ވިޔަފާރި

އިމާރާތް ކުރުމުގެ ދާއިރާއަށް މުހިންމު ތިން ޕްރޮޑަކްޓެއް އެސްޓީއޯ ތައާރަފްކޮށްފި

އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދިނުމުގެ ގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ތިން ޕްރޮޑަކްޓެއް ތައާރަފުކޮށްފިއެވެ.

ހޮޓެލް ޖެންގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ތަައާރަފުކުރި ތިން ޕްރޮޑަކްޓަކީ "ރެނާކޮން އޮޓޮކްލޭވް ކޮންކުރީޓް ބުލޮކް" އާއި "ރެނާބޮންޑު ޖޮއިނިން މޯޓާ" އަދި "ރެނާޕްލާސްޓް ރެޑީމިކްސް ޕްލާސްޓާ"އެވެ.

މި ޕްރޮޑަކްޓުތަކުގެ ތެރެއިން "ރެނާކޮން އޮޓޮކްލޭވް ކޮންކްރީޓް ބްލޮކް" އަކީ ގޮނޑުދޮށުންނާއި ފަޅުތަކުން ވެލި ނަގައިގެން ރާއްޖޭގައި އާންމުގޮތެއްގައި އުފައްދާ ގައު ނުވަތަ ސޮލިޑް ބްލޮކުތަކާއި ހިލާފަށް، ރިސައިކަލްކޮށްފައިވާ ތަކެތިން އުފައްދާފައިވާ ތިމާވެއްޓާއި ރައްޓެހި އުފެއްދުމެކެވެ.

މި އުފެއްދުމަކީ އިމާރާތުގެ ސްޓްރަކްޗާއަށްކުރާ ހަރަދު ކުޑަކޮށްދީ، މަސައްކަތުގެ ސްޕީޑު އަވަސްކުރުމަށް އެހީތެރިވެދޭނެ ޕްރޮޑަކްޓެއް ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ތާމަލް އިންސިއުލޭޝަން ހިމެނޭ، ދެ ފޫޓު ދިގުމިނުގެ މި ބުލޮކް ބޭނުންކޮށްގެން ހަދާ އިމާރާތްތަކުގެ ކަރަންޓަށްކުރާ ހޭދަ 20 އިންސައްތައަށް ކުޑަކޮށްދެއެވެ.

ރެނާކޮން ކޮންކުރީޓް ބުލޮކާއެކު އެ ބުލޮކް ބޭނުންކޮށްގެން ރޭނުމަށްޓަކައި ބޭނުންކުރާ "ރެނާބޮންޑް ޖޮއިނިން މޯޓާ"ވެސް އެސްޓީއޯއިން މިއަދު ވަނީ މާކެޓަށް ނެރެފައެވެ. މި ޕްރޮޑަކްޓަކީ ސިމެންތި އާއި ވެލި އެއްކޮށްގެން އެސްޓީއޯ އިން އުފައްދާ މޯޓާތަކާ ހިލާފަށް، ބޭނުންވާ މިންވަރަށް ފެންއެޅުމަށްފަހު ވަގުތުން ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓެކެވެ.

އެސްޓީއޯއިން މިއަދު ތައާރަފްކުރި ތިން ވަނަ ޕްރޮޑަކްޓަކީ ރެޑީމިކްސް ޕްލާސްޓާއެވެ. މިއީ ހިމުންވެލި ނުލިބިގެން ޕްލާސްޓާ ކުރުމަށް ހުރި ދަތިތަކަށް ހައްލެއް ކަމަށް އެސްޓިއޯއިން ބުނެއެވެ.

އެގޮތުން ރާއްޖޭގެ ބާޒާރުގައި ހިމުންވެލި ލިބުމަށް ދަތިވެފައިވާތީ އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެސްޓީއޯއިން ވަނީ ރެޑީމިކްސް ޕްލާސްޓާ ސޮލިއުޝަނެއް ތައާރަފު ކޮށްފައެވެ. "ރެނާޕްލާސްޓް ރެޑީމިކްސް ޕްލާސްޓާ"ގެ ނަމުގައި ތައާރަފް ކޮށްފައިވާ މިޕްރޮޑަކްޓް ބޭނުން ކުރުމުން، ހަރަދު ކުޑަ ގޮތަކަށް ޕްލާސްޓަރިންގެ މަސައްކަތް ނިންމާލެވުމުގެ އިތުރުން އިމާރާތުގެ ފިނިޝިންއަށް ވެސް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ.

މާލެ އާއި ހުޅުމާލޭގައި ރެޑީމިކްސް ކޮންކްރީޓުގެ ހިދުމަތް ފޯރުކޮށް ދިނުމުގެ އިތުރުން، އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް ބޮޑަށް ފާހަގަ ކުރެވިފައިވަނީ އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ މުހިންމު އައިޓަމްތައް ވަރަށް ހެޔޮއަގުގައި އާއްމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައެވެ.