އަކްޝޭ ކުމާރާއި ޕަރޭޝް ރާވަލް އަދި ސުނިލް ޝެޓީ އެކުގައި ފެނިގެންދާ ފްރެންޗައިޒް ފިލްމު ހީރާ ޕޭރީ އަކީ ބޮލީވުޑްގައި އެންމެ ގިނަ ބައެއްގެ ލޯބި ލިބުނު އެއް ފިލްމެވެ.
އެ ފިލްމަކީ މިހާތަނަށް ބޮލީވުޑްގައި އުފެއްދި ބެސްޓް ކޮމެޑީ ފިލްމު ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެހެން ކަމުން ފިލްމުގެ ދެ ބައެއް ރިލީސްކޮށްފައިވާއިރު ތިން ވަނަ ބަޔަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.
ނަމަވެސް ފިލްމަށް އިންތިޒާރު ކުރަމުން އަންނަ މީހުނަށް މިއޮތީ އަކްޝޭގެ ފަރާތުން ހިތާމަވެރި ހަބަރެކެވެ.
އީޓައިމްސްއަށް އިން އެކްސްކްލޫސިވް އިންޓަވިއެއްގައި އަކްޝޭ ވަނީ ހީރާ ޕޭރީ ތިނެއް އުފައްދާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކޮށްފައެވެ.
"ހީރާ ޕޭރީ ތިނެއް ނުހަދާނެ. އެހެން އެއްޗެއް ލިޔަމުން އަންނަނީ. މިވެސް ކޮމެޑީ ޒޯންގެ ފިލްމަކަށް ވާނީ." އަކްޝޭ ބުންޏެވެ.
އަކްޝޭ މިވަގުތު ހުރީ މިމަހު 27ގައި ރިލީސްކުރަން ހަމަޖެހިފައިވާ ފިލްމު ގުޑް ނިއުސްގެ އިންތިޒާރުގައެވެ. އެ ފިލްމަކީވެސް ކޮމެޑީ ފިލްމެކެވެ. ފިލްމުގައި އަކްޝޭއާ އެކު ކަރީނާ ކަޕޫރު ޚާން، ކިއާރާ އަދްވާނީ އަދި ދިލްޖިތު ދޮސަންޖް ފެނިގެންދާނެއެވެ.