތްގޮތަށް މީހުންގެ އަތުން މިފަދައިން ފައިސާ ފޭރެމުންދާކަމީ މުޖުތަމައު މިކަމަށް ހެކިދޭނެ ކަމެކެވެ.

ނުހައްގުން މީހުންގެ މުދާ ކެއުމުގެ ނުބައިކަމާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި ﷲ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"އަދި އޭގެތެރެއިން ގިނަމީހުން ފާފަވެރިވުމާއި، ދެކޮޅުވެރިވުމާއި، حرام މުދާ ކެއުމަށް އަވަސްވެގަންނަތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ކޮށްއުޅުނު عمل ތަކުގެ ނުބައިކަމާއެވެ!" ( سورة المائدة 62 )

އެހެންކަމުން މިފަދަ މީހުން ދެނެގަނެ އަހަރެމެން ކުރާ ޞަދަގާތަކީ ހަގީގަތުގައިވެސް ހާލުގައިޖެހިފައިވާ މީހުންނަށް ފޯރުކޮށްދެވޭ އެހީތެރިކަމެއްކަން ޔަޤީންކުރުމަކީ އަހަރެމެންގެ ޒިންމާއެކެވެ. މިގޮތުން އަހަރެމެންގެ އުންމަތް ލެއިން ކަރުނައަޅައަޅާ އޮތް މި ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އަތުކުރި އޮޅާލައިގެން ނިކުން އެންމެ ބޮޑު ހަރަކާތަކަށް ވާނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނެވެ. އެތައް ބައެއްގެ އިތުބާރު ލިބިފައިވާ މިހަރަކާތުގެ ފަރާތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ އެތައް ބަޔަކަށް އިތުބާރާ ޔަގީންކަމާއެކު ވަނީ ވަރަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން އެންމެ ފަހުން މި ހަރަކާތުން ނިންމާލި އެންމު ބޮޑު މަސައްކަތަކީ ސީރިޔާގައި ހާލުގައި ޖެހިފައި ތިބި އަހަރެމެންގެ އަހުންނާއި އުޚްތުންނަށް ހިންގި "މަސްދަޅު ހަދިޔާ" ގެ ޕްރޮޖެކްޓެވެ. އަދި މީގެ އިތުރުން މި ހަރަކާތުގެ ދަށުން ފިނިމޫސުމާދިމާކޮށް "ސާވައިވިން ވިންޓާ" ގެ ނަމުގައި ދުނިޔޭގެ ހަތަރު ގައުމަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓެއް އަންނަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ ފަލަސްތީން، ޔަމަން، ސީރިއާ، ބަންގްލަދޭޝް އަދި ރޮހިންޏާއެވެ. މި ކެމްޕެއިންގެ ދަށުން ކާބޯތަކެތި، ފޭރާން، ބޯހިޔާވަހިކަން އަދި ގަދަފިނިން ސަލާމަތްވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިވަގުތު އިންޓަނޭޝަނަލް އެއިޑްގެ ފަރާތުން ހިންގަމުންދާ "ވިންޓާ ސާވައިވަލް" ޕްރޮޖެކްޓަށް އެހީތެރިވުމަށް ފައިސާ ފޮނުވުމަށް ހަމަޖެހިފައިވާ އެކައުންޓުތައް ތިރީގައި އެވަނީއެވެ.

"اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ" (سورة البقرة 162 )

މި ޕްރޮޖެކްޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 15 ޖަނަވަރީ 2020 ހަމައަށްވަނީ ހުޅުވާލެވިފައެވެ.އައިއޭސީގެ ޕްރޮޖެކްޓްތަކުގެ ދަށުން މިގޮތަށް ނެގޭ ފައިސާ ޚަރަދުކުރާގޮތުގެ އަޕްޑޭޓްތައް އައިއޭސީގެ ފޭސްބުކް ޕޭޖް އަދި ވައިބާ ގްރޫޕުގެ އެހީގައި ފޮޓޯ، ވީޑިއޯ އަދި ލިޔުމުގެ ޒަރީއާއިން އާމުންނަނަށް އަންނަނީ ކެނޑިނޭޅި ހިއްސާކުރަމުންނެވެ. މި ދަނޑިވަޅުގައި، އަޅުގަނޑުގެވެސް އެންމެ ބޮޑު އެދުމަކީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި ސަމާލުވެލެއްވުމެވެ. މަކަރާއި ހީލަތްތެރި ރޭވުންތެރިކަމުގެ މަޅީގައި ނުޖެހި އިތުބާރުހިފޭ ފަރާތްތައް ދެނެގަނެ މީސްތަކުންނަށް ކުރެވޭ ޞަދަގާތަކީ އޭގެ ހައްޤުވެރިންނަށް ރައްދުވާ އެއްޗެއްތޯ ބައްލަވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.