ހަރުކަށި ފިކުރުފަދަ ނުރައްކާތަކާމެދު ސަމާލުވެ ލައްވައި، ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާއި ގުޅޭ މައުލޫމާތު ސަލާމަތީ ހިދުމަތްތަކަށް ފޯރުކޮށްދިނުމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)އިން އެދިއްޖެއެވެ.
އެންސީޓީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހަރުކަށި ފިކުރުތައް ފަތުރާމީހުން ރެއާއި ދުވާލު އިންޓަނެޓްގެ ވަސީލަތްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި ސިއްރިޔާތުގައި އެބައިމީހުންގެ ފަނާކުރަނިވި ފިކުރު ފަތުރަން ގިނަގުނަ ރޭވުންތައް ރާވާ އެބައިމީހުންގެ ފިކުރު ފެތުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށްވެފައިވާއިރު، މިއީ އަންނަން އޮތް ޖީލުތައް ފިކުރީގޮތުން ކުރިއަރާދިއުމާއި ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރިމަތިވަމުން އަންނަ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އެ ސެންޓަރުން ބުނެއެވެ.
އެހެންކަމުން އެކަންކަމަށް ހުރިހާ ރައްޔިތުން ސަމާލުވާން އިލްތިމާސްކޮށް، އެފަދަ ނުރައްކާތެރިކާމެދު ސަމާލުވެ ލައްވާ، ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާބެހޭ މައުލޫމާތު ސަލާމަތީ ހިދުމަތްތަކުން ފޯރުކޮށްދެއްވަމުން ގެންދެވުމަށް އެންސީޓީސީގެ ބަޔާނުގައި އެދިފައިވެއެވެ.