ރީކޯ މޫސާ މަނިކް

ފަތުރުވެރިކަމުގެ އިންވެސްޓަރުންނާއި މުވައްޒަފުންގެ ހައްގުތައް ދިނުމުގައި އަލީ ވަހީދުގެ މަސައްކަތް ފާހަގަކޮށްލެވޭ: މޫސަ

2

ފަތުރުވެރިކަމަށް އިންވެސްޓް ކުރާ ފަރާތްތަކުގެ ހައްގުތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ހޯދައިދިނުމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މަސައްކަތް ވަރަށް ފާހަގަކޮށްލެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖާ ގުޅޭގޮތުން ދާދި ފަހުން މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން މިނިސްޓަރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އަލީ ވަހީދުގެ ދިފާއުގައި މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިގުތިސާދު އޭގެ މައްޗަށް ބަރޯސާވާ ފަތުރުވެރިކަމުގައި ބޭނުމީ ވަކި ބައެއްގެ ހިއްސާއެއް ނޫންކަން އަލީ ވަހީދުގެ މަސައްކަތުން ފާހަގަވާ ކަމަށެވެ.

"ރާއްޖޭގެ އިގުތިސާދު އެ މައްޗަށް ބަރޯސާވާ ފަތުރުވެރިކަމުގައި ބޭނުމީ ވަކި ބައެއްގެ ހިއްސާ ނޫން ކަމާއި، އިންވެސްޓްކުރާ މީހާގެ ހައްގުތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ވެސް ދިނުމުގައި މިނިސްޓަރު އަލީ ވަހީދުގެ މަސައްކަތް ވަރަށް ފާހަގަކުރެވޭ." އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ބައެއް އިސް ލީޑަރުން ވަނީ މިނިސްޓަރުގެ ދިފާއުގައި ވާހަކަދައްކަވައިފައެވެ. އެގޮތުން އަލީ ވަހީދުގެ ދިފާއުގައި ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ހިމެނިވަޑައިގަންނަވައެވެ.

މިދިޔަ ބުދަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖު ދޭ އަދަދުތައް މިނިސްޓްރީން ފެންނަން އެބަހުރި ކަމަށެވެ. އަދި ސިނާއަތުގައި އިންވެސްޓް ކޮށްގެން ތިބި މައިގަނޑު ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ބައެއް ފަހަރު ރިސޯޓުން ކަނޑާލުމުން އެކުއްޖާ ދައްކާ ވާހަކަ މެއިން ސްޓްރީމުވާ ކަމަށާއި އެ ޝަކުވާތައް ގިނަ ފަހަރު ޓުވީޓު ކޮށްފައި ހުންނަނީވެސް ވަގު އެކައުންޓުތަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމުން މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖާ ގުޅޭ ގޮތުން މީޑިއާގައި ދެއްކެވި ވާހަކައިގެ މަފްހޫމު ނުވަތަ މާނައިން އެންމެ ރައްޔިތަކުވެސް ހިތުގައި ނުތަނަވަސްކަމެއް ވާނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރިސޯޓު މުވައްޒަފުންނާއި އިންޑަސްޓްރީގެ މަސައްކަތްތަކުގެ މަހުން މަހަށް މީޑިއާއާއި ރައްޔިތުންނަށް ހިއްސާ ކުރައްވާ ކަމަށާއި ކުރާ އިހުލާސްތެރި މަސައްކަތް މިނާނީ ރައްޔިތުން ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟