ވިޔަފާރި

ސިލިންޑަރު ރަޖިސްޓްރޭޝަން ފީ އަކަށް އަދި ހިދުމަތުގެ އަގަކަށް ވެސް ބަދަލެއް ނާދޭ: މޯލްޑިވް ގޭސް

މޯލްޑިވްސް ގޭހުގެ ސިލިންޑަރު ރަޖިސްޓްރޭޝަން ފީގެ އަގަށް ބަދަލެއް ނާންނަ ކަމަށާއި އެކަމަށް ނަގަމުން އަންނަނީ ކުރިން ވެސް ނަގަމުންދިޔަ އަގު ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވްސް ގޭހުން މިހެން ބުނެފައި މިވަނީ، މީރާއިން އެންގުމަކަށް މާދަމާ އިން ފެށިގެން އެކުންފުނީގެ އެލްޕީޖީ ރަޖިސްޓްރޭޝަން ފީ އިން ހަ ޕަސަންޓް ޖީއެސްޓީ ނަގަން ނިންމައި ނެރުނު މެމޯއަކާ ގުޅިގެން އެކުންފުނީގެ ހިދުމަތުގެ އަގު ބޮޑުވެއްޖެ ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައިވާތީއެވެ.

މޯލްޑިވް ގޭހުން މީޑިއާތަކަށް ބުނީ، އެކުންފުނިން މިހާރު ނަގަމުންދާ ސިލިންޑަރު ރަޖިސްޓްރޭޝަން ފީއަކީ ޖީއެސްޓީ ހިމެނޭ ގޮތަށް ނެގޭނެ ފީއެއް ކަމަށާއި އެހެންކަމުން މިހާރު ދައްކަމުން ގެންދާ އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އެގޮތުން ރަޖިސްޓްރޭޝަން ބިލުގެ ސުލިޕަށް ގެނެވުނު ބަދަލަކީ ހަމައެކަނި، ރަޖިސްޓްރޭޝަން ބިލުގައި ޖީއެސްޓީ ވަކިން ފެންނާނޭ ގޮތަށް ގެނެވުނު ބަދަލެއް ކަމަށެވެ. މޯލްޑިވް ގޭހުން ބުނީ، އެ ކުންފުނިން ވިއްކާ ކައްކާ ގޭސްގެ އަގަކަށް ނުވަތަ ދެމުންދާ ހިދުމަތުގެ އަގަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.