މިއުވާން މުހައްމަދު

ސިފައިންގެ އެލާޓް ލެވެލް މަތި ކުރީ ފަތުރުވެރިންގެ ރައްކަލަކަށް: ހޫދު

މަރިޔަމް ޝަހުދާ

ގައުމީ ދިފާއީ ބާރުގެ ސެކިއުރިޓީ ލެވަލް މަތިކޮށްފައިވަނީ ސީދާ ނުރައްކަލެއް އޮވެގެން ނޫން ކަމަށާއި، ނަމަވެސް ފަތުރުވެރިކަމުގެ ހައި ސީޒަނާއި ދިމާކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެ އެވެ.

ހޫދު މިހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި މީޑިއާއަށް މައުލޫމާތުދެއްވުމަށް ބޭއްވި ބައްދުލުވުމުގަ އެވެ.

ހޫދު ވިދާޅުވީ މިއަހަރަކީ ފަތުރުވެރިކަމުގައި ފުރަތަމަ ފަހަރަށް ކަނޑައެޅުނު ޓާގެޓާއި އެއްވަރަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި އަހަރު ކަމަށެވެ. އަދި މިއީ ފަތުރުވެރިން ރާއްޖެއަށް އަންނަ ސީޒަނަށް ވުމުން، އެލާޓް ލެވެލް މަތި ކުރީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ހޫދު ވިދާޅުވިއެވެ. އަދި މިއީ ސީދާ ނުރައްކަލެއް އޮވެގެން ނިންމި ނިންމުމެއް ނޫން ކަމަށް ހޫދު ވިދާޅުވިއެވެ.

ހޫދު ވިދާޅުވީ ކަމެއް ކުރިމަތި ވެދާނެކަމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ނެތް ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަވާ ވަރަކަށް ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުން މުހިއްމުކަން ހޫދު ފާހަގަ ކުރެއްވިއެވެ.

އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަކީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބިގެން ގެންނަ އެލާޓެކެވެ. ސިފައިންގެ އެލާޓް ސްޓޭޓަސްއަށް މިއައި ބަދަލާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރި ވުމުގެ އިތުރުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި އުނޅަނދުތައް ޗެކްކުރަމުން ގެންދާނެ ކަމަށް ސިފައިން ބުނެފައިވެއެވެ.