ޝަހީދާ އަބްދުﷲ ސައީދު
ފުލެޓް ލިބޭނެކަން އަންގައި ހައުސިން މިނިސްޓްރީން ދޫކުރަމުން އަންނަ ލިޔުމާ ހަވާލުވުމަށް ގޮސް ތިބި އެތައް ސަތޭކަ ބަޔަކަށް ލިޔުން ހަވާލު ނުކޮށް، ފަހުން ދޫކުރާނެ ކަމަަށް ބުނެ ފޮނުވާލައިފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދިން މީހަކު ބުނީ އޭނާއަށް މިނިސްޓްރީން ފޯނުކޮށްފައި، ލިޔުމާ ހަވާލުވާން ދާން ބުނުމުން ދިޔަ ނަމަވެސް މީހުން ގިނަކަމުން މިނިސްޓްރީ ތެރެއަށް ނުވަދެވުނު ކަމަށެވެ.
އަދި އެސަރަހައްދުގައި ތިބި ފުލުހުން ކިޔޫގައި ޖެހުމަށް އެންގުމުން އޭނާވެސް ކިޔޫގައި ޖެހުނީ މިދިޔަ ހުކުރު ދުވަހު ހަވީރު ކަމަށާއި، ކިޔޫގައި ހުންނަތާ 24 ގަޑިއިރު ފަހުން ހޮނިހިރު ދުވަހުގެ ރޭ ލިޔުން ތައްޔާރުވެފައި ހުރި ކަމަށާއި، ފަހުން ގުޅާނެ ކަމަށް ބުނެ ކިޔޫގައި ތިބި އެންމެން ފޮނުވާލި ކަމަށް އޭނާ ބުންޏެވެ.
''ފުލެޓް ދޭނެކަން އަންގައި މިނިސްޓްރީން ދޫކުރާ ލިޔުން ބަލައިދާން ގުޅާފަ ބުނީމަ ދިޔައީ. ހުކުރު ދުވަހު ގޮސް ކިޔުގަ ޖެހުނީ، ފާޚާނާއަކަށް ދާން ނޫން ގޮތަކަށް ކިޔޫ ދޫކޮށްފައި ނުދަން. އެގޮތަށް ދާއިރު ވެސް ދާމީހަކު ދަނީ ދެފަރާތުގައި ތިބޭ މީހުންނާ ވާހަކަ ދައްކައި އެންމެން ގުޅިގެން. އެހެން ތިއްބާ މިނިސްޓްރީން ބުނީ ޕްރިންޓަރުގެ މައްސަލައެއް ޖެހިގެން ލިޔުން ޕްރިންޓް ނުކުރެވޭ ކަމަށް. ފަހުން ހޮނިހިރު ދުވަހުގެ ރޭ ބުނެފި ގުޅާނަމޭ ދާށޭ.'' މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ލިޔުން ބަލައި ދިޔަ ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށް އަޑުގަދަކުރަން ފެށުމުން ފުލުހުން އިއްޔެ ވަނީ ޕެޕަސްޕްރޭ ޖަހައި މީހުން ދުރުކޮށްފައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓްތައް ލިބޭ ފަރާތްތަކަށް ލިޔުން ހަވާކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގައި ކުރަމުން ދިޔައިރު، ހަމަނުޖެހުން ހިންގައި، މިނިސްޓްރީގެ ދޮރެއްގެ ބިއްލޫރިގަނޑު ވެސް ވަނީ ތަޅާލައިފައެވެ.