އަދާލަތު ޕާޓީގެ ރައީސް އައްޝައިޚު އިމްރާން އަބްދުﷲއަށް ހޯމް މިނިސްޓަރުގެ މަގާމު އަދާ ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިހް އިމްރާންގެ މައްޗަށް ވަނީ ޖިނާއީ ކުށެއް ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމެއް މީގެކުރީން އިއްވާފައެވެ.
އެކަމާ ގުޅިގެން ޝައިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝެއިހް އިމްރާނަށް އިއްވި ހުކުމަކީ މުޅީން ބާތިލު ހުކުމެއް ކަމަށެވެ.
"މިކަން މިހެން އޮއްވާ ސުޕްރީމް ކޯޓުން ވަނީ ހުކުމާ ގުޅޭ އެންމެހާ ކަމެއް މަޑުޖައްސަންވެސް އަންގާފައި، އެހެންވީމާ ޝެއިޚްއަށް އެ މަގާމު އަދާ ނުކުރެވެންވީ ސަބަބެއް ނުފެނޭ،" އޭނާ ވިދާޅުވިއެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވާއިރު ޝެއިހް އިމްރާން ވަޒީރު ކަމަށް އައްޔަން ކުރެއްވުމުގައި ގާނޫނީ ހުރަހެއް އޮތްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވަނީ ވިދާޅުވެފައެވެ. އޭނާގެ އިތުރުން ބައެއް އިތުރު ގާނޫނީ ވަކީލުންވެސް ދަނީ އެފަދަ މޭރުމަކުން ވާހަކަ ދައްކަވަމުންނެވެ.
ވަކީލުން ވިދާޅުވާ ގޮތުގައި އިމްރާންގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްފައިވީ ނަމަވެސް އެ ހުކުމް ބާތިލްކޮށްފައި ނެތުމަކީ އޭނާގެ ޝަރުތު ގެއްލޭ ކަމެކެވެ.
އަދި އިމްރާންގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ޙުކުމް މިހާތަނަށް ސުޕރީމް ކޯޓުން ބާޠިލްކޮށްފައެއް ނުވެއެވެ. އިމްރާން ޖަލުން މިނިވަން ވެފައި ވަނީ އިމްރާންގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޒު ކުރުން ފަސްކޮށް، މިނިވަންކުރުމަށް ކޯޓުން އަމުރު ކުރުމުންނެވެ.