ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ ކައުންސިލަށް އިންތިހާބުކުރާ ހަ ދާއިރާގެ ގޮނޑީގެ ތެރެއިން ދެ ދާއިރާގެ ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށް ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ، މާދަމާއިން ފެށިގެން ހދ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަށް ނިންމަވައި، އެކަން އިއުލާން ކުރައްވައިފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޅުދުއްފުށި، ސިޓީއަކަށް ބަދަލުކުރުމަށް ނިންމުމާއެކު ސިޓީ ކައުންސިލްގެ މޭޔަރުގެ އިތުރުން ހަ ދާއިރާއަކަށް ބަހާލައިގެން ކޮންމެ ދާއިރާއަކުން ސިޓީ ކައުންސިލަރަކު އިންތިހާބުކުރާނެ ކަމަށެވެ. އަދި އޭގެ ތެރެއިން ދެ ދާއިރާގެ ގޮނޑި އަންހެނުންނަށް ހާއްސަކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުމުން ސިޓީ ކައުންސިލްގެ މޭޔަރު އިންތިހާބުކުރުމުގެ އިތުރަށް ހަ ދާއިރާއަކަށް ބަހައިގެން ކޮންމެ ދާއިރާއަކުން ސިޓީ ކައުންސިލަރަކު އިންތިހާބުކުރެވޭނެ. ހަ ދާއިރާގެ ތެރެއިން ދެ ދާއިރާ ގުރުއަތުން ނަގައި އަންހެން މެމްބަރުންނަށް ރިސާވްޑް ސީޓްސް ކަމުގައި ހަމަޖެހޭނެ،" ޝަރީފް ވިދާޅުވިއެވެ.
އެ ބަދަލާ ގުޅޭގޮތުން އީސީގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ ކުޅުދުއްފުށި، ސިޓީއަކަށް ބަދަލުކުރި ނަމަވެސް އަންނަ އަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ތާރީހަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ކުރިއަށްއޮތް ހަފްތާ ތެރޭގައި ކުޅުދުއްފުށި ސިޓީގެ ހަ ދާއިރާއެއްގެ ވަގުތީ ރިޕޯޓު ނިންމުމަށްފަހު ޝަކުވާއަށް ހުށަހެޅުމަށް ހުޅުވާލާނެ ކަމަށާއި ޝަކުވާތައް ޕްރޮސެސް ކުރުމަށްފަހު އަންހެނުންނަށް ހާއްސަ ދާއިރާތައް އިއުލާނު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނުުގެ ދަށުން ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އެކައުންސިލް ހިމެނޭ ރަށް ނުވަތަ ރަށްތަކުގައި ދިރިއުޅޭ އާބާދީގެ އަދަދު 10،000 އަށް އެރުމުންނެވެ. ނަމަވެސް ގާނޫނީ ގޮތުން ރަށަކަށް ސިޓީގެ ދަރަޖަ ލިބޭނީ އެކަން ރައީސް އިއުލާނު ކުރެއްވުމުންނެވެ. އެގޮތުން ސިޓީއެއްގެ ދަރަޖަ ލިބޭ އަދަދަށް ކުޅުދުއްފުށީގެ އާބާދީ އަރާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.