ސިޔާސީ ގޮތުން އަރާނެ އޮޑިއެއް ނެތީމަ ނުވަތަ ސިޔާސީ ގޮތުން ވަންނާނެ ޖަގަހައެއް ނެތީމަ ޕީޕީއެމް/ޕީއެންސީއާ ބެހޭނެ ކަމެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިވަނީ މިދިޔަ އާދީއްތަ ދުވަހު ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި ޕީޕީއެމްގެ ތެރެއިން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އުމަރު ވިދާޅުވެފައިވަނިކޮށެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ބޭފުޅަކު ކިތަންމެ ބޭނުންވިޔަސް، ޕީޕީއެމްގެ ރިޔާސީ ޓިކެޓު އޮންނާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އަރުވާފައި ކަމަށާއި އިތުރު އެއްވެސް ބޭފުޅަކަށް އެ ޓިކެޓު ލިބުމުގެ ފުރުސަތެއް ނެތް ކަމަށެވެ.
"ސިޔާސީ ގޮތުން އަރާނެ އޮޑިއެއް ނެތީމަ، ސިޔާސީ ގޮތުން ވަންނާނެ ޖަގައެއް ނެތީމަ ދެން ކޮންމެހެން ޓީވީ ޕްރޮގްރާމުތަކަށާއި ނޫސްމަޖައްލާތަކަށް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކޮންމެހެން ޕީޕީއެމް/ޕީއެންސީއާ ބެހިވަޑައިގަންނަވާނެ ކަމެއް ނެތް އެއްވެސް ބޭފުޅަކު. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ބޭފުޅަކު ކިތަންމެ ބޭނުންވިޔަސް، ޕީޕީއެމްގެ ރިޔާސީ ޓިކެޓު އޮންނާނީ ރައީސް ޔާމީނަށް އަރުވާފައޭ. އެ ބަދަލެއް ނުކުރެވޭނެއޭ،" ލ. މާވަށުގައި ރޭ ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޕީއެންސީއަށް ނުވަތަ ޕީޕީއެމަށް ބާޒެއް ނުވަތަ ސިންގާއެއް ބޭނުންވާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ކަމަށާއި ނަމަވެސް ޕީޕީއެމް/ޕީއެންސީ ބެލެހެއްޓޭ ވަރުގެ ބާޒާއި ސިންގާ އެ ދެ ޕާޓީގައި އެބަ ތިބި ކަމަށެވެ.
"ރައީސް ޔާމީނަށް އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްދޭކަށް ދުރުން އަންނާކަށް މީހަކު ނެތް. މިއަދު ޕީޕީއެމް ޕީއެންސީގައި ތިބި މީހުންނަށްވުރެ ރައީސް ޔާމީނަށް އިހުލާސްތެރިވާނެ މީހަކު ވެސް އަދި ރައީސް ޔާމީނަށް ވަފާތެރިވާނެ މީހަކު ވެސް، އެމަނިކުފާނުގެ ހައްގުގައި މަސައްކަތްކުރާނެ ބަޔަކު ވެސް މިގައުމަކު ނޫޅޭނެ،" އޭނާ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ޕީޕީއެމާއި ޕީއެންސީ ބައިބައިކުރަން ވަރަށް ފާޑުފާޑަށް މީހުން މަސައްކަތްކުރާ ކަމަށާއި އެކަމަށް ރައީސް ޔާމީންގެ ސަޕޯޓަރުން ސަމާލުވާން ޖެހޭ ކަމަށެވެ.