އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ އޮފިޝަލުން ބަންގާޅަށް

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ)ގެ އޮފިޝަލުން އިއްޔެ ބަންގުލަދޭޝްއަށް ފުރައިފިއެވެ.

އޭއައިސީން ބުނީ، މި ދަތުރަކީ އެގައުމަށް އެރި ތޫފާން "ބުލްބުލް"ގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ގެދޮރު އިމާރާތްކޮށްދިނުމަށް އެ ހަރަކާތުން ހިންގާ "މެންޑިން ލައިވްސް"ގެ ޕްރޮޖެކްޓް ހިނގާގޮތް އަމަލީ ގޮތުން ބެލުމަށްޓަކައި ކުރާ ދަތުރެއް ކަމަށެވެ. އަދި އެ ދަތުރުގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތްކުރާ ގެއެއް ހެދުމުގެ މަސައްކަތުގައި އައިއޭސީގެ ޓީމުން އަމަލީ ގޮތުން ބައިވެރިވާނެއެވެ.

އެ ދަތުރުގައި އައިއޭސީގެ ފަރާތުން ބަންގުލަދޭޝްއަށް ފުރާފައިވަނީ އެ ހަރަކާތުގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޝާޒު އަދި އެޗްއާރު ޑިރެކްޓަރު އަބްދުﷲ ރިޒްވީއެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބަންގުލަދޭޝްއަށް އެރި ތޫފާނުގެ ސަބަބުން 2.1 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވާއިރު މީހުން ދިރިއުޅުނު 4000ގެ ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ. އަދި 289,006 ހެކްޓަރުގެ ދަނޑުބިން ހަލާކުވެފައިވާއިރު މިއީ ބަންގުލަދޭޝްގެ ދަނޑުބިމުގެ 14 އިންސައްތައެވެ. މީގެއިތުރުން 72,000 މެޓްރިކްޓަނުގެ ގޮވާން ހަލާކުވެ، 31 މިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ލިބިފައެވެ.

އެކަން ހައްލުކުރުމަށްޓަކައި އެކަން ހިނގި ދުވަސްތަކުގެ ތެރޭގައި އައިއޭސީގެ ފަރާތުން ވަގުތުން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއްވަނީ ފަށައިފައެވެ. އެގޮތުން އިމާރާތްކުރާ ވަގުތީ ހިޔާގެ ތެރެއިން ތިން ގެއެއްގެ މަސައްކަތް ނިމިފައިވާއިރު ހަތަރު ވަނަ ގޭގެ މަސައްކަތް ވަނީ ފަށައިފައެވެ. އައިއޭސީގެ އޮފިޝަލުން ބަންގުލަދޭޝްއަށް ކުރާ ދަތުރުގައި އިތުރު ތިން ގެއެއްގެ މަސައްކަތް ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެކި ކާރިސާތަކުގައި ގެއްލުން ލިބޭ މީހުންނަށް އައިއޭސީން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އެހަރަކާތުން މިހާރު ވެސް ވަނީ ފިނި މޫސުމަށް އަމާޒުކޮށްގެން ޕްރޮޖެކްޓެއް ފަށައިފައެވެ.

އައިއޭސީން ބުނީ، "ވިންޓާ ޕްރޮޖެކްޓް" ގެ ދަށުންވެސް ބަންގުލަދޭޝް އަދި ރޮހިންޔާގެ އިތުރުން ޔަމަން، ފަލަސްތީން އަދި ސީރިޔާއަށް އެހީވުމަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ. އެ އެހީގެ ދަށުންވެސް ބޯހިޔާވަހި ކަމާއި ކާނާ އަދި އަންނައުނު ފަދަ ތަކެތި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދޭގޮތަށްވަނީ ހަމަޖެހިފައެވެ.

"ވިންޓާ ޕްރޮޖެކްޓް" ގެ ދަށުން ހިންގާ ކެމްޕެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އެކައުންޓުތަކަށެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފެއްޓުނު ހަރަކާތެކެވެ. އެހީ ޖަމިއްޔާގެ އިސްނެގުމާއެކު، އިތުރު ޖަމިއްޔާތަކެއް އެކުވެގެން 2016 ވަނަ އަހަރުގެ ފަހުކޮޅުގައި އުފެދުނު މިހަރަކާތުގެ ފަރާތުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަފާތު ކެމްޕެއިންތައްވަނީ ހިންގާފައެވެ. މިގޮތުން، ސީރިޔާ، ގާޒާ، ރޮހިންޔާ، ޔަމަން، ސްރީލަންކާ އަދި ބަންގްލަދޭޝް ފަދަ ބޮޑެތި ޤައުމަތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.