ޝެއިޚް އިމްރާން

މިވަގުތު ހޯމް މިނިސްޓަރު ކަމަށް އެންމެ ގާބިލު ބޭފުޅަކީ އިމްރާން: ޑރ. އިޔާޒު

ޝަހީދާ އަބްދުﷲ ސައީދު

ހޯމް މިނިސްޓަރުގެ މަގާމަށް މިވަގުތު އެންމެ ގާބިލު ބޭފުޅަކީ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚު އިމްރާން އަބްދުﷲ ކަމަށް ޝައިޚު ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝައިޚު އިމްރާންގެ މައްޗަށް އިއްވި ހުކުމް ގޯސްވެގެން ކުރިން ވާހަކަ ދެއްކި މީހުން މިއަދު އިމްރާންއާ މެދު ސުވާލު އުފައްދަމުންދާ ކަމަށެވެ.

އަދި މިވަގުތު ހޯމް މިނިސްޓަރު ކަމަށް އެންމެ ގާބިލު ބޭފުޅަކީ އިމްރާން ކަމަށާއި، އެފަދަ ބޭފުޅަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓްގައި ހުރުން މުހިންމު ކަމަށް ޑރ. އިޔާޒުގެ ޓުވީޓުގައި ވިދާޅުވިއެވެ.

އިޔާޒު މިފަދައިން ވިދާޅުވިއިރު، ޝައިޚު ޒައިދުވެސް ވަނީ އެކަމާ ބެހޭގޮތުން މިއަދު ޓުވީޓެއް ކުރައްވާފައެވެ.

އަލީ ޒައިދުގެ ޓުވީޓުގައި ވިދާޅުވީ ޝައިޚު އިމްރާންގެ މައްޗަށް އިއްވި ހުކުމަކީ މުޅިން ބާތިލު ހުކުމެއް ކަމަށެވެ. އަދި އެހެން އެކަން އިއްވައި، ސުޕްރީމް ކޯޓުން ވަނީ ހުކުމާ ބެހޭ އެންމެހައި ކަމެއް މަޑުޖައްސަން ވެސް އަންގާފައި ކަމަށާއި، އެހެންކަމުން އިމްރާނަށް މަގާމު އަދާނުކުރެވެންވީ އެއްވެސް ސަބަބެއް އޭނާއަށް ފެނިވަޑައިނުގަންނަވާ ކަމަށް ޒައިދުގެ ޓުވީޓުގައި ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި މިނިސްޓަރުންގެ ޝަރުތުތައް ވަރަށް ސާފުކޮށް ކަނޑައަޅާފައިވެއެވެ. އެގޮތުން ގާނޫނު އަސާސީގެ 130 ވަނަ މާއްދާގެ (ށ)ގައި ދެ ހާލަތެއް މެދުވެރިވެފައިވާ މީހަކަށް މިނިސްޓަރުކަން ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ސާބިތު ދަރަންޏެއް އޮތުން ނުވަތަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާ ނަމައެވެ.

އަނެއް ހާލަތަކީ ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު ޖަލު ހުކުމެއް އިއްވާފައިވާ މީހެއްނަމަ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމް މާފުކުރިތާ ތިން އަހަރުވެފައިނުވާ މީހަކަށްވުމެވެ. އެފަދަ ހާލަތެއްގައި އެމީހަކަށް މިނިސްޓަރުކަން ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ.

ވަކީލުން ވިދާޅުވާ ގޮތުގައި އިމްރާންގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްފައިވީ ނަމަވެސް އެ ހުކުމް ބާތިލްކޮށްފައި ނެތުމަކީ އޭނާގެ ޝަރުތު ގެއްލޭ ކަމެކެވެ.