އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލުމަށް އަޑު އުފުލަމުން އަންނަތާ ގަރުނަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް އޭގެ ހަގީގީ ނަތީޖާ ހާސިލުވާން އަދި ކައިރިވެސް ނުވެއެވެ.
އެކަމުގެ ހެއްކަކީ މިދިޔަ ދިހަ އަހަރުގެ ދިރާސާތަކަށްފަހު ވޯލްޑު ބޭންކުން ނެރުނު ރިޕޯޓުގައި ފިރިހެނުންނާއި އަންހެނުންނަށް ހަމަހަމަ ހައްގުތަކެއް ލިބިދީފައިވަނީ ދުނިޔޭގެ އެންމެ ހަ ގައުމުގައި ކަމަށް ބުނެފައިވުމެވެ. ގާނޫނީ އަދި އިގުތިސާދީ ގޮތުން ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް ކުރެވުނީވެސް މަޑު ދުވެއްޔެއްގައެވެ.
ރާއްޖޭގެ ތާރީހަށް ބަލާއިރު ދިވެހި އަންހެނުންނަށް އިހުގައި ނުލިބޭފަދަ މިނިވަންކަން ހޯދައިދެވުނީ 1950ގެ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައެވެ. އެމަނިކުފާނުގެ ވެރިކަމުގައި މުޖުތަމައުގައި އެކިއެކި ހަރަކާތްތަކުގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ މިނިވަންކަމާއި އަންހެނުންނަށް ތައުލީމުދިނުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނެވިއެވެ.
އޭގެ ފަހުން ރާއްޖޭގެ ވެރިކަމާ ހަވާލުވެ، ފައިބައިގެން ދިޔަ ސަރުކާރުތަކުން ވެސް އަންހެނުންނަށް ފުރިހަމަ އެއްބާރުލުމާއި ހިތްވަރު ލިބޭނެކަމަށް ބުންޏެވެ. އެހެނަސް އެކަން ހަގީގަތަކަށް ނުވިއެވެ. ގޮތް ނިންމުމުގެ މުގުލުގައި ގިނައިން ތިބީ ފިރިހެނުންނެވެ.
އެގޮތުން ރާއްޖޭގެ ސިވިލް ސާވިސްގެ ހިސާބުތައް ޖަހާއިރު 60 ޕަސެންޓް އަންހެނުން ހިއްސާކުރާއިރު، އެންމެ މަތީ ފަންތީގައި އަންހެނުންގެ ނިސްބަތަކީ އެންމެ 39 ޕަސެންޓެވެ. އެއީ ބަދަލުކުރަން ޖެހޭ ސަގާފަތެއް ކަމަށް ވިދާޅުވެ ރާއްޖޭގެ ވެރިކަމާ އެންމެ ފަހުން ހަވާލުވެވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ނިމިގެން މިދާ އަހަރަކީ އަންހެނުން ބާރުވެރިކުރުވުމަށް ދިވެހި ތާރީހުގައި ވެސް ނުކުރާ ފަދަ ގިނަ މަސައްކަތްތަކެއް ކުރި އަހަރެކެވެ. ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅާ އެއް ގޮތަށް، އެކަންކަން ވަނީ ހަގީގަތަކަށް ހައްދަވައި ދެއްވައިފަ އެވެ. އަންހެނުން ބާރުވެރިކުރުވުމަށް ގާނޫނުން ވެސް ވަނީ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާފަ އެވެ. ނިމިގެން މިދާ އަހަރަކީ ދައުލަތް ހިންގާ ތިން ބާރުގެ އެންމެ މަތީ ހަރުފަތްތަކުން ވެސް އަންހެނުންނަށް ފަހި ފުރުސަތުތަކެއް ލިބުނު އަހަރެކެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ދާއިރާއެއްގައިވެސް، މަތީ މަގާމުތަކުގައި، އަންހެނުންގެ ހިއްސާ މިހާރަށްވުރެ ބޮޑަށް އިތުރުކުރަން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ އެ އަމާޒަށް،"
މިއީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުން ބޮޑު ކާމިޔާބެއް ހޯއްދެއްވި އިބްރާހިމް މުހައްމަދު ސޯލިހު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އައި ފުރަތަމަ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ތަންކޮޅެކެވެ.
ތެދުފުޅެކެވެ. ރައީސް ސޯލިހުގެ ވެރިކަމަށް އެއް އަހަރު ފުރި ދެވަނަ އަހަރަކަށް އަލިވިލޭއިރު، އެމަނިކުފާނުގެ އަމާޒު ފުރަތަމަ ދުވަހުން ފެށިގެން ވެސް ސާފެވެ. އެ އަމާޒު ހާސިލުކުރެއްވުމުގެ މަސައްކަތްޕުޅު ރައީސް ސޯލިހު ފެއްޓެވީ އެމަނިކުފާނުގެ ކެބިނެޓުންނެވެ.
އެގޮތުން ބަންޑާރަ ނައިބާއެކު ކެބިނެޓުގައި 20 މިނިސްޓަރުން ތިއްބެވިއިރު، ހަތް މިނިސްޓަރުންނަކީ އަންހެން ބޭފުޅުންނެވެ. އެއީ ކެބިނެޓުގެ 35 ޕަސަންޓެވެ. އޭގެ ތެރެއިން ރާއްޖޭގެ ތާރީހުގައި ޑިފެންސް މިނިސްޓަރަކަށް އެންމެ ފުރަތަމަ އަންހެން ބޭފުޅަކަށް ފުރުސަތު ދެއްވުން ފާހަގަކޮށްލެވެ އެވެ.
ރައީސް ސޯލިހު މި ނިންމެވުމާއެކު ރާއްޖެއަކީ މިއަދު 30 ޕަސެންޓާއި 35 ޕަސެންޓާ ދެމެދުގެ އަދަދަކަށް އަންހެން ވަޒީރުން ކެބިނެޓުގައި ހިމެނޭ ދުނިޔޭގެ 10 ގައުމުގެ ތެރެއިން އެއް ގައުމެވެ. ވަޒީރުންގެ މަޖިލިސް އެކުލަވާލާފައިވާ ގޮތަށް، ޔުނައިޓެޑް ނޭޝަންސް (އދ.) އިން ވެސް ވަނީ ތައުރީފު ކޮށްފައެވެ.
ނޮވެމްބަރު 17 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވެވަޑައިގެން، ކެބިނެޓް އިއުލާން ކުރެއްވި ނަމަވެސް ވުޒާރާތަކުގެ މަސައްކަތްތައް ފެށިގެން އައީ މިއަހަރުގެ ތެރޭގައިކަން ފާހަގަކޮށްލަން ޖެހެއެވެ.
ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުންގެ ފެންވަރުގެ މަގާމުތަކުގައި 126 ބޭފުޅުން ތިއްބެވި އިރު އޭގެ ތެރެއިން 40 ޕަސެންޓަކީ އަންހެން ބޭފުޅުންނެވެ.
ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފަސް އަންހެން ބޭފުޅުންނަށް ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ހުވާ ކުރި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ހަތަރު އަންހެން މެންބަރުންނެވެ.
މިހިނގާ މަޖިލީހުގައި އަންހެން މެންބަރުންގެ އަދަދު މަދުވި ނަމަވެސް، އެބޭފުޅުންގެ ހިންގުންތެރިކަމާއި މަޖިލީހުގައި އަދާކުރައްވާ ދައުރަށް ބަލައި ނަންބަރު ޖަހައި ހިސާބު ހަދާނަމަ، މި މަޖިލީހަކީ އަންހެން ބޭފުޅުންގެ ދައުރު އެތައް ގުނައަކުން ބޮޑު މަޖިލީހެކެވެ.
ސަބަބުތައް ބައިވަރެވެ. އެންމެ ފުރަތަމަ ކަމަކަށް ރާއްޖޭގެ ތާރީހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާ އިންނެވީ މިހިނގާ މަޖިލީހުގައެވެ. މަޖިލީހުގެ 76 މެންބަރުންގެ އަގުލަބިއްޔަތުން ނައިބު ރައީސާ ކަމަށް އައްޔަންވެވަޑައިގެން، ދިވެހި ތާރީހުގެ އެންމެ ބޮޑު ރައްޔިތުންގެ މަޖިލީހުގެ ދެވަނައަށް އެންމެ މަތީ މަގާމުގެ ޒިންމާ ނުހަނު ހިންގުންތެރިކަމާ އެކު އަދާކުރައްވަމުން އެ ގެންދަވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
އޭގެ އިތުރުން މަޖިލީހާގުޅޭ 18 ދާއިމީ ކޮމިޓީއެއް އުފައްދާފައިވާއިރު، އޭގެ ތެރެއިން ފަސް ކޮމިޓީއެއްގައި އަންހެން މެންބަރުންގެ ހިއްސާ އެބަ އޮތެވެ. އަންހެން މެންބަރުން ހިއްސާވާ ގިނަ ކޮމެޓީތަކަކީ ވެސް މުހިންމު ނިންމުންތައް ނިންމާ ކޮމެޓީތައްކަން ފާހަގަކޮށްލަން ޖެހެއެވެ. އޭގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އާއި ޖުޑީޝިއަރީ ކޮމިޓީ އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ހިމެނެއެވެ.
މީގެ ތެރެއިން ދެ ކޮމިޓީއެއްގެ މުގައްރިރުކަން ވެސް ކުރައްވަނީ އަންހެން މެންބަރުންނެވެ. އެ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރަކަށް ރޮޒޭނާ އިންނަވާއިރު ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުގައްރިރަކީ ޖީހާންއެވެ.
މިއީ 18 ވަނަ ރައްޔިތުންގެ މަޖިލީހާ އަޅައިބަލާއިރު މުގައްރިރުންގެ ގޮތުގައި އަންހެން މެންބަރުން ތިއްބެވި އަދަދަށްވުރެ އިތުރު އަދަދެކެވެ.
ހަމައެއާއެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް އައްޔަން ކުރައްވާފައިވަނީ ވެސް އަންހެން ބޭފުޅެކެވެ. އެ މަގާމަށް އައްޔަން ކުރެއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލާ ހިސާން ހުސެއިންއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން މިއަހަރު ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ކަމުގެ މަގާމާއި ކައުންސިލާ ޖެނެރަލް އަދި އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި ވެސް ތިއްބެވީ އަންހެން ބޭފުޅުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ޖުމުލަ 149 މުވައްޒިފުން ތިބޭއިރު، އޭގެން 64 ޕަސަންޓަކީ ވެސް އަންހެނުންނެވެ. އަންހެން މެންބަރުންގެ އަދަދު ތަޅުމުގައި މަދު ނަމަވެސް، މި އަހަރު ރައްޔިތުންގެ މަޖިލިސް ފެނިގެން ގޮސްފައި ވަނީ ދިވެހި ތާރީހުގައި ވެސް ނުދެކޭ ފަދަ، ނިސްބަތަކަށް އެބޭފުޅުންގެ ދައުރު ބޮޑު މަޖިލީހެއްގެ ގޮތުގަ އެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ކަމަށްވާ ޖުޑިޝަރީގެ ދާއިރާއަށް ވެސް މި އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރު ކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ފަސް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗު ހަތް ފަނޑިޔާރުންނަށް ބަދަލުކުރިއެވެ. އަދި ކުރީގެ ފަނޑިޔާރުން ދުރުކޮށް ފަނޑިޔާރުންގެ ބެންޗު އާކުރި އެވެ.
މިއަހަރަކީ ޖުޑިޝަރީ ތެރޭގައި އެތައް ކަމެއް ފުރަތަމަ ފަހަރަށް ހިނގި ތާރީހީ އަހަރެކެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގެ އެންމެ މަތީ ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރީ ވެސް މިއަހަރުގެ ތެރޭގައެވެ.
ރައްޔިތުންގެ މަޖިލީހުގެ 62 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން އައްޔަންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އޭގެފަހުން، ސުޕްރީމު ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރަށް ސުޕްރީމު ކޯޓު ހިންގެވުން ހަވާލުކުރިއިރު، ގާނޫނުއަސާސީގެ ދަށުން ލައިދޭންޖެހޭ ހުވައެއް، އަންހެން ފަނޑިޔާރަކު ފުރަތަމަ ފަހަރަށް ވަނީ ލައިދެއްވައިފައެވެ. މި ދެކަމަކީ ވެސް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވެގެންދިޔަ ކަންކަމެވެ.
ސުޕްރީމު ކޯޓުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ހަޔާތުގައި ވެސް މިއަހަރަކީ ތާރީހީ އަހަރެކެވެ. އެއީ ފުރަތަމަ ފަހަރަށް އެ ކޮމިޝަންގެ ރައީސް ކަމަށް އަންހެން ބޭފުޅަކު އައްޔަންކުރެއްވުމާއި ސުޕްރީމު ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަނަށް އިންތިހާބުކުރާ ފަނޑިޔާރަކަށް ވެސް އަންހެން ބޭފުޅަކު އައްޔަން ކުރެއްވުމެވެ.
އެގޮތުން ޖޭއެސްސީގެ ރައީސް ކަމަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ކޮމިޝަނުގައި އިންނަވާ ހިސާން ހުސެއިންއެވެ. ސުޕްރީމު ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރެއްވީ އާއިޝާ ޝުޖޫން މުހައްމަދެވެ.
ހާރިޖީ ގުޅުމަކީ ގައުމެއްގެ ނިސްބަތުގައި ހާއްސަ އަދި މުހިންމު ކަމެކެވެ. ހާއްސަ ގޮތެއްގައި ރާއްޖެފަދަ ކުޑަ ގައުމަކަށް އެކަމުގެ މުހިންމުކަން ބޮޑެެވެ. ނަމަވެސް މީގެ ކުރިން އެފަދަ މުހިންމު ގުޅުންތައް ބަދަހި ކުރުމަށް އަބަދުމެ ތިބެނީ ފިރިހެނުންނެވެ. އެކަން ވެފައި އޮތީ ސަގާފަތަކަށެވެ. ނަމަވެސް މިހާރު އެކަން ބޮޑުތަނުން ބަދުލުވެއްޖެއެވެ.
އެގޮތުން ރާއްޖެއިން 18 ގައުމަކަށް ސަފީރުން ކަނޑައަޅުއްވާފައި ތިއްބެވިއިރު، އޭގެ ތެރެއިން ހަތް ގައުމެއްގެ ސަފީރުންނަށް ކަނޑައަޅުއްވާފައި ވަނީ އަންހެން ބޭފުޅުންނެވެ.
އޭގެ އިތުރުން ރާއްޖޭގެ ފަރާތުން އދ. އަށް ފުރަތަމަ ފަހަރަށް އަންހެން ދާއިމީ މަންދޫބެއް ވަނީ ކަނޑައަޅުއްވައިފައެވެ. އެ މަގާމަށް އައްޔަންކުރެއްވީ ތިލްމީޒާ ހުސެއިންއެވެ. އަދި ދާދި ފަހުން ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އައިމިނަތު އަބްދުﷲ ދީދީ ވަނީ، އިންޑިއާގެ ޓްރިވެންޑުރަމްގައި ހުންނަ ދިވެހިރާއްޖާގެ ކޮންސިއުލޭޓްގެ ކޮންސުލް ޖެނެރަލްގެ މަގާމަށް އައްޔަން ކުރައްވައިފައެވެ. މިއީ ކޮންސުލް ޖެނެރަލްގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވި ވެސް ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ އެހެން ގިނަ ދާއިރާތަކެކޭ އެއްގޮތަށް މިނިވަން މުއައްސަސާތަކުގެ މުގުލުގައި ވެސް ކުރިން ތިބީ ފިރިހެނުންނެވެ. މިނިވަންކަމާއި މުސްތަގިއްލުކަން އިސްކުރާނެ ކަމަށް ބެލެވުނު އެ މުއައްސަސާތަކުން މީގެ ކުރިން ރައްޔިތުން އެދޭ ހެޔޮ ބަދަލުތަކެއް ފެނިފައެއް ނުވެއެވެ.
އެކަން ބަދަލުކުރުމަށް މިއަހަރުގެ ތެރޭގައި މިނިވަން ބައެއް މުއައްސަސާތަކުގެ ވެރިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންނެވި ބަދަލަކީ އަންހެން ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރެއްވުމެވެ.
އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ކަމަށާއި ނައިބު ރައީސް އަދި މެންބަރު ކަމަށް ވެސް އަންހެން ބޭފުޅަކު މިއަހަރުގެ ތެރޭގައި އައްޔަން ކުރެއްވިއިރު، ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާއާއެކު ތިން މެންބަރުންނަކީ އަންހެން ބޭފުޅުންނެވެ.
އޭގެ އިތުރުން ވަޒީފާއާބެހޭ ޓްރިބިއުނަލްގެ ނައިބު ރައީސް ކަމުގައި ވެސް ހުންނެވީ އަންހެން ބޭފުޅެކެވެ. އެ މަގާމާއެކު ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ވަޒީފާއާބެހޭ ޓްރިބިއުނަލްގައި ހަތަރު އަންހެން ބޭފުޅުން ތިއްބަވައެވެ.
މިދިޔަ ސަރުކާރުގައި އެންމެ ބޮޑެތި ތުހުމަތުތަކާއި ފާޑުކިޔުންތައް އަމާޒުވި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުންގާނު ވެސް ދާދިފަހުން ހަވާލުކޮށްފައިވަނީ އަންހެން ބޭފުޅަކަށެވެ. އެއީ ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާއެވެ.
ދިވެހިން މިއަހަރު ނިންމާލީ ވެސް އަންހެނުންގެ ދައުރު ނުވަތަ އަންހެނުން ބާރުވެރި ކުރުވުމަށް ނިންމި ބޮޑު ނިންމުމަކާއެކުއެވެ. އެއީ ސަރުކާރުން ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުން މިމަހުގެ ތެރޭގައި ފާސްކުރި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކުއެވެ.
އެ އިސްލާހާ އެކު ކައުންސިލްތަކުން އަންހެނުންނަށް 33 ޕަސެންޓު ގޮނޑި ވަނީ މިހާރުވެސް ޔަގީންވެފަ އެވެ. މިއީ ތާރީހީ ބޮޑު ބަދަލަކެވެ. މި ބަދަލާ އެކު އަންނަ އަހަރު، ކައުންސެލަރުންގެ ގޮތުގައިި، ސިޔާސީ މަގާމު ތަކުގައި 400 ވަރަކަށް އަންހެނުން ތިބޭނެ އެވެ. މިއީ ސިޔާސީ މައިދާނުން އަންހެނުންނަށް ދިވެހި ތާރީހުގައި ހުޅުވައިދިން އެންމެ ބޮޑު ފުރުސަތެވެ.
އެއާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންނަށް 384 ގޮނޑި ވަނީ ޔަގީންވެފައެވެ. އެއީ ރަށު ކައުންސިލުތަކަށް އިންތިހާބުކުރާ 372 އަންހެން ކައުންސިލަރުންނާއި ސިޓީތަކަށް އިންތިހާބުކުރާ 12 އަންހެން ކައުންސިލަރުންނާއެކުއެވެ. މިއީ ޔަގީން އަދަދެވެ. ދެން ހުރި ގޮނޑިތަކަށް ވެސް އަންހެނުންނަށް ކުރިމަތިލެވޭނެތީ، އަންހެނުންނަށް ލިބޭ ގޮނޑީގެ އަދަދު 400 އަށް ވުރެ މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ.
އެހެންކަމުން 2019 ވަނަ އަހަރަށް އަލްވަދާއު މި ކިޔަނީ، އަންހެނުންނަށްގެ ދައުރު އިތުރު ކޮށްދީފައެވެ. އެމީހުންނަށް ވެސް ބާރުތަކެއް ހޯދައިދީފައެވެ. ކުރިއަށް އޮތް 2020 އަހަރަކީ ލާމަރުކަޒީ ނިޒާމުގައި ވެސް އަންހެނުންގެ ދައުރާއި ހިންގުންތެރިކަން ފެނިގެންދާނެ އަހަރެއް ކަމަށް ދިވެހިން އުންމީދުކުރެއެވެ. މި ބޮޑެތި ބަދަލުތަކާ އެކު، ކުރިޔަށް ހުރި އަހަރު ތަކަކީ އަންހެނުން އެކި ދާއިރާތަކުން އިތުރު އުސްމިންތަކަށް ދާނެ އަހަރުތަކެއް ކަމަށް ބެލެވެ އެވެ. ވަކީން ހާއްސަކޮށް، ގާނޫނީ ގޮތުން ލާޒިމު ކުރާ 384 ގޮނޑި ކާމިޔާބު ކުރާ 384 އަންހެނުންނަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކޮށްލާ ބަޔަކަށް ވުމުގެ ފުރުސަތު ވެސް ބޮޑެވެ. 2019 ވަކިވެގެން އެ ދަނީ އަންހެނުންނަށް ދިވެހި ގައުމުން ތާރީހީ ފުރުސަތުތަކެއް ހުޅުވައިދީފަ އެވެ. 2020 ވަނަ އަހަރު ވެގެން ދާނީ ހުރިހާ ރަށެއްގައި ވެސް ބަސްބުނެ ކަންކަން ނިންމުމުގެ މަރުހަލާގައި ގިނަ އަދަދަކަށް އަންހެނުން ތިބޭ އެމީހުން ބާރުވެރިކޮށްދޭ އަހަރެއްގެ ގޮތުގަ އެވެ.