ބޮލީވުޑް

އާއިލާއާއެކު ޖޫހީ ރާއްޖޭގައި

މަގުބޫލު ބޮލީވުޑް މެގާ ސްޓާ ޖޫހީ ޗައުލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ޖޫހީ ވަނީ މީސް މީޑިއާ މެދުވެރިކޮށް ރާއްޖޭގައި އުޅޭކަން އޭނާގެ ފޭނުންނާ ހިއްސާކޮށްފައެވެ.

އިއްޔެ މެންދުރު ޖޫހީ ޕޯސްޓުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ އާއިލާއާ އެކު ރާއްޖޭގައި އުޅޭކަމަށް ބުނެފައެވެ. ވީޑިއޯއިން ފެންނަނީ ސަންސެޓް ކްރޫޒެއްގައި އާއިލާ އެކުގައި ކޯމަސް ބަލާ މަންޒަރެވެ.

ޖޫހީ ރާއްޖެ އައިސްފައި ވަނީ ފިރިމީހާ ޖެއި މެހެތާ އާއި އޭނާގެ ދެ ކުދިން އަދި އާއިލާގެ ބައެއް މެންބަރުންނާވެސް އެކުގައެވެ.

ޖެއި ވެސް ވަނީ އެއާއިލާ ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީއާ ގުޅޭގޮތުން އިންސްޓަގްރާމުގައި ފޮޓޯ ހިއްސާކޮށްފައެވެ. އެގޮތުން އިއްޔެ އެއާއިލާއިން ވަނީ ޑައިވަކަށްވެސް ގޮސްފައެވެ.

ޖެއިގެ ޕޯސްޓުތަކުން އެއާއިލާއިން ޗުއްޓީ ހޭދަކުރަމުން ދަނީ ފޯ ސީޒަންސް ރިސޯޓުގައި ކަން އެނގެ އެވެ.

ރާއްޖެއަކީ ބޮލީވުޑް ތަރިންގެ މެދުގައި މަގުބޫލު ޑެސްޓިނޭޝަނެކެވެ. ގިނަ ބަޔަކު ފޮލޯކުރާ މި ތަރިން ރާއްޖެ އައިސް ނަގާ ފޮޓޯތައް އިންޓަނެޓުގައި ހިއްސާކުރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ފައިދާ ކުރެއެވެ.