އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގައި ރިޔާސީ ޓިކެޓަށް ދަހިވެތިވާ އެއްވެސް ބޭފުޅަކު ނެތް ކަމަށާއި 2023ގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ނޫން ބޭފުޅަކަށް ނުލިބޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅުން މިރޭ ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ 2023ގައި ރައީސް ޔާމީން އަލުން އަނބުރާ ވެރިކަމަށް ގެންނާނެ ކަމަށާއި އެކަމާ ބަޔަކު ހަސަދަވެރިވާން ނުޖެހޭ ކަމަށެވެ. އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ކިތަންމެ ބޭނުންވިޔަސް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވެސް އެ ޓިކެޓު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޕީޕީއެމްގެ ލީޑަރުކަން ހޯދަން މަސައްކަތްކުރާނެ ކަމެއް ނެތް. ޕީޕީއެމްގެ ލީޑަޝިޕް ބައިބައި ކުރާކަށް މަސައްކަތްކުރާނެ ކަމެއް ނެތް. ޕީޕީއެމްގެ ސަފުތައް ރޫޅާލާކަށް މަސައްކަތްކުރާނެ ކަމެއް ނެތް. އެ ފުރުސަތެއް އަޅުގަނޑުމެންނެއް ނުދޭނަން. އުމަރު ނަސީރަކަށް ވެސް ނުލިބޭނެ. ދެން ހުރި ބޭފުޅަކަށް ވެސް ނުލިބޭނެ. އަދި އެހެން ބޭފުޅަކު ވަޑައިގަތަސް ނުލިބޭނެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް. އަޅުގަނޑުމެންގެ ލީޑަޝިޕަކު ނެތް ރިޔާސީ ޓިކެޓަށް ދަހިވެތިވާ އެއްވެސް ބޭފުޅެއް،" އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުގައި ތިއްބެވީ ރައީސް ޔާމީނާއެކީ ފިސާރި ސާބިތުވެ ތިއްބެވި ލީޑަރުން ކަމަށާއި ބިރު ދައްކައިގެން ވިޔަސް، އެއްވެސް ބަޔަކަށް ޕީޕީއެމް/ޕީއެންސީގެ ފިކުރެއް ނުގަނެވޭނެ ކަމަށެވެ.
"މުހައްމަދު ސައީދު ވިޔަސް، ޣައްސާން މައުމޫނު ވިޔަސް، އަހުމަދު ޝިޔާމު ވިޔަސް، އިބްރާހިމް ޝުޖާއު ވިޔަސް، ޑރ. މުހައްމަދު މުއިއްޒު ވިޔަސް، އާދަމް ޝަރީފު ވިޔަސް، އަދި އެނޫން ބޭފުޅެއް ކަމަށް ވިޔަސް، އަޅުގަނޑުމެންގެ ލީޑަޝިޕުގައި ތިބީ ރައީސް ޔާމީނާއެކީ ފިސާރި ސާބިތުވެ ތިއްބެވި ލީޑަރުން،" އޭނާ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަކީ އެއްވެސް ހާލެއްގައި ބޭރުގެ ގައުމަކަށް މިގައުމު ވިއްކާލަން އުޅޭ ބައެއް ނޫން ކަމަށާއި މިގައުމުގެ އަމިއްލަވަންތަކަމާއި މިގައުމުގެ މިނިވަންކަން ގެއްލުވާލަން އުޅޭ ބައެއް ވެސް ނޫން ކަމަށެވެ.