ހަ ރަށެއްގައި އިންޓަނޭޝަނަލް މިންގަނޑުގެ އިންޑޯ ބެޑްމިންޓަން ހޯލު ގާއިމުކުރަން ނިންމައި، އެކަން ކޮށްދޭނެ ފަރާތެއް ހޯދަން ޔޫތު މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ބެޑްމިންޓަން ކުރިއެރުވުމަށް އައްޑޫގައި އަޅާފައިވާ އިންޓަނޭޝަނަލް ސްޓޭންޑާޑުގެ އިންޑޯ ބެޑްމިންޓަން ހޯލު، އިތުރު ހަރަށެއްގައި އެޅުމަށް ނިންމައި، ގެޒެޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން އަލަށް ގާއިމުކުރާ އިންޑޯ ބެޑްމިންޓަން ހޯލުތައް އެޅުމަށް ހަމަޖައްސާފައިވާ ރަށްތަކަކީ، ހދ.ކުޅުދުއްފުށި، ޅ.ނައިފަރު، ލ.ގަން، ދ.ކުދަހުވަދޫ، ގދ.ތިނަދޫ ގެ އިތުރުން ޏ.ފުވައްމުލަކެވެ.
ހަ ރަށެއްގައި އިންޓަނޭޝަނަލް މިންގަނޑުގެ ބެޑްމިންޓަން ހޯލު ގާއިމުކުރަން ނިންމާފައިވާއިރު، 2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވުމަށް ހަމަޖެއްސުމާ ގުޅިގެން ރާއްޖޭގެ ކުޅިވަރު އިންފްރާސްޓްރަކްޗަރު ކުރިއަރުވުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
ޔޫތު މިނިސްޓަރު ކުރިން ވިދާޅުވީ، އައިއޯއައިޖީ ހޯސްޓު ކުރަން ފުރުސަތު ލިބުމަކީ ރާއްޖޭގެ ކުޅިވަރު އިންފްރާސްޓްރަކްޗާ ކުރިއަރުވަން އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިހާތަނަށް އައިއިރު ކުޅިވަރުގެ ދާއިރާއިން ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.