ވިޔަފާރި

އަންނަ އަހަރު ފަށާ ''ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް''ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ދިރާގުން ކުރިއަށް ގެންދާ "އެޕްރެންޓިސްޝިޕް ޕްރޮގްރާމް''ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ އަންނަ އަހަރު ފަށާ އެކުންފުނީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި އޭލެވެލް އިން ފެށިގެން މަތީ ތައުލީމު ހާސިލުކޮށްފައިވާ އަދި ދާއިމީ ވަޒީފާއެއް އަދާކޮށްފައިނުވާ 18 އަހަރާއި 30 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ޒުވާނަކަށް ބައިވެރިވެވޭނެ ކަމަށެވެ.

އެގޮތުން ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ދިރާގު ހެޑް ކުއާޓާސް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމު ކޮށްފައިވާ ދިރާގުގެ ރީޖަނަލް އޮފީސްތަކުގައި "ވޯކްއިން އިންޓަވިއު"އެއް ކުރިއަށް ދާނެއެވެ. އިންޓަވިއު ކުރިއަށް ދިއުމަށް ހަމަޖައްސާފައިވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ 14:00 އިން 17:00 އާއި ދެމެދުއެވެ.

ދިރާގުން 2009 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދަމުން އަންނަ އެ ޕްރޮގްރާމަކީ ދިރާގުގެ ސީއެސްއާރުގެ ދަށުން ގިނަ ޒުނާނުންތަކެއް ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުމާއި ޒިންމާދާރު ކުރުވުމަށް ހިންގާ ޕްރޮގްރާމެކެވެ.

އެގޮތުން އެ ޕްރޮގްރާމުގެ ބައިވެރިންނަށް ދިރާގުގެ މާކެޓިން، އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމެންޓް އެންޑް ޕްރޮޕަޓީ މެނޭޖުމެންޓް، ހިއުމަން ރިސޯސަސް، ފައިނޭންސް، ނެޓްވޯކްސް އަދި ކަސްޓަމާ ސޮލިއުޝަން ފަދަ ޑިޕާޓްމަންޓުތަކުގެ ތަމްރީނު ލިބިގަތުމުގެ ފުރުސަތު ތަނަވަސްކޮށްދެއެވެ.

ދިރާގުން ބުނީ، މިހާތަނަށް އެ ޕްރޮގްރާމުން 200 އަށްވުރެ ގިނަ ޒުވާނުން ދަސްވެނިވެފައިވާއިރު، އޭގެތެރޭގައި ދިރާގުގެ އިތުރުން ވެސް އެހެން ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ ޒުވާނުން ތިބިކަމީ އުފާކުރާ ކަމެއް ކަމަށެވެ.