ކ. މާފުށި

މާފުށި ރައްޔިތުންގެ އުންމީދު ހަގީގަތަކަށް: ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީން ފަށައިފި

އާނިފާ ހުސެއިން ސިރާޖް

1

ކ. މާފުށީ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އިން ފަށައިފިއެވެ.

މިއަދު މާފުށީގައި ބޭއްވި، މާފުށީ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރު މުހައްމަދު ޝިހާބް އެވެ.

މާފުށީ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އޮގަސްޓުމަހުއެވެ. މި ޕްރޮޖެކްޓު ކުރިޔަށް ގެންދަން ބޭނުންވާ އިންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓް (އީއައިއޭ) އެމްޓީސީސީއަށް ލިބިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ބިން ހިއްކުމަށް ބޭނުންވާ ސާމާނު އެމްޓީސީސީން ވަނީ އެރަށަށް ގެންގޮސްފައެވެ.

249 ދުވަހުން ފުރިހަމަކުރުމަށް ތާވަލުކޮށްފައިވާ މި މަޝްރޫއުގެ ސަބަބުން ރަށަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަމާއި، ތޮއްޖެހުމާއި، ގޮނޑުދޮށް ސަރަހައްދުގެ ކުޑަކަމަށް ލުއިހޯދޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އެމްޓީސީސީ އާ ހަވާލުކޮށްގެން 99,981,373.00 ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކައި، 1110 މީޓަރުގެ ރިވެޓްމަންޓެއް މާފުށީގައި ގާއިމުކުރަން ހަމަޖައްސާފައިވާ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މާފުށީ ކައުންސިލްގެ ރައީސް، އުސްމާން ރަޝީދު "ވަން" އަށް މައުލޫމާތު ދެއްވަމުން ކުރިން ވިދާޅުވީ އެތައް ސަރުކާރަކުން ވައުދުވަމުން އައި ނަމަވެސް، މާފުށީ ބިން ހިއްކުން އެއީ ނުވެ އޮތް ކަމެއް ކަމަށާއި އެކަމާ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސް ވެފައި ކަމަށެވެ.

އުސްމާން ވިދާޅުވީ، ނަމަވެސް ފެނިގެން މި ދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއް ގޮތަށް، ބިން ހިއްކުން ފެށިގެންދާ މަންޒަރު ކަމަށާއި އެއީ ރައްޔިތުން ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށެވެ. އެ ރަށުން ގޯތި ނުދެވޭތާ 19 އަހަރު ވެފައިވާ ކަމަށާއި ގޯތި ބޭނުންވާ އެތައް ސަތޭކަ ރައްޔިތުންނެއް އެބަ ތިބި ކަމަށް ވެސް އުސްމާން ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟