ސަންދީޕް ރެޑީ ވަންގާ ފިލްމު "ޑެވިލް" އިއުލާން ކުރުމާއެކު ގިނަ އަޑުތަކެއް ވަނީ ފެތުރިފައެވެ.
އޭގެ ތެރޭގައި ފިލްމުގެ ބަތަލުގެ ގޮތުގައި ރަންބީރު ކަޕޫރު ފެނިގެންދާނެ ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ. ރަންބީރުވެސް ފިލްމަށް ޝައުގުވެރިކަން ފާޅުކުރި ކަމަށް ވަނީ ވާހަކަ ދެކެވިފައެވެ.
ނަމަވެސް މިހާރު މިވަނީ އެވާހަކަތައް ބަދަލުވެފައެވެ. ރަންބީރު ދެވަނަ ހިޔާލެއް ގެންގުޅޭކަމުގެ އަޑުތައް މިހާރުވަނީ މީޑިއާތަކަށް ތިލަވެފައެވެ.
ސަންދީޕަކީ ޝާހިދު ކަޕޫރު އަދި ކިއާރާ އަދްވާނީގެ ސުޕާ ހިޓް ފިލްމު "ކަބީރު ސިންގް" ޑައިރެކްޓްކުރި ފަރާތެވެ. ޑެވިލްގައި ރަންބީރު ކާސްޓު ކުރުމަށް ސަންދީޕް ބޭނުންވާ ކަމަށްވެސް ވާހަކަ ދެކެވެއެވެ.
މި ރޯލަކީ ހޮލީވުޑްގެ މަގުބޫލު ފިލްމު "ޖޯކާ" ކަހަލަ ނެގެޓިވް ރޯލެކެވެ. މިއީ ރަންބީރު ފިލްމާ ދޭތެރޭ ދެވަނަ ހިޔާލެއް ގެންގުޅޭ ސަބަބު ކަމަށްވެސް ވެއެވެ. ރަންބީރާ ގާތް ފަރާތަކުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ ރަންބީރަށް ސްކްރިޕްޓް ވަރަށް ކަމުދާ ކަމަށާއި ނަމަވެސް އޯޑިއަންސް އޭނާ ނެގެޓިވް ރޯލަކުން ބަލައިގަންނާނެ ކަމާމެދު ޝައްކު އުފެދިފައިވާ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަންބީރު ވަނީ މި ފިލްމު ނުކުޅޭނެ ކަމަށް ބުނެފަ އެވެ. އެހެންވެ ފިލްމު ވަނީ ޕްރަބާސްއަށް ހުށަހަޅާފައެވެ. ޕްރަބާސް ފިލްމު ގަބޫލުކުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެއެވެ،