2019 ވަނަ އަހަރު ރާއްޖެއަށް އެންމެ ޝަރަފުވެރި ކާމިޔާބީތައް ހޯދައިދިން ދެ އެތުލީޓުންނަކީ ކޮބައިތޯ އެހުމުން އެ ސުވާލަށް ޖަވާބުދިނުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. ޝައްކެއްވެސް ނެތް ގޮތުގައި އެ އެތުލީޓުންނަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި އުމުރުން އެންމެ 11 އަހަރުގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއެވެ.
ސާއިދަކީ 2010 ވަނަ އަހަރު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަން ފެށި ފަހުން ދިވެހިންނަށް ޝަރަފު ހޯދައިދެމުން އަންނަ އެތުލީޓެކެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން އުމުރުން ހަގު ދީމާ ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި އޭނާގެ ހުނަރު ދައްކަން ފަށައިފައެވެ. ކިތަންމެ ހަގު ނަމަވެސް، ދީމާ އަންނަނީ ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް ކުރި ހޯދައިފައެވެ.
ސާއިދު ވަނީ 2019ގައި ބިޔަ، ބޮޑެތި ގައުމުތައް ވެސް ފަހަތަށް ޖައްސައިފައެވެ. އާބާދީއާއި ވަސީލަތުގެ ގޮތުން މާ ފުރިހަމަ، ގައުމުތައް ހަމަބިމަށް ތިރިކޮށް، ދިވެހި ރާއްޖޭގެ ދިދަ، އެންމެ އުހަށް އުފުލައިދީފައެވެ. މިގައުމުގެ ހުރިހާ ރައްޔިތުންގެ ޝަރަފު އެ ދިދައިގެ ހިޔަލަށް އުފުލާލަ ދިން އެތުލީޓަކީ ހަސަން ސާއިދެވެ. ނިމިގެން މިދާ އަހަރު ރާއްޖޭގެ ތަރިއަކީ ސާއިދެވެ.
ސިފައިންގެ ހިދުމަތުގައި ވެސް ފަހުރަކަށްވި ސާއިދަކީ މިއަދު ގައުމީ ބަތަލެކެވެ. މި ރާއްޖެ ނުދެކޭ ފަދަ އެތުލީޓެކެވެ. މުޅި އޭޝިއާގެ ވެސް ތާރީހީ ރަން ތަރިއެކެވެ. ފިލްމުތަކާއި، ޑޮކިއުމެންޓަރީތައް ހައްގު، ހަގީގީ "ހީރޯ" އެކެވެ. ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސައިން ބޯލްޓްގެ ކާމިޔާބީތައް ނުލިބުނު ކަމުގައިވިޔަސް، ސާއިދަކީ ކުޑަކުޑަ ޖަޒީރާ ގައުމެއްގެ ނަން، މުޅި ސަރަހައްދުގައި ފަވާލަދިން ފަހުލަވާނެކެވެ. ސާއިދަކީ ދެކުނު އޭޝިއާގެ ބޯލްޓެވެ.
ސައުތު އޭޝިއަން ގޭމްސް 2019ގެ 100 މީޓަރު ދުވުމުގައި ފައިނަލުގައި ވާދަކޮށް، ސާއިދު ވަނީ ރަން މެޑަލް ހޯދައިފައެވެ. އެ މެޑެލާއެކު މިހާރު ސާއިދަކީ ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާއެވެ. އޭގެ އިތުރުން ސާއިދު ވަނީ އެ ގޭމްސްގެ 200 މީޓަރު ދުވުމުގެ ލޯ މެޑަލް ވެސް ހޯދައިފައެވެ. އެ މެޑަލްތަކާއެކު ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ހޯދި މެޑަލްތަކުގެ އަދަދު ވަނީ ފަހަކަށް އަރައިފައެވެ.
ދީމާއަށް ބަލައިލާ އިރު، އޭނާއަކީ 2019ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ތަރިއެވެ. އައިއޯއައިޖީގައި ރާއްޖޭގެ ނަން ފަވާލަ ދިން އެތުލީޓަކީ ދީމާއެވެ. ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް އިން ހޯދި ތާރީހީ ބޮޑު ކާމިޔާބީގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔަކީ ވެސް އެޓީމުގެ އެންމެ ހަގު ކުޅުންތެރިޔާ، ދީމާއެވެ.
އައިއޯއައިޖީގައި ދީމާ ވަނީ ޓީޓީގެ މިކްސް ޑަބަލްސް ފިޔަވައި، އެހެން ހުރިހާ އިވެންޓެއްގެ ރަން މެޑަލް ހޯދައިފައެވެ. އެއީ ބައިނަލްއަގުވާމީ ކުޅިވަރު ގޭމްސްއަކުން މީގެ ކުރިން ދިވެހި އެތުލީޓަކަށް ލިބިފައިވާ ވަރުގެ ކާމިޔާބީއެއް ނޫނެވެ. ދީމާ ވަނީ މިއަހަރުގެ އައިއޯއައިޖީގެ އަންހެން ސިންގަލްސް، ޑަބަލްސް އަދި ޓީމު އިވެންޓުގެ ރަން މެޑަލް ހޯދައިފައެވެ.
ދީމާގެ ފަހަތުން ދެން އެންމެ ކާމިޔާބު އެތުލީޓަކީ އަންހެން ޓީޓީ ކުޅުންތެރިޔާ އާއިޝަތު ރަފާ ނާޒިމެވެ. އުމުރުން 16 އަހަރުގެ ރަފާ ވެސް އެ ޝަރަފު ހޯދީ މިއަހަރުގެ އައިއޯއައިޖީގައި ހޯދި މެޑަލްތަކުންނެވެ. ރަފާ ވަނީ އަންހެން ޑަބަލްސް އަދި ޓީމު އިވެންޓުގެ ރަން މެޑެލް ހޯދައިފައެވެ. އޭގެ އިތުރުން ރަފާ ވަނީ އަންހެން ސިންގަލްސް އިވެންޓުގެ ރިހި މެޑެލް ހޯދައިފައެވެ.
ރާއްޖޭގެ އެއްވަނަ ކުޅިވަރަކީ ފުޓުބޯޅައެވެ. ނަމަވެސް ސާފް ޗެމްޕިއަންޝިޕް 2018ގެ ކާމިޔާބަށްފަހު ފުޓުބޯޅަ ފެންނަނީ ވަރަށް ހާލަތު ދަށް ކުޅިވަރެއްގެ ގޮތުގައެވެ. ކާމިޔާބީތައް ހޯދުމަށް ކުރި އަމާޒުތައް ދިޔައީ ފެނަށެވެ.
ސައުތު އޭޝިއަން ގޭމްސް 2019އަށް ރާއްޖޭގެ ފިރިހެން ފުޓުބޯޅަ ޓީމު ނުކުތީ ރަން މެޑަލް ހޯދުމުގެ އަޒުމުގައެވެ. ޒުވާން ނަމަވެސް، ރާއްޖޭގެ ގައުމީ ޓީމުން އާންމުކޮށް ޖާގަ ހޯދަމުން އަންނަ ކުޅުންތެރިންނާއެކު ގޭމްސް ނިންމާލަން ޖެހުނީ އެއްވެސް މެޑައްޔެއް ނުލިބި ހުސްއަތާއެވެ. ރާއްޖެއިން ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅެއް ހޯދިފައެއް ނުވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނާކާމިޔާބަކީ ބޫޓާން އަތުން ބަލިވުމެވެ.
ރާއްޖޭގެ ގައުމީ ފިރިހެން ޓީމުގެ އުންމީދު ހާސިލު ނުވި ނަމަވެސް، އަންހެން ޓީމުން ވަނީ ތާރީހީ ކާމިޔާބެއް ހޯދައިފައެވެ. ގައުމީ އަންހެން ޓީމުން ވަނީ ސައުތު އޭޝިއަން ގޭމްސްގައި ލޯ މެޑަލް ހޯދައިފައެވެ. އެ ކާމިޔާބަކީ ރާއްޖޭގެ ގައުމީ އަންހެން ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
ފުޓުބޯޅައެކޭ އެއްގޮތަށް ރާއްޖޭގެ ވޮލީބޯޅަ ވެސް އޮތީ ވަރަށް ހާލުގައެވެ. ވޮލީބޯޅައިގެ ހިންގުމުގެ ދާއިރާގައި އޮތީ ހަނގުރާމައެވެ. އަހަރު ނިމިގެންދިޔައީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފާއި ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ސަލީމް (ހީނާ ސަލީމް)ގެ ހަނގުރާމައަށް ނިމުމެއް ނެތިއެވެ. އެ ހަނގުރާމައިގެ ސަބަބުން ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީން ވަނީ ރާއްޖެއަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.