ފަންސާސް ތިންހާސް އަށްސަޓޭކަ ސައްބީސް ޔޫއެސް ޑޮލަރު އަށްޑިހަ ލާރި ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ދައުވާ އުފުލި ފްރީނެޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ވެރީންނަކީ، އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް އާއި ކޮމިޔުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަފްޒަލްކަން ވަން އަށް އެނގިއްޖެ އެވެ.
ވަން އަށް އެނގިފައިވާ ގޮތުގައި އެ ކުންފުނީގެ 80 ޕަސެންޓް ހިއްސާ އޮތީ، ކޮމިޔުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަފްޒަލްގެ ނަމުގަ އެވެ. އަލީމްގެ ނަމުގައި އޮތީ 20 ޕަސެންޓް ހިއްސާ އެވެ. ކުންފުނީގެ މެނޭޖިން ޑައިރެކްޓަރަކީ މުހައްމަދު ޝާމް ސައީދު ނަމަކަށް ކިޔާ މީހެކެވެ.
ފްރީނެޓް ޕްރައިވެޓް ލިމިޓެޑް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 14 ވަނަ ދުވަހު އެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސޮފްޓްވެއާއެއް ތައްޔާރުކުރުމަށް ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތުގައި ނިންމާފައި ނުވާތީ އާއި ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް އެ ކުންފުނިން ސޮފްޓްވެއާ ތައްޔާރުކޮށްފައި ނުވާތީ، އެ މަސައްކަތަށް ހަރަދު ކުރި ފައިސާ ހޯދުމަށް ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުގައި މިއަދު ދައުވާ އުފުލާފައިވާ ކަމަށެވެ.
އެޖީ އޮފީހުން ބުނީ، ކޭސް މެނޭޖުމަންޓް ސިސްޓަމް ސޮފްޓްވެއާއެއް ޑިވެލޮޕްކުރުމަށް އެ އޮފީހުން ޕްރޮޕޯސަލެއް ތައްޔާރުކޮށް، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާ އެކު 2017 ވަނަ އަހަރުގެ މެއި މަހު ބައްދަލުކޮށް، އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށާއި، އޮފީހުން ހުށަހެޅި ޕްރޮޕޯސަލަށް ބިނާކޮށް، ކޭސް މެނޭޖްމަންޓް ސިސްޓަމެއް ތައްޔާރުކުރެވިދާނެ ކަމާއި އެ ސްފްޓްވެއާގައި ހުންނާނެ ސިފަތައް ބަޔާންކޮށް، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން 21 ޖޫން 2017ގައި ޕްރޮޕޯސަލެއް ހުށަހެޅި ކަމަށެވެ. ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ޕްރޮޕޯސަލްގެ މަސައްކަތަށްވާ ފައިސާ ހަމަޖައްސައިދިނުމަށް އޭޖީ އޮފީހުން 29 އޮގަސްޓް 2017 ޓޫރިޒަމް މިނިސްޓްރީގައި އެދުމުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް) ޕްރޮޖެކްޓެއްގެ ގޮތުގައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ) އިން ވަނީ މަސައްކަތުގެ އަގަށްވާ ފައިސާ އެކީ އެއްފަހަރާ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައި ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ. ވަކި މުއްދަތުތަކަށް ބަހާލައިގެން ފްރީ ނެޓް މޯލްޑިވްސްއަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްގައި އެއްބަސްވެފައި ވަނިކޮށް، އެމް.އައި.ޓީ.ޑީ.ސީ އިން އެ ކުންފުންޏަށް އެކީ އެއްފަހަރާ ފައިސާ ދައްކާފައި ވަނީ 21 ޑިސެމްބަރ 2017ގައި ކަމަށް އޭޖީން ބުނެ އެވެ.
އޭޖީ އޮފީހުން އިތުރަށް ބުނީ، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން އެ އޮފީހަށް ހުށަހެޅި ޕްރޮޕޯސަލްގައި ބުނެފައި ވަނީ 4 (ހަތަރު) މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް ކަނޑައެޅި މުއްދަތުގައި މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުން، މަސައްކަތް ނިންމުމަށް އިތުރު މުއްދަތު އެކި ފަހަރު ދިން ކަމަށެވެ. އެ މަސައްކަތް ނިންމައި، ހަވާލު ކުރަން ޖެހޭ އެންމެ ފަހު ތާރީހު ކަމުގައިވާ 25 ޖުލައި 2019 އަށް ވެސް، ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް އެ ސޮފްޓްވެއާ ތައްޔާރު ކުރެވިފައި ނުވާ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެއިތުރުން، އެ މުއާމަލާތާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަމެއް އޮތްނަމަ އެކަން ތަހުގީގު ކޮށް، ފިޔަވަޅު އެޅުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށް އޭޖީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މި މައްސަލައިގައި، އަފްޒަލްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ އޭނާ ފޯނު ނުނަންގަވާތީ އާއި މެސެޖަށް ޖަވާބު ނުދެއްވާތީ ކާމިޔާބު ނުވެފަ އެވެ.
އަލީމް ވިދާޅުވީ ކުންފުނީގައި ބައިވެރިވެވަޑައިގެންނެވީ ރައްޓެހީން ތަކަކަށް ސަޕޯޓެއް ދެއްވަން ކަމަށާއި އަމަލީ ގޮތުން އެއްވެސް ވަރަކަށް ނުއުޅުއްވާ ކަމަށެވެ. އެހެން ނަމަވެސް މި ހަބަރު އިވިވަޑައިގަތުމުން މިހާރު އެކަން ބައްލަވަމުން ގެންދަވާ ކަމަށެވެ.