ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ހަތަރު މަހާއި 24 ދުވަހަށް ރިޔާޒު ޖަލަށްލުމަށް އިއްވާފައިވާ ހުކުމް ވަނީ މިމަހުގެ 15 ވަނަ ދުވަހު ތަންފީޒުކޮށް ނިމިފައެވެ.
ރިޔާޒު މިނިވަންކުރުމަށް ކޯޓުން ހުކުމްކުރީ ރިޔާޒު އިތުރަށް ބަންދުގައި ބަހައްޓާނެ އެއްވެސް ސަބަބެއް ނެތް ކަމަށް މައްސަލަ ބެއްލެވި ގާޒީ ވިދާޅުވުމަށްފަހުއެވެ.
އެ ހުކުމުގެ މުއްދަތު މިމަހުގެ 15 ވަނަ ދުވަހަށް ހަމަވި ނަމަވެސް، ރިޔާޒު ހައްޔަރުން ދޫކޮށްލައިފައެއް ނުވެއެވެ. ސަބަބެއް ކަމަށް ކަރެކްޝަނުން ބުނީ، ފުލުހުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކަމަށެވެ.
ރިޔާޒުގެ މައްޗަށް ހައި ކޯޓުން އިއްވި ހުކުމުގެ މުއްދަތު ހަމަވެފައިވި ނަމަވެސް، މިނިވަން ކޮށްފައިނުވާތީ ރިޔާޒް މިނިވަން ކޮށްދިނުމަށް ހެބިއަސް ކޯޕަސް މައްސަލައެއް ވެސް ކޯޓަށް ހުށަހަޅާފައިވެއެވެ. ރިޔާޒަށް ޖަލު ހުކުމެއް އައިސްފައިވަނީ ފުލުހުންގެ ތަހުގީގަށް އޭނާގެ ފޯނުގެ ޕިން ޖަހައި ނުދިން މައްސަލައިގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށް ސާބިތުވެގެންނެވެ.