ވިޔަފާރި

އުރީދޫގެ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ މަގާމަށް ހުޅުވާލައިފި

މުހައްމަދު ޝަހީމް

އުރީދޫގެ ޑިރެކްޓަރުންގެ ބޯޑުގައި އިންނަ، އާންމު ހިއްސާދާރުންގެ ތަމްސީލުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެކުންފުނިން ބުނީ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކުގެ ތެރޭގައި ހިމެނެނީ:

  • - އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށް ވުން ނުވަތަ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކީ ގާނޫނީ ޝަޚްސެއްނަމަ، އެ ޝަޚްސުގެ ފަރާތުން ހުށަހަޅާ ފަރާތެއް ކަމުގައި ވުން.
  • - ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު: 96/10) އަދި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން 14 ޖަނަވަރީ 2015 ގެ ތާރީހުގައި އާންމުކޮށްފައިވާ "ކޯޕަރަޓް ގަވަރނަންސް ކޯޑް" ("ސީ.ޖީ. ކޯޑް") ގައި ބަޔާންކުރެވިފައިވާ ފެންވަރުތަކާއި ޝަރުތުތައް (އިންޑިޕެންޑަންޓް ޑިރެކްޓަރ ގެ ޝަރުތު ހިމެނޭގޮތަށް) ހަމަވާ ފަރާތެއް ކަމުގައި ވުން.
  • - ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނި ތަކުގެ ބޯޑް ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕަރ" މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން.
  • - ބައިނަލްއަގްވާމީގޮތުން ބަލައިގަންނަ ޔުނިވަރސިޓީ އަކުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވުން.
  • - ބައިނަލްއަގްވާމީ ނުވަތަ ދިވެހިރާއްޖޭގެ ކުންފުންޏެއްގެ އިސް މަގާމެއްގައި މަދުވެގެން 10 (ދިހަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
  • - މަދުވެގެން 1 (އެކެއް) އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ހިދުމަތުގެ ރިކޯޑު ފެންނަން އޮތުން.
  • - މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، 2 (ދޭއް) ލިސްޓަޑް ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް ވުރެ ގިނައިން މިވަގުތު ހުރި ފަރާތަކަށް ނުވުން.

އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓުން އަދި ފިޒިކަލް ފޯމު، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުން ލިބޭނެއެވެ.

އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިންނެވެ.

އުރީދޫން ބުނީ، ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީން ބަލައި، ޝޯޓްލިސްޓު ކުރުމަށްފަހު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެއެވެ.

އަދި މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާއާއެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިހާބްކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި އިއުލާނު ކުރާނެއެވެ.

މި މަހުގެ 16 ވަނަ ދުވަހު އުރީދޫން ބޭއްވި އާންމު ޖަލްސާގައި އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު މުއްދަތަށް އިސްލާހެއް ގެނެސްފައިވެއެވެ. އެގޮތުން އަންނަ މާޗްމަހު ބާއްވާ ޖަލްސާގައި އިންތިހާބުކުރާ ޑިރެކްޓަރަށް ދެ އަހަރުގެ މުއްދަތެއް ލިބޭނެއެވެ. އެހެންކަމުން އެ މަގާމުގައި ދެމިހުންނާނީ 2022 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާއާ ހަމައަށެވެ.