އަޖޭ ދޭވްގަންގެ ފިލްމު "ތަންހާޖީ - ދަ އަންސަންގް ވޮރިއާ" ބެލުމަށް އުފެދުނު ޝައުގު ބޮޑުވީ ފިލްމުގައި އަޖޭގެ އަނެހެނުންގެ ބައިން ކާޖޮލް ފެނިގެންދާނެކަން އިއުލާން ކުރުމާއެކުއެވެ. މިއީ މިކަހަލަ ފިލްމަކުން ކާޖޮލް ފެނިގެން ދާނެ ފުރަތަމަ ފަހަރެވެ.
މީޑިއާއަށް ފިލްމާ ގުޅޭގޮތުން ކާޖޮލް ދިން އިންޓަވިއުއެއްގައި ވަނީ އޭނާއަށް އެ ރޯލު ލިބުނު ގޮތް ކިޔައިދީފައެވެ.
"އަޖޭ ވަރަށް ބޭނުންވެފަ ހުރީ އަހަރެން ފިލްމުގައި ތަންހާޖީގެ އަންހެނުން ސަވިތުރިބާއީގެ ރޯލު ކުޅެން. އަހަރެން ނޫން މީހަކަށް އެހާ ސްޓްރޯންގް ރޯލެއް ކުޅެވޭނެ ކަމަށް އަޖޭ އަކަށް ނުވިސްނުނު. އަޖޭ އައިސް އެހީ ފިލްމު ކުޅޭނަންހޭ، ޖަވާބު ޕޮޒިޓިވް ދޯއޭ. އަހަރެން ކުޅޭނަމަ އިތުރަށް ރޯލު ޑިވެލޮޕް ކުރާނަމޭ. ނޫނީ އަޅާނުލާށޭ." އަޖޭ ކާޖޮލަށް ފިލްމު ހުށަހެޅި ގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.
"އަހަރެން ބުނިން ފިލްމަށް އަހަރެން ލާން ތިއުޅެނީ އޭރުން އަހަރެންނަށް ޕޭ ކުރަން ނުޖެހޭނެތީ ދޯއޭ." އަބަދުވެސް މަޖާވެފައި ހުންނަ ކާޖޮލް އަޖޭއަށް ދިނީވެސް މަޖާ ޖަވާބެކެވެ.
ކޮންމެއަކަސް ފިލްމު ކުޅުމަށް ކާޖޮލް އެއްބަސްވެ މިހާރު ފިލްމު މިވަނީ ރިލީސްކުރުމާ ހަމައަށް އައިސްފައެވެ. ކާޖޮލް ބުނި ގޮތުގައި ފިލްމުގައި އޭނާ ކުޅުނު ރޯލު މިހާ އިންޓްރެސްޓިން ވާނެ ކަމަށް ކުރިން ހީއެއް ނުކުރެވެ އެވެ.
ފިލްމުގައި އޭނާ އަޅާފައިވަނީ "ނައުވަރީ" ސާރީ އެވެ. މީގެ ސާރީއޭއް ކާޖަލް އެންމެ ފަހުން އެޅީ އަޖޭއާ ކައިވެނި ކުރި ދުވަހު އެވެ. އަދި އޮންސްކްރީނުގައިވެސް އެޅި ފުރަތަމަ ފަހަރު ކަމުން އެކަމާވެސް ކާޖޮލް ހުރީ ވަރަށް އެކްސައިޓް ވެފައެވެ.
ފިލްމުގައި ކާޖޮލް ކުޅޭ ރޯލު ސަވިތުރިބާއީ މަލުސާރޭ އަކީ ވަރަށް ވަރުގަދަ ޝަހުސިއްޔަތެކެވެ.
މި ފިލްމަކީ ތަންހާޖީ މަލުސާރޭ ކިޔާ ހަނގުރާމަވެރިއެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. އޭނާއަށް "ސިމްހާ" (ސިންގާ) ގެ ނަމުންވެސް މުހާތަބު ކުރެއެވެ. ތަންހާޖީ އަކީ އޭރުގެ ޝިވާލީގެ މިލިޓަރީ އާމީ ލީޑަރެވެ. ފިލްމުގައި އެ ރޯލު ކުޅެނީ އަޖޭ ދޭވްގަންއެވެ. މީގެ އިތުރުން ފިލްމުގައި ސައިފް އަލީ ޚާން ނެގަޓިވް ރޯލުން ފެނިގެން ދާނެއެވެ.
ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވަނީ އަންނަ މަހު 10ގައެވެ.