އިބްރާހިމް ޒަކީ
ފުށި ދިއްގަރު ފަޅުގެ މައްސަލައިގައި، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުން ދިވެހި ސަރުކާރާ ދެކޮޅަށް ސިންގަޕޫރު އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެޓާނީޖނެރަލް އޮފީސް (އޭޖީ އޮފީސް) އިން ބުނީ، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރަޒަރީއާ ދެމެދު ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްގީ ކުރުމާ ގުޅޭގޮތުން 2013 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 18 ވަނަ ދުވަހު ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމާ ދިވެހި ސަރުކާރުން ހިލާފުވެފައިވާކަމަށް ބުނެ އެ މައްސަލަ ސިންގަޕޫރު އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް މިދިޔަ ބުރާސް ފަތި ދުވަހު ހުށަހަޅައިފިކަމަށް އެ ކުންފުނިން ސަރުކާރަށް އަންގާފައިވާ ކަމަށެވެ.
ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުގެ ފަރާތުން ފޮނުވާފައިވާ ނޯޓިސް އޮފް އާބިޓްރޭޝަންގައި ބަޔާންކޮށްފައިވާ ގޮތުން އެ މައްސަލައަކީ، ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ، އެ ފަޅުގައި 27 ރަށެއް ހިއްކުމަށާއި އެ ރަށްތައް ހޮޓާ ނުވަތަ، ރެސިޑެންޝަލް އިމާރާތް ނުވަތަ، އޮފީސް އިމާރާތް ތަރައްގީކުރުމަށް ސަބް-ލީސް ކުރުމަށް އެ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗަ އެއްބަސްވުމެއް ކަމަށް އެކުންފުނިން ބުނެފައިވާ ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.
އޭޖީ އޮފީހުން ބުނީ، އަދި އެ މައްސަލައަކީ އެ އެއްބަސްވުމާ އެއްގޮތަށް ފުށިދިއްގަރު ފަޅު ސަރުކާރުން އެފަރާތަށް ދޫކޮށްފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އެ ކުންފުނިން ފޮނުވާފައިވާ ނޯޓިސް އޮފް އާބިޓްރޭޝަންގައި ބުނެފައިވާ ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.
"އަދި މި މައްސަލައާ ގުޅިގެން އެފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް ވަނީ އެދިފައެވެ. އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމްވާ ކަމާއި، އާބިޓްރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއްކަން މި ފުރުސަތުގައި ފާހަގަކުރަމެވެ." މިކަން ހާމަކޮށް އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.
ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން، އޮޅުވާލައިގެން ކ. ފުށިދިއްގަރު ފަޅު ބޭރުގެ ކުންފުންޏަކަށް 50 އަހަރަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށްބުނެ އެ ފުރަތަމަ އެ މައްސަލަ ފެންމަތި ކުރެއްވީ 2013 ވަނަ އަހަރު، ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
ނަމަވެސް އެ މައްސަަލަ އުމަރު ފަޅާ އަރުވައިލީ، ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީނާ ވާދަ ކުރައްވައި ބަލިވެ ވަޑައިގަތުމުން، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމަށް ތާއީދު ކުރައްވަން ފެއްޓެވުމާ އެކުގައެވެ.
ފުށި ދިއްގަރުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރި ކަމުގައި، ނަމަވެސް އުމަރު ވިދާޅުވީ އެކަން ކޮށްފައިވަނީ ރައީސް ވަހީދަށް އެނގި ވަޑައިނުގެން އޭރުގެ ބަންޑާރަ ނާއިބުގެ ލަފަޔަކާވެސް ނުލައި ސިއްރިޔާތުގައި ކަމަށެވެ. އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓްރޭޑާސް ހޮޓަލުގައި ސިއްރިޔާތުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށާއި އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އެކަމާ ގުޅީގެން ފުށި ދިއްގަރުގެ މައްސަލަ އޭސީސީއަށް ހުށަހެޅީވެސް ރައީސް ވަހީދުގެ ވެރިކަމުގައެވެ. އެ މައްސަލަ އޭސީސީއަށް ހުށަހެޅުއްވީ ރައީސް ވަހީދުގެ ހިއުމަންރައިޓްސް އެމްބެސެޑަރު އަހްމަދު އިބްރާހީމް ދީދީ (ސަންދާނު އަހަންމައިދީ) އެވެ. އެ މައްސަލަ ބަލައި ނިމިފައިނުވާތީ ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން ފުށިދިއްގަރު ފަޅު ހަވާލު ނުކުރުމަށް އޭސީސީން ޓޫރިޒަމް މިނިސްޓްރީއަށް، 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަންގާފައި ވެއެވެ.
ނަމަވެސް ކ. ފޭދޫފިނޮޅާއި ފުށިދިއްގަރުފަޅު އަލުން ވިއްކާލަން ރައީސް ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފައި ވެއެވެ.
2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފައިވަނީ 1،475 ހެކްޓަރުގެ ފުށިދިއްގަރުފަޅު 72.6 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ)އަށް ވިއްްކާލުމަށެވެ.
އޭގެ ފަހުން ފުށިދިއްގަރު ފަޅުން 800 ހެކްޓަރުގެ ބިން ހިއްކައިގެން ގޯތި ދޫކުރުމަށް ނިންމައި ރައީސް ޔާމީންގެ ސަރުކާރުން އެކަން އިއުލާނުކޮށްފައި ވެއެވެ.
2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ އެއްވަން ދުވަހު އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެ މަޝްރޫއު އިއުލާން ކުރައްވަމުން ވިދާޅުވީ، ރައީސް ޔާމީން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫއުގެ ދަށުން ގުޅީފަޅުން 230 ހެކްޓަރު އަދި އެނބޫދޫ ފަޅާއި އިންވެގެން އޮންނަ ފުށިދިއްގަރު ފަޅުން 800 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.