އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 21

6

(28 ޑިސެމްބަރުގެ އަދަދާ ގުޅޭ)

ގިނަ މެހުމާނުންގެ ވާހަކައިގެ މައިގަނޑަކީ ޔަމާމާގެ ލޭއޮހޮރުވަނިވި މަޢުރަކާއެވެ. ބައެއްމީހުން ނުސީދާގޮތުން އަނެއްބަޔަކު ތަންކޮޅެއް ފާޅުގޮތެއްގައި خــالــد بــن الـوليـد رضـى اللّـه عنـــه ގެ ކުޅަދާނަފުޅުކަމާއި، ރޭއްވެވުމުގެ މޮޅުކަމާއި، އެކަލޭގެފާނުގެ ދިދައިގެ ދަށުގައި ހަނގުރާމަކުރި މުޖާހިދުންގެ ހިތްވަރުގަދަކަމަށް އިޢުތިރާފުވިއެވެ. ނަމަވެސް ބަޙުރައިނުގެ ވާހަކަ ފެށޭއިރަށް ކޮންމެ މީހަކުވެސް އަނެކެއްގެ ހިތްހަމަޖައްސައިދެވޭތޯ ބަލަނީ "މުސްލިމުންނަށް މިދިމާޔަށް އަންނާކަށެއް ނުކެރޭނެއެވެ. ނުރައްކަލެއް ދިމާވެއްޖެނަމަ ޢިރާޤުގެ ޢަރަބި ޤަބީލާތަކާއި އީރާނުގެ ބޮޑުރަސްކަން އޮންނާނީ އަހަރެމެންނާ އެކުގައެވެ. އަހަރެމެންނަށް އެއްގަމު މަގުންނާއި ކަނޑުމަގުން އެހީ ލިބެމުންދާނެއެވެ. މުސްލިމުން ބަޙުރައިން ކަފާސްކޮށްލައިފައި އީރާނުގެ ސަރަޙައްދާ ހަމަޔަށް ދިއުމަކީ ފާރިސީ ދައުލަތް ޤަބޫލުކުރާނެ ކަމެއް ނޫނެވެ." މިފަދަ ވާހަކަތަކުންނެވެ.

އިރުކޮޅެއްގެފަހުން މެހުމާނުން ކައިނިމިގެން އަތްދޮންނާން ފެށުމުން، حسّان އާ އިސްތިޤްބާލުކުރި ޒުވާނާ ދުވަސްވެފައިހުރި އެކަމަކު ހަށިގަނޑު ވަރުގަދަ މީހަކު حسّان އަށް ދައްކައިފައި ބުންޏެވެ. "އެހުންނެވީ ކަލާގެ މާބެއެވެ."

حسّان ޖެހިލުންވެވަޑައިގެން ހުންނަވައި އޭނާގެ މާބެގެ އަރިހަށް ވަޑައިގެންފިއެވެ. އޭނާ މުޞާފަޙާ ކުރެއްވުމަށްޓަކައި އަތްޕުޅު ދިއްކޮށްލައްވަމުން ވިދާޅުވިއެވެ. "މާބެއެވެ! އަޅުގަނޑަކީ حسّان بـن عُتُبـة އެވެ."

قيس بــن أرقــم حسّان ގެ މޫނުފުޅަށް ބައްލަވަން ހިނދުކޮޅަކު ހުންނެވުމަށްފަހު ދެއަތްޕުޅު ދަންމަވައިލައްވައި حسّان ގެންނަވައި އޭނާގެ މޭފުޅުގައި ޖެއްސެވިއެވެ. އޭނާ ވިދާޅުވިއެވެ. "މިހާގިނަދުވަސްވަންދެން ދަރިފުޅު ތިޔައުޅުނީ ކޮންތަނަކުހެއްޔެވެ؟ ދަރިފުޅުގެ ބައްޕަ އެންމެފަހުން އަންގަވައިފައިވަނީ ދަރިފުޅު ގެއްލުނު ޚަބަރެވެ. އިހަށް ބުނެބަލާށެވެ. ދަރިފުޅު ކައިފިން ހެއްޔެވެ؟"

"އާދޭހެވެ! އަޅުގަނޑު ކައިފީމެވެ."

"ކަލެއަކީ ބޮލުން ފެށިގެން ފައިގެ ނީވާބޮނޑިޔާ ހަމައަށް ކަލޭގެ ބައްޕަގެ ފޮޓޯއެކެވެ. ނަމަވެސް ކަލޭގެ މޭމަތި ތަންކޮޅެއް ފުޅަލެވެ. އިސްކޮޅުންވެސް ދިގެވެ. އަހަރެން ހީކޮށްގެން މިހިރީ عُتُبـة އެކޭ އެއްގޮތަށް އޭނާގެ ކުދީންވެސް އަހަރެންގެ މަތީން ހަނދާން ނައްތައިލީ ކަމަށެވެ. ދަރިފުޅަށް ތިޔަ އާދެވުނީ އަހަރެމެން ދަރިފުޅަށް ނުހަނު ބޮޑަށް ބޭނުންވެފައިތިބި ދަނޑިވަޅެއްގައެވެ." މިހެން ވިދާޅުވެފައި قيس އޭނާގެ މެހުމާނުންނާއި ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "މިއީ ކާކުކަން އެނގިވަޑައިގަންނަވާތޯއެވެ. މިއީ އަޅުގަނޑުގެ އުޚުތާގެ ދަރިކަލުންނެވެ. މީނާވަނީ ކިސްރާޕަރުވޭޒުގެ ދިދައިގެ ދަށުގައި ހަނގުރާމަކޮށްފައެވެ. މީނާވަނީ އެތަކެއް ލައްކަ ސިފައިން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލި ބޮޑެތި ހަނގުރާމަތަކުގައި ބައިވެރިވެފައެވެ. މުސްލިމުންނާ ހަނގުރާމަ ކުރުމުގައި އަހަރެމެންވަނީ މިކަހަލަ ތަމްރީނު ލިބިފައިތިބި ސިފައިންނަށް ނިހާޔަތަށް ބޭނުންވެފައެވެ. މިފަދަ ނާޒުކު ވަގުތެއްގައި މީނާ އައިކަމީ ޤުދުރަތުން ބަޙުރައިނުގެ އަހުލުވެރީންގެ ފަތަޙައާމެދު ރުހިވޮޑިގެންވާކަމުގެ ފާލެކެވެ."

ޙާޟިރުވެތިބި މީހުންގެ ލޯތައް حسّان ގެ މޫނުފުޅަށް ހުއްޓިއްޖެއެވެ. ޤަބީލާއެއްގެ ބޮޑުންގެ މީހެއް ކުރިޔަށްޖެހި حسّان އާ ސަލާމްކޮށްފިއެވެ. އެހެންމީހުން އޭނާއާ ތަބާވާން ފަށައިފިއެވެ. ތަންކޮޅެއްދުރުގައި މެހުމާނުން އަތްދޮއްވާން ހުންނެވި ޒުވާނެއް ފެންކޫޒު އެހެންމީހެއްގެ އަތަށް ދެއްވައިފައި حسّان ގެ އަރިހަށް ވަޑައިގެންފިއެވެ. އޭނާ ޖެހިލުންވެވަޑައިގެންފައި ހުންނަވަނިކޮށް قيس ވިދާޅުވިއެވެ. "ދަރިފުޅާ حَكَم އެވެ! މިއީ ދަރިފުޅުގެ ބޮޑުދައިތަގެ ދަރިކަލުންނެވެ. މީނާކުރެން ދަރިފުޅު ލައްކަ ކަންތައް އުނގެނޭން އެބަހުއްޓެވެ." حَكَم ޖެހިލުންވެވަޑައިގަތުމާއެކު ސަލާމްކޮށްލެއްވުމަށްޓަކައި އަތްޕުޅު ދިއްކޮށްލެއްވިއެވެ. ނަމަވެސް حسّان އޭނާ ދަންމަވައިގެންނަވައި މޭފުޅުގައި ޖައްސަވައިލެއްވިއެވެ."

ޢާއިލާގެ ބޭފުޅުން އެއްބޭފުޅަކަށްފަހު އަނެއްބޭފުޅަކު حسّان އާ ބަޣަލްގީރު ކުރައްވަން ފައްޓަވައިފިއެވެ. އިރުކޮޅެއްގެފަހުން قيس حسّان ގެ މުލައްދަނޑިފުޅުގައި ހިއްޕަވައިގެން ހަށިގަނޑު ވަރުގަދަ މީހެއްގެ ގާތަށް ގެންދަވައިފިއެވެ. އޭނާގެ ހެދުމުން މުއްސަނދިކަން ފާޅުވެއެވެ. މޫނުމަތިން މަކަރުވެރިކަމާއި އަނިޔާވެރިކަން ހާމަވޭވޭ ހުއްޓެވެ. "މިއީ އަހަރެންގެ ލީޑަރ حـطـم بـن ظبـيعــة އެވެ." قيس ވިދާޅުވިއެވެ.

حـطـم حسّان އާ އަތާއަތް ޖޯޑުކޮށް ސަލާމްކުރަމުން ބުންޏެވެ. "ކަލާ ވަޑައިގަތުމަކީ އަޅުގަނޑު ދެކޭގޮތުގައި ހެޔޮފާލެކެވެ. އަޅުގަނޑުމެންވަނީ ތަޖުރިބާކާރު ސިފައިންނަށް ނިހާޔަތަށް ބޭނުންވެފައެވެ."

حسّان ވިދާޅުވިއެވެ. "އެކަމަކު އަޅުގަނޑު . . . . ."

حـطـم حسّان ގެ ވާހަކަފުޅު މެދުކަނޑައިލައިފައި ދެންނެވިއެވެ. "މާފުކުރައްވާށެވެ. އަޅުގަނޑު މިދެންނެވީ އާދައިގެ ސިފައިންގެ މީހެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާ ވާހަކައެއް ނޫނެވެ. ކަލާ ކަލާގެ މާބެގެ އުންމީދުތަކާ އެއްގޮތްކަމުގައި ފެނިއްޖެނަމަ އަޅުގަނޑުމެންނަކީ ޝުކުރުވެރިނުވާ ބައެއްކަމުގައެއް ކަލާއަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ."

قيس ވިދާޅުވިއެވެ. "އަޅުގަނޑު حسّان އިމްތިޙާނުކުރުމަކާ ނުލައި އިޢުލާން ކުރަމެވެ. އަޅުގަނޑުގެ ޤަބީލާ މީހުން حسّان އަކީ އަޅުގަނޑުމެންގެ ކޮމާންޑަރުކަމުގައި ޤަބޫލުކުރަމުއެވެ."

حسّان އަށް އޭނާގެ ހިތްޕުޅުން ހަމަނުޖެހުމުގެ ތެޅުންތައް އިޙްސާސްކުރެއްވެން ފަށައިފިއެވެ. އޭނާ ވިދާޅުވާން ބޭނުންފުޅުވިއެވެ. "އަހަރެން މިއައީ މުސްލިމުންނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވާކަށެއް ނޫނެވެ. އަދި ކީއްހެއްޔެވެ. އަހަރެން މިއައީ ބޯހިޔާކޮށްލާނެ ތަންކޮޅެއް ހޯދަންވެގެންނެވެ." ނަމަވެސް އެހާގިނަބައެއްގެ ތެރޭގައި އޭނާގެ މާބެ ނިކަމެތިކޮށްލައްވާކަށް حسّان ބޭނުންފުޅެއް ނޫނެވެ. އެހެންކަމުން އޭނާ ހިމޭނުން ހުންނެވިއެވެ. އިރުކޮޅެއްގެފަހުން މެހުމާނުންގެ ބައެއް މީހުން ސަނދުވާގެ ދަށުގައި އަރާމުކޮށްލަން ޖައްސައިލައިފިއެވެ. އަނެއްބަޔަކު ހަވޭލީގެ ބޭރުގައިހުރި ގަސްގަހުގެ ހިޔަލަށް ޖަމާވާން ފަށައިފިއެވެ. حسّان ފާރެއްގެ ކައިރީގައިއޮތް ހިޔާގަނޑެއްގައި އޭނާގެ މާބެގެ ދަރިކަލުން حَكَم އާއި ޢާއިލާގެ ބައެއް ޒުވާނުންނާ ވާހަކަ ދައްކަވަން ހުންނެވިއެވެ. قيس މެހުމާނުންގެ ކަންތައް ބެލެހެއްޓެވުމަށްޓަކައި ހަވޭލީގެ އެތެރެއާއި ބޭރުގައި ބުރުޖައްސަވަމުން ގެންދަވައެވެ. ކުއްލިޔަކަށް އޭނާ حسّان އަށް ސަމާލުކަން ދެއްވައިފިއެވެ. އޭނާ ކުރިޔަށް ވަޑައިގެން ވިދާޅުވިއެވެ. "ދަރިފުޅާއެވެ! ކަލޭވެސް އިރުކޮޅަކު އަރާމުކޮށްލާށެވެ. އަހަރެމެން ހަވީރު މިތަނުން ދަތުރުފަށާން ޖެހޭނެއެވެ. ދަރިފުޅާ حَكَم އެވެ! ކަލޭގެ އަޚާ ގޭތެރެއަށް ގެންދާށެވެ. މިހާގިނަ ބައެއްގެ ތެރޭގައި އޭނާއަކަށް އަރާމެއް ނުކުރެވޭނެއެވެ."

"މާބެއެވެ! އަޅުގަނޑު މިތަނަށް އައީ ކީއްވެގެންކަމެއް އަޅުގަނޑު އަދިއެއް ނުދަންނަވަމެވެ. މެހުމާނުންގެ ކުރިމަތީގައި މާބެ ކަންބޮޑުވެވަޑައިގަންނަވާނެގޮތް އަޅުގަނޑު ނެހެދީއެވެ."

قيس ކަންބޮޑުވެވަޑައިގަތުމާއެކު ވިދާޅުވިއެވެ. "ދަރިފުޅު ތިޔައައީ ހިތާމަވެރި ޚަބަރަކާއިގެން ހެއްޔެވެ؟"

حسّان ޖަވާބުދެއްވިއެވެ. "އާދޭހެވެ! އަޅުގަނޑު މާބެއަށް ދަންނަވަން އައީ އީރާނުމީހުން އަޅުގަނޑުމެންގެ ގެ އަންދައިލި ވާހަކައެވެ. ބައްޕައާއި سعد ޤަތުލުކޮށްލި ވާހަކައެވެ. އަޅުގަނޑުގެ ކޮއްކޮ عمّارة އޭނާގެ އަބުރު ރައްކާތެރިކުރުމަށްޓަކައި އަމިއްލައަށް މަރުވި ވާހަކައެވެ! އަޅުގަނޑުގެ އެންމެ ކުޑަކޮއްކޮ سُهيل ޒަޚަމްވެފައިވާ ޙާލުގައި ހެޔޮލަފާ މީހެއްގެ ގޭގައި ފިލައިހުރި ވާހަކައެވެ."

قيس އިރުކޮޅެއްވަންދެން ހިތާމަފުޅާއި ކަންބޮޑުވެވަޑައިގަތުމާއެކު حسّان އާ ދިމާޔަށް ބައްލަވަން ހުންނެވިއެވެ. އޭނާ ސުވާލުކުރެއްވިއެވެ. "ދަރިފުޅު އުޅުނީ އީރާނުގެ ސިފައިންގެ ތެރެޔަކު ނޫންހެއްޔެވެ؟ އެހެންވީއިރު އީރާނުމީހުން ދަރިފުޅުގެ ޢާއިލާއާ ދުޝްމިނުވީ ކީއްވެގެން ހެއްޔެވެ؟"

حسّان ޖަވާބު ދެއްވިއެވެ. "ޢަރައްބަކަށް ކިސްރާއަށްޓަކައި އޭނާގެ ފުރާނަ ހޭދަކޮށްލައިގެންވެސް އޭނާގެ ޢާއިލާ އަނިޔާއިން ސަލާމަތެއް ނުކުރެވޭނެއެވެ."

قيس ވިދާޅުވިއެވެ. "އާރެއް ބާރެއްނެތް މީހަކު ތިމާ ދުނިޔެއަށް އައީ ގަދަފަދަ މީހުން ދެކޮޅަށް ހަނގުރާމަފަށާކަށެއް ނޫންކަން ހަނދާން ނެތިއްޖެނަމަ އެމީހެއްގެ ނިމުމަކަށްވާނީ ހަލާކު ފިޔަވައި އެހެންގޮތެއް ނޫނެވެ. عُتُبـة އެންމެފަހުން ވަޑައިގެންނެވިފަހަރު ދެއްކެވި ވާހަކަތަކުން ޢަރަބި ޤަބީލާތައް އީރާނު މީހުންގެ ދަށުގައި ތިބުމަކީ އޭނާ ރުހިވަޑައިގަންނަވާ ކަމެއް ނޫންކަން އެނގުނެވެ. އަހަރެން ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އޭނާ ވިދާޅުވިއެވެ. قبــاد ފިޔަވައި އީރާނުގެ އެހެނިހެން ބިންވެރީން ޢަރަބި ދަނޑުވެރީންނާމެދު ކަންތައްކުރަނީ ނުހަނު އަނިޔާވެރިކޮށެވެ. ޢަރަބި ޤަބީލާތައް އީރާނީންނާ ދެކޮޅަށް ތެދުވާކަށް މާގިނަދުވަހެއް ނުވާނެއެވެ. އަހަރެން އޭނާއަށް ވިސްނައިދިނީމެވެ. އެފަދަ ގޮތެއް ދިމާވިޔަސް ބާޣީންނާ ބައިވެރިވެވަޑައިނުގަތުމަށް ނަސޭހަތްޕުޅު އެރުވީމެވެ. އީރާނުގެ ރަސްކަމަކީ ފަރުބަދައެކެވެ. ފަރުބަދައަކާ ދިމާކުރާ މީހަކަށް ބޯފެޅުން ނޫން އެހެން ނަތީޖާއެއް ނުހޯދޭނެއެވެ."

"އޭގެ ދުވަސްކޮޅެއްފަހުން މާބެއަށް އިވުނީ ދަރިފުޅު އީރާނުގެ ސިފައިންގެ ތެރެއަށް ވަން ވާހަކައެވެ. މާބެއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ދަރިފުޅު ރަނގަޅު މަގަކުން ހިނގަންފެށީތީއެވެ. އޭގެސަބަބުން ދަރިފުޅުމެންގެ ޢާއިލާއާ އީރާނުގެ ރަސްކަމާ ދެމެދު ހަމަނުޖެހުމެއް ނުހިނގާނެ ކަމަށެވެ. މާބެ ޔަޤީންކޮށްގެންހުރީ ކިސްރާގެ ލަޝްކަރުގައި ދަރިފުޅުގެ ނަން ފާހަގަކުރެވި ދަރިފުޅުގެ ޢާއިލާއަށް އިމްތިޔާޒުތަކެއް ލިބޭނެކަމަށެވެ. އެހެންކަމުން ދަރިފުޅުގެ ޢާއިލާއަށް އީރާނުމީހުން އަނިޔާކުރި ޚަބަރުދޭން ދަރިފުޅު އައިހިނދު މާބެގެ އެންމެފުރަތަމަ ސުވާލަކީ ތިޔަކުދީންނާއި އެބައިމީހުންނާ ދެމެދު ދުޝްމިންކަން އުފެދެން ދިމާވީ ކީއްވެގެންހެއްޔެވެ؟ ދަރިފުޅު ކޮންމެވެސް މައިދާނެއްގައި ފުރަގަސްދިނީ ހެއްޔެވެ؟ ނުވަތަ ޕަރުވޭޒު ބަލިފުޅުވުމަށްފަހު ޢަރަބި ދަނޑުވެރިއަކަށްވެސް އީރާނީ ރަސްކަން ކޮއްޕައިގަންނަވައި ލެވޭވަރަށް ނިކަމެތިވެއްޖަކަމަށް ދަރިފުޅުގެ ބައްޕަ ހީފުޅުކުރެއްވީހެވެ؟"

حسّان ގެ ނާރުފުޅުތަކުގައި ހިނގާ ހުރިހާ ލޭފޮދު އެއްފަހަރާ އޭނާގެ މޫނުފުޅަށް ޖަމާވިކަހަލައެވެ. ނަމަވެސް އޭނާ ވަރަށްބޮޑަށް ކެތްތެރިވެވަޑައިގެން އޭނާގެ ކޯފާ މަތަކުރެއްވުމަށްފަހު ވިދާޅުވިއެވެ. "މާބެއެވެ! އަޅުގަނޑު އެއްވެސް މައިދާނެއްގައި ބުރަކައްޓެއް ނުދައްކަމެވެ. އަދި އަޅުގަނޑުގެ ބައްޕައާއި ބޭބެވެސް އީރާނުގެ ރަސްކަމާ ޚިލާފަށް އެއްވެސް ކުށެއް ނުކުރައްވައެވެ. އެބޭފުޅުންގެ ހަމައެކަނި ކުށަކީ އެބޭފުޅުންނަކީ ޢަރަބީންކަމުގައި ވުމާއެކުވެސް އަމިއްލަ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރައްވާން އުޅުއްވިކަމެވެ. ރައްޔިތުންގެ ނިކަމެތި އަތްތައް ތިމާމެންގެ ކަނދުރާތަކާ ހަމައަށް ނުފޯރާކަމީ ވެރީންނަށް އަނިޔާކުރަން ލިބޭ ބަހަނާއެކެވެ. މާބެ ހުރިހައި ޙާދިޘާތަކެއްގެ ވާހަކަ އަޑުއެއްސެވުމުގެ ކުރީން ކުށްވެރީންނަކީ އަޅުގަނޑުމެން ކަމުގައި ޙުކުމް ކުރައްވާކަށެއް ނުޖެހެއެވެ. އަދި ބައްޕައާއި ބޭބެއާއި ކޮއްކޮގެ ބަދަލުހިފުމަށްޓަކައި އަޅުގަނޑު މާބެގެ އެހީ ހޯދަން އުޅޭކަމަށްވެސް ހީފުޅުނުކުރައްވާށެވެ. މާބެއަށް އަޅުގަނޑަށް އެއްވެސް އެހީއެއް ނުދެއްވޭނެކަން އަޅުގަނޑަށް އެނގެއެވެ. ޚާއްޞަކޮށް މާބެމެން މުސްލިމުންނާ ހަނގުރާމަ ކުރެއްވުމަށްޓަކައި އީރާނުގެ އެހީއަށް ބޭނުންފުޅުވެފައި ތިއްބެވި ދަނޑިވަޅެއްގައެވެ. އެކަމަކު އަޅުގަނޑު ކަނޑައެޅިގެން ދަންނަވާނަމެވެ. މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރުމުގައި ބަޙްރައިނުގެ އެކުވެރިއަކަށް އީރާނު ހިމެނުނުކަމުގައިވިޔަސް އަޅުގަނޑުގެ ހިތުގައި އެބައިމީހުންނާ ދެކޮޅަށް އުފެދިފައިވާ ނަފްރަތާއި ޢަދާވަތްތެރިކަން ކުޑައެއް ނުވާނެއެވެ. އަޅުގަނޑުގެ ނިކަމެތިކަމާއި އާރެއް ބާރެއް ނެތްކަމުގެ އިޙްސާސް އަޅުގަނޑަށް އެބައިމީހުންނާ ދެކޮޅަށް ބޯއުފުލައިލުމުގެ ހުއްދަ ނުދިނުމަކީ އެހެންކަމެކެވެ. އަޅުގަނޑުގެ ޙަޔާތުގެ އެންމެ މުހިންމު ވާޖިބު އަދާނުކުރެވުނުކަން އަޅުގަނޑުގެ މަރުދުވަހަށް ދާންދެން ހަނދާން ނައްތައެއް ނުލާނަމެވެ. މާބެއެވެ! އަޅުގަނޑު މިތަނަށް އައީ އަޅުގަނޑު ޙިމާޔަތެއް ހޯދާނެ އެހެންތަނެއް ނެތިގެންނެވެ. ނަމަވެސް އަޅުގަނޑު އެއްވެސް ޙާލެއްގައި މާބެއަކަށް ބަރަކަށް ނުވާނަމެވެ."

قيس ގެ ކަންބޮޑުވެވަޑައިގަތުން ހިތާމައިގެ ފުން އިޙްސާސަކަށް ބަދަލުވަމުންދާން ފަށައިފިއެވެ. އޭނާ حسّان ގެ ހިތްޕުޅު ހަމަޖައްސަވައިދެއްވާނެ އެކަށީގެންވާ ބަސްފުޅުތަކަކާމެދު ވިސްނައިވަޑައިގަންނަވަނިކޮށް ހަވޭލީގެ ބޭރުން މީހުންތައް ހަޅޭއްލަވާއަޑު އިވޭންފަށައިފިއެވެ. އޭނާ ސިހިވަޑައިގަތުމާއެކު ދޮރާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. އިރުކޮޅެއްގެ ތެރޭގައި މީހަކު ދުވެފައި އެތެރެއަށްވަދެ ގޮވައިލިއެވެ. "مثــنّـى بــن حــارثـــة رضى اللّـه عنــه އެބަވަޑައިގަންނަވައެވެ."

(ނުނިމޭ)