އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 20

އަބްދުﷲ ފާރޫގް ހަސަން

1

حسّان އިރުކޮޅެއްވަންދެން އެ ރާހިބާ ދިމާޔަށް ބައްލަވަން އިންނަވައިފައި ވިދާޅުވިއެވެ. "ކަލޭގެފާނަކީ ކްރިސްޓިޔަނަކަށް ވާއިރުވެސް މުސްލިމުންނަށް ތާއީދުކުރައްވަނީތޯއެވެ؟"

ރާހިބު ޖަވާބުދެއްވިއެވެ. "އަހަންނަކީ ކްރިސްޓިޔަނެއްކަމުގައި ވިޔަސް އަހަންނަކީ ޙަޤީޤަތަށް ލޯބިކުރާ މީހަކީމެވެ. އިސްލާމްދީނަކީ މިޒަމާނުގެ އެންމެ ފާޅުކަންބޮޑު ޙަޤީޤަތެވެ. އިރު އޭގެ އަލިދޯދިތަކާއެކު އުދަވުމުން އަހަރެމެންނަކަށް ދެލޯމަރައިލައިގެން އަދި ފަތިހެއް ނުވެޔޭ ކިޔަކިޔައެއް ނުތިބެވޭނެއެވެ. އަހަރެންގެ ހުރިހާ ހެޔޮދުޢާތަކެއްވަނީ މާތް اللّـه ގެ އެ ހެޔޮލަފާ އަޅުންނާ އެކުގައެވެ. އެއީ މިބިންމަތީގައި ޢަދްލުއިންޞާފުގެ ދިދަޖަހަމުންގެންދާ މީހުންނެވެ. އަހަރެންކަހަލަ ދުނިޔެ އަޅައިފައިހުރި މީހަކަށް މިޢުމުރުގައި ކަނޑި ހިފައިގެން ޢަމަލީގޮތުން އެޤާފިލާއަކާ ބައިވެރިއެއް ނުވެވޭނެއެވެ. ނަމަވެސް އަހަރެން މަރުވަންދެންވެސް އިންތިޒާރުކުރަމުން ގެންދާނީ ޙިޖާޒުގެ ކޮންމެވެސް ދަތުރުވެރިޔަކު މިޚާނުގާހުގެ ދޮރުގައި ޓަކިދޭތޯއެވެ. އަހަރެން އެމީހަކު މޭގައި ޖައްސައިލައިފައި ބުނާނަމެވެ. އަހަރެން ކަލޭމެންގެ އިންތިޒާރުގައި ހުންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އަހަރެންގެ ހަށިގަނޑުވެސް ކަލޭގެ ހަށިގަނޑެކޭ އެއްގޮތަށް ވަރުގަދަނަމަ އަހަރެންގެ ޢުމުރަކީވެސް ކަލޭގެ ޢުމުރުކަމުގައިވީނަމަ އަހަރެން ކަލޭ ގާތު ބުނީމުހެވެ. އަހަރެމެން ދެމީހުން މިގަނަތެޅެނީ ވަހުމްތަކުގެ އަވާމެންދުރެއްގެ ތެރޭގައެވެ. ކަލޭ ކޮންމެވެސް ތާޒާ ކަދުރު ބަގީޗާއެއް ހޯދަން ބޭނުންކަމުގައިވާނަމަ އަހަންނާއެކު ހިނގާށެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. މައްކާއާއި މަދީނާ މިހިސާބާ ވަރަށް ދުރެވެ. އަހަރެންގެ ބަލިކަށި ފަޔަކަށް ކުޑަކުޑަތަންކޮޅަކަށްވުރެ ދުރަކަށް އަހަރެންގެ ހަށިގަނޑުގެ ބަރުދަނެއް ނުއުފުލޭނެއެވެ. އަހަރެން މިޚާނުގާހުގެ ދޮރުމަތީގައި އެމަތިވެރި ޤާފިލާއަށް އިންތިޒާރު ކުރާނަމެވެ. އިންސާނިއްޔަތުގެ ހުރިހައި މާތްކަމަކާއި ކަރާމަތެއް ފޮރުވިފައިވަނީ އެޤާފިލާގެ ހިރަފުހުގެ ތެރޭގައެވެ. ނަމަވެސް ކަލެއަކީ ޒުވާނަކީމުއެވެ. ދަތުރުކުރާ މަގުމަތީން ދިމާވާ ފަރުބަދަތަކާއި، ކޯރުތަކާއި ޞަޙަރާތައް ކަލެއަށް ހުރަސްކުރެވިދާނެއެވެ. މާތް اللّـه ގެ އެ ތެދުވެރި އަޅުންނާއެކު ކަލެޔަށް ހަނގުރާމައިގެ މައިދާންތަކުގައި ބައިވެރިވެވިދާނެއެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ލޯތަކުގެ ތޫނުފިލިކަމުން ސިންގާތަކުގެ ހިތްތައްވެސް ރޫރޫއަޅާ މީހުންނެވެ."

حسّان ގެ ހިތްޕުޅު އުއްމީދުން ފުރިގެންދިއުމާއެކު ވިދާޅުވިއެވެ. "ޢަރަބިކަރައިގައި އިސްލާމްދީނުގެ މުސްތަޤްބަލު އޮތީ ކޮންގޮތަކަށްކަމެއް އަޅުގަނޑަކަށެއް ނޭނގެއެވެ. ނަމަވެސް ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ ދިދައުފުލާ ބައެއްގެ ޤާފިލާ ޢިރާޤާ ދިމާޔަށް ދަތުރުފަށައިފިނަމަ އަޅުގަނޑު އެބަޔަކާ ބައިވެރިވާނަމެވެ. އީރާނުގެ ބޮޑުރަސްކަމާ ހަނގުރާމަ ފެށުމުން ޢަސްކަރީގޮތުން މުސްލިމުންނަށް ކާމިޔާބު ލިބުމުގެ އެކަށޭނަކަންއޮތީ ކިހައިވަރަކަށްތޯ ވިސްނާކަށެއް ނުހުންނާނަމެވެ."

ރާހިބު ޖަވާބުދެއްވިއެވެ. "ކަލޭ އެޤާފިލާގައި ބައިވެރިވެއްޖެނަމަ އެޤާފިލާގެ ކޮންމެ ފިޔަވަޅެއްވެސް އަޅަމުން ގެންދެވެނީ ފަތަޙައާ ދިމާޔަށްކަން ކަލެއަށް ޔަޤީންވާނެއެވެ. އަންނަންއޮތް ޖީލުތަކުގައި އަމާންކަމާއި މިނިވަންކަން ހޯދަން ދަތުރުކުރާ މީހުން އެބައިމީހުންގެ މަގުހޯދަމުން ގެންދާނީ ކަލޭމެންގެ ފިޔަވަޅުތަކުގެ އަސަރުންނެވެ."

حسّان ތެދުވެވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑު ދިއުމުގެ އަމުރުދެއްވާށެވެ. އަޅުގަނޑަށް ސަލާމަތުގެ މަގު ފެނިއްޖެނަމަ ޝުކުރުއަދާކުރުމަށްޓަކައި ކޮންމެވެސް ދުވަހަކުން ކަލޭގެފާނުގެ އަރިހަށް އަންނާނަމެވެ. މިވަގުތު އަޅުގަނޑުގެ ޙަޔާތުގެ އެންމެބޮޑު މައްސަލައަކީ ކުޑަކުޑަ ކޮއްކޮއަކު އަނިޔާވެރިއެއްގެ ކިބައިން ސަލާމަތްކުރުމެވެ. އެއަނިޔާވެރިޔާއަކީ ދުނިޔޭގެ އެއްވެސް ބާރެއްދެކެ ބިރުން އަނިޔާކުރުމުން އެއްކިބާވާނެ މީހެއް ނޫނެވެ."

ރާހިބު ވިދާޅުވިއެވެ. "މިހާރު ހަވީރުވާން އުޅެނީއެވެ. މިރޭ މިތާގައި މަޑުކުރާންވީ ނޫންހެއްޔެވެ؟"

"ނޫނެކެވެ! އަޅުގަނޑުގެ ކޮއްކޮ އަޅުގަނޑަށް ލިބޭތޯ ކަލޭގެފާނު ދުޢާކޮށްދެއްވާށެވެ."

"އަހަރެން ކަލެއަށްޓަކައި ހެޔޮދުޢާކުރާނަމެވެ. ކަލޭގެ ނަމަކީ ކޮބައިހެއްޔެވެ؟"

"އަޅުގަނޑަށް ކިޔަނީ حسّان އެވެ. ކަލޭގެފާނުގެ ނަންފުޅަކީ ކޮބައިތޯއެވެ؟"

ރާހިބު ޖަވާބު ދެއްވިއެވެ. އަހަރެންގެ ނަމަކީ ޔޫޙަންނާއެވެ."

އިރުކޮޅެއްފަހުން حسّان ހުންނެވީ މުސްކުޅިފުޅު ރާހިބަށް އަލްވަދާޢު ވިދާޅުވާށެވެ.

+ + + + +

حسّان އޭނާގެ މާބެގެ ގެއަށް ވަޑައިގަތުމުން އެގޭގައި ކޮންމެވެސް ބޮޑު ޖާފަތަކަށް ތައްޔާރުވެފައިވާހެން ހީފުޅުވިއެވެ. قيس بــن أرقــم ގެ ކިއްލާއެއްކަހަލަ ގޭގެ ހަތަރުފާރުން ބޭރުގައި ވަށައިގެންއޮތް ކަދުރު ބަގީޗާގެ ތެރޭގައި ސަތޭކަފަންސާހެއްހައި އަސްބަނދެފައި ތިއްބެވެ. حسّان އަސްމަތީން ފައިބައިވަޑައިގަންނަވާއިރަށް މީހަކު އައިސް އޭނާގެ އަސްކޮޅުގެ ލަގަނުގައި ހިފަހައްޓައިފައި ބުނެފިއެވެ. "ކަލާ އަވަހަށް އެތެރެއަށް ވެދެވަޑައިގަންނަވާށެވެ. މެހުމާނުން ފަރިއްކުޅުއްވާން އިށީނދެވަޑައިގެންފިއެވެ."

"މިއީ قيس بــن أرقــم ގެ ގެހެއްޔެވެ؟" حسّان ސުވާލުކުރެއްވިއެވެ.

"އާދޭހެވެ! މިއީ އޭނާގެ ގެއެވެ."

"މި މެހުމާނުންނަކީ ކޮންބައެއްހެއްޔެވެ؟"

"މިހިސާބުގަނޑުގެ ޤަބީލާތަކުގެ ކުރިޔަށް ތިއްބެވި ވެރީން މިއަދު މިގޭގައި ބައްދަލުކުރައްވަނީއެވެ. އެނގިވަޑައިގެންފައެއް ނެތްތޯއެވެ؟"

"އަހަރެންގެ މަޠުލަބަކީ މިބައްދަލުވުމުގެ ބޭނުމަކީ ކޮބައިކަން އޮޅުންފިލުވުމެވެ."

"ކަލާއަށް މިބައްދަލުވުމުގެ ބޭނުން އެނގިވަޑައިގެންފައި ނުވާނަމަ އެތެރެއަށް ވެދެވަޑައިގަތުމުގެ ބޭނުމެއް ނެތެވެ. މިއަދު އެއްވެސް ބޭރުމީހަކު މިއަވަށަށް އައުން ރަނގަޅެއް ނޫނެވެ."

"އަހަންނަކީ ބޭރުމީހެއް ނޫނެވެ. މިއީ އަހަރެންގެ މާބެގެ ގެއެވެ."

"ކަލާގެ މާބެގެ ގެއޭތޯއެވެ؟ ކަލާ ތިޔަވަޑައިގަތީ ޢިރާޤުންތޯއެވެ؟"

"އާނއެކެވެ."

"މަޢާފުކުރައްވާށެވެ. ކަލާއަކީ މުސްލިމުންގެ ޖާސޫސެއްކަމަށް އަޅުގަނޑަށް ޝައްކުވީއެވެ. ކަލާގެ މާބެ حـطـم بـن ظبـيعــة އަށް ދަޢުވަތެއް ދެއްވީއެވެ. މިހިސާބުގަނޑުގެ ޤަބީލާތަކުގެ ބޮޑުން ވަޑައިގެން އުޅުއްވަނީ އޭނާއާ ބައްދަލުކުރެއްވުމަށެވެ. حـطـم އައިސްގެން އުޅެނީ ކަލާގެ މާބެއާއި ދެންތިއްބެވި ބޮޑުން މުސްލިމުންނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވެވަޑައިގަންނަވާތޯ ބަލަންވެގެންނެވެ."

"حـطـم بـن ظبـيعــة އަކީ ކާކުހެއްޔެވެ؟"

އޭނާއަކީ ބަޙުރައިނުގެ ވެރިޔާ نـعمـان بــن مــنــذر ގެ ކަނާތެވެ. އަދި މުސްލިމުން ބަޙުރައިނުން ބޭރުކޮށްލަން އެއްބަސްވެފައިވާ ޤަބީލާތަކުގެ ލީޑަރެވެ. ބަޙުރައިނުގައި ތިބި ބިދޭސީން ޚާއްޞަކޮށް އީރާނުގެ ވިޔަފާރިވެރީން އެބައިމީހުންގެ ލީޑަރެއްކަމުގައި ބަލަނީ އޭނާއެވެ."

حسّان ވިދާޅުވިއެވެ. "އަހަރެން ބަނޫތަމީމާއި މުސައިލަމަތާއި އަދި އެނޫންވެސް ބާޣީ ޤަބީލާތަކާ ދެކޮޅަށް މުސްލިމުން ހޯދި ފަތަޙައިގެ ޚަބަރު އަހައިފީމެވެ. އެއީ ތެދެއްކަމުގައިވާނަމަ ބަޙުރައިނުގެ އަހުލުވެރީން މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރުމަކީ އަމިއްލައަށް މަރުވުންފަދަ ކަމެކެވެ. އަހަންނަށް ޔަޤީނެވެ. އަހަރެންގެ މާބެއާއި އޭނާގެ ޤަބީލާ ހަލާކުގެމަގު އިޚްތިޔާރުކުރާ ބަޔަކާ ބައިވެރިއެއް ނުވާނެއެވެ."

ޒުވާނާ ޖަވާބުދިނެވެ. "ކަލާގެ މާބެ މުސްލިމުންގެ ބާރާމެދު ބިރުފުޅުގެންނުވޭތޯ ކަލާ އުޅުއްވައިފިނަމަ އޭނާ ކަލާއަކީ އޭނާގެ ކޮއްކޯފުޅުގެ ދަރިކަލުންކަންވެސް ޤަބޫލެއް ނުކުރައްވާނެއެވެ. އޭނާވަނީ حـطـم بـن ظبـيعــة އާ ބައިވެރިވެވަޑައިގަންނަވަން ކަނޑައަޅުއްވައިފައެވެ. އޭނާ މިދަޢުވަތު ބޭއްވެވީ މިހާތަނަށް އެކަމަށް ފަސްޖެހިވަޑައިގެންފައި ތިއްބެވި ބޮޑުން حـطـم ގެ ދިދައިގެ ދަށަށް ޖަމާކުރެއްވުމަށްޓަކައެވެ. އަޅުގަނޑަށް ޔަޤީނެވެ. މިތަނަށް ޙާޟިރުވެވަޑައިގެން ތިއްބެވި ބޭފުޅުންކުރެ އެއްވެސް ބޭފުޅަކު، އެބޭފުޅަކު މުސްލިމުންދެކެ ބިރުފުޅުގެން ވަޑައިގެންފިކަމުގައި ވާހަކަދެކެވޭކަށް ޤަބޫލުފުޅެއް ނުވާނެއެވެ. އަނެއްކޮޅުން ބަޙުރައިނުގެ މަސްރަޙު އަޅުގަނޑުމެން ފިކުރުބޮޑުވާހައި ނުރައްކަލެއްވެސް ނޫނެވެ. އަޅުގަނޑުމެންގެ އެންމެފުރަތަމަ މަޤްޞަދަކަށްވާނީ މިތާގެ މުސްލިމުން ބަލިކޮށްލުމެވެ. އެއަށްފަހު ޙިޖާޒުގެ މުސްލިމުންގެ ލަޝްކަރެއް އަޅުގަނޑުމެންނާ ދެކޮޅަށް ޙަމަލަދީފިނަމަ އީރާނުގެ ބޮޑު އެމްޕަޔަރ އަޅުގަނޑުމެންގެ ބުރަކަށި ޙިމާޔަތްކޮށްދޭނެއެވެ. ރަތްކަނޑުން ފެށިގެން ޕާޝިއަން ގަލްފާ ހަމައަށް މުޅި ޢަރަބިކަރަ މުސްލިމުންގެ ބާރުގެ ދަށުގައި އޮތުމަކީ އީރާނު އެއްގޮތަކަށްވެސް ޤަބޫލުކުރާނެ ކަމެއްނޫނެވެ. ބަޙުރައިނުގައި މިހާރު ކަންތައްހުރިގޮތުން ކަންބޮޑުވެގެން ހުރިހާ މުސްލިމުންވަނީ ޖުވާޘާއަށް ޖަމާވެފައެވެ. حـطـم ގެ ލަޝްކަރު އެބައިމީހުން ވަށައިލައިގެން މަޑުމަޑުން ދަތިކުރަމުން އެބަގެންދެއެވެ. حـطـم މާލަސްތަކެއްނުކޮށް މުސްލިމުން ބަލިކޮށްލައިފިނަމަ އެފަތަޙައިގެ އަސަރު މުޅި ޢަރަބިކަރަޔަށް ފޯރާނެއެވެ. މުސްލިމުންގެ އެންމެފަހުގެ ކާމިޔާބުތަކުގެ ސަބަބުން ހިތްވަރު އެލިފައިތިބި ޤަބީލާތައް ދެވަނަފަހަރަށް ތެދުވެ ހިންދެމިލާނެއެވެ."

حسّان ސުވާލުކުރެއްވިއެވެ. "ބަޙްރައިނުގައި އިސްލާމްދީންމަތީ ތިބިމީހުންގެ ލީޑަރަކީ ކާކުހެއްޔެވެ؟"

"އެބައިމީހުންގެ ލީޑަރަކީ عـلاء بــن الحـضـرمــى އެވެ. އެއީ މީގެ ދުވަސްކޮޅެއްކުރީން މުސްލިމުންގެ ނަބިއްޔާ ފޮނުއްވި ސަފީރެކެވެ. އޭނާގެ ގޮވައިލެއްވުމަށް ވަރަށްގިނަ ޤަބީލާތައް އިސްލާމްވިއެވެ. ނަމަވެސް محمّد ގެފާނު (صلّى اللّـه عليه وسلّم) އަވަހާރަވެ، ބަޙުރައިނުގައި ވައިގެ މިސްރާބު ބަދަލުވުމުން އޭނާއަށް އެނބުރިވަޑައިގަތުން މަޖުބޫރުވެއްޖެއެވެ. މިހާރު އޭނާގެ މަޤާމާ ޙަވާލުވެވަޑައިގެންހުންނެވީ ޢަބްދުލްޤައިސް ވަންހައިގެ ނުފޫޒުހުރި ރައީސެއްކަމުގައިވާ جــارود بــن مُعــَـلّى އެވެ. އޭނާގެ މުޅި ޤަބީލާވަނީ އިސްލާމްދީންމަތީ ސާބިތުވެއެވެ. ނަމަވެސް حـطـم އާއި އޭނާގެ އެކުވެރިން އެންމެ ނުރައްކާތެރި ބޭފުޅެއްކަމުގައި ދެކެނީ مثــنّـى بــن حــارثـــة الشّيبانـى އެވެ. އޭނާ މުސްލިމުންނާ ބައިވެރިވެވަޑައިނުގެންނެވިނަމަ މިހާތަނަށް އަޅުގަނޑުމެން މުސްލިމުން ތަޅައި ސުންނާފަތި ކޮށްފީމުހެވެ."

"އޭނާ ވަޑައިގެންވީ ކޮންތަނަކުހެއްޔެވެ؟"

"އޭނާގެ އަވަށްވަނީ މިތަނާ ހަތަރު މަންޒިލެއްހައި ދުރުގައެވެ. ނަމަވެސް އޭނާ މިދުވަސްވަރު ގޭގައި މަޑުން ހުންނެވުމުގެ ބަދަލުގައި ބަޙުރައިނުގެ ހަތަރުބިތަށް ދަތުރުކުރައްވަނީއެވެ. މުސްލިމުންގެ ކަންތައް ބަލަހައްޓަވަނީއެވެ. އެބައިމީހުން އެކަތިގަނޑަކަށް ހައްދަވަނީއެވެ. نـعمـان އާއި حـطـم އެމީހުންނާ ބައިވެރިކުރުވާ ބޮޑުންގެ ޤަބީލާތަކަށްވެސް مثــنّـى ކުޑަވެސް ފަސްޖެހިވަޑައިގަތުމަކާނުލައި ވަޑައިގަންނަވައެވެ. މިހާތަނަށް އޭނާ ނުފޫޒުހުރި ވަރަށްގިނަ ބޮޑުންނާއި އެބޭފުޅުންގެ ޢާއިލާ ދެވަނަފަހަރަށް އިސްލާމްކުރައްވައިފިއެވެ. حـطـم މިވެނި ސަރަޙައްދެއްގެ ޤަބީލާތައް އޭނާއާ ތަބާކުރުވި ވާހަކަ އިވޭތާ ދެދުވަހެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އިވެނީ مثــنّـى އެހިސާބުގަނޑަކަށް ވަޑައިގެންނެވި ޚަބަރެވެ. ބާޣީ ޤަބީލާތައް އަލުން އިސްލާމްވާ ވާހަކައެވެ. މާފުކުރައްވާށެވެ. މިއީ ވާހަކައިގެ ވަގުތެއްނޫނެވެ. ކަލާ އެތެރެއަށް ވެދެވަޑައިގެން މެހުމާނުންނާއެކު ފަރިއްކުޅުއްވާށެވެ. އަޅުގަނޑު ކަލާގެ އަހަށް ވިނައާއި ފެނުގެ އިންތިޒާމު ހަމަޖައްސާނަމެވެ."

حسّان ވިދާޅުވިއެވެ. "އަހަރެން އެތެރެއަށް ވަނުމުގެ ކުރީން އަދި އެއް ސުވާލުކޮށްލާނަމެވެ. އެސުވާލަކީ މިބައިމީހުން މުސްލިމުންނާ ހަނގުރާމަކުރާން ކަނޑައަޅައިފިނަމަ ކަލޭ ޖެހޭނީ ކޮންފަރާތަކަށް ހެއްޔެވެ؟"

ޒުވާނާ ޖަވާބު ދިނެވެ. "ޒާތީގޮތުން އަޅުގަނޑުގެ ހިތުގައި މުސްލިމުންނާމެދު އެއްވެސް ދެކޮޅުވެރިކަމެއް ޢަދާވަތްތެރިކަމެއް ނެތެވެ. ނަމަވެސް ކަލާގެ މާބެއަކީ އަޅުގަނޑުމެންގެ ވެރިޔާއެވެ. އޭނާ މުސްލިމުންނާ ހަނގުރާމަކުރައްވަން ކަނޑައަޅުއްވައިފިނަމަ އަޅުގަނޑަށް އަޅުގަނޑުމެންގެ ޤަބީލާއަކާ ވަތްކެއް ނުވެވޭނެއެވެ."

"އަހަރެން އެތައް އަހަރަކުއްސުރެ އަހަރެންގެ މާބެއެއް ނުދެކެމެވެ. އެހެންކަމުން މެހުމާނުންގެ ތެރެއިން އޭނާ ފާހަގަކުރަން ވަރަށް ދަތިވާނެއެވެ. މާބެ މެހުމާނުންނާއެކު ފަރިއްކުޅުއްވަން އިށީނދެވަޑައިގެންފިނަމަ ރަނގަޅުވާނީ ނިމިވަޑައިގަންނަވަންދެން އިންތިޒާރުކޮށްލުމެވެ."

ޒުވާނާ ބުންޏެވެ. "ކެއުމުގެ ކަންތައް އަދި ކިރިޔާ ފެށުނީއެވެ. ކަލާ އަޅުގަނޑާއެކު އެތެރެއަށް ހިންގަވާށެވެ. މެހުމާނުން ކާންފެށީ ދާދި ދެންމެއަކުއެވެ. ކަލާގެ މާބެ ނިމިވަޑައިގަތުމުން އަޅުގަނޑު އޭނާއަށް ކަލާ ތަޢާރަފްކޮށް އަރުވާނަމެވެ."

حسّان ޒުވާނާއާއެކު އެތެރެއަށް ވެދެވަޑައިގެން ތަނަވަސް ސަނދުވާގެ ދަށުގައި ފަތުރައިލެވިފައިވާ ބޮޑު ސުފުރާގެ އެއްފަރާތެއްގައި އިށީނދެވަޑައިގެންފިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟