މާލޭ އުތުރުފަރާތު މަސްވެރީންގެ ޕާކުގައި ޓޫރިސްޓުންނަށް ހާއްސަކޮށްގެން އިމާރާތްކޮށްދިން ޓާމިނަލް، އެމްޑަބްލިޔުއެސްސީން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މަސްވެރީންގެ ޕާކުގައި ހެދި ޓާމިނަލު ސަރަހައްދުގަ އެވެ. މި ޓާމިނަލް މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމް އެވެ. މި އިމާރާތުގެ ރަމްޒީ ތަޅުދަނޑިޔާ ހަވާލުވެވަޑައިގެންނެވީ މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު އެވެ.
މާލެއަށް އަންނަ ޓޫރިސްޓުންނަށް ބޭނުންވާ ބައެއް ހިދުމަތްތަކާ އެކު ހެދި މި ޓާމިނަލަކީ، އެމްޑަބްލިޔުއެސްސީން އެކުންފުނީގެ އިޖުތިމާއީގެ ޒިންމާގެ ދަށުން އިމާރާތް ކުރި ތަނެކެވެ.
މާލެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުންނަށް މަޑުކޮށްލެވޭނެ އިންތިޒާމާއި، ލަގެޖު ބެހެއްޓޭނެ އިންތިޒާމާއި ފާހާނާ ކުރުމާއި ފެންވަރައި ތާޒާ ވެވޭނެ އިންތިޒާމުގެ އިތުރުން، އެ މީހުންނަށް ބޭނުންވާ މައުލޫމާތު ދިނުމާއި މައުލޫމާތު ލިބޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދާ ގޮތަށް އިމާރާތް ކޮށްފައިވާ މި ތަން ހުޅުވާނެ ރަސްމީ ތާރީހެއް ސިޓީ ކައުންސިލުން އަދި އިއުލާނެއް ނުކުރެ އެވެ.
މި ތަން ހިންގާނީ ވިޔާފާރި މޮޑެލަކަށް ކަމަށާއި ސިޓީ ކައުންސިލުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުދާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
މާލޭ ސިޓީ ކައުންސިލުގެ ޑެޕިޔުޓީ މޭޔަރު ޝަމާއު ޝަރީފު "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، މިތަން ސިޓީ ކައުންސިލާ ހަވާލުވުމާ ގުޅިގެން ނުރަސްމީކޮށް ހިދުމަތް ފެށިފައިވާ ކަމަށެވެ. މަސައްކަތް ކުރަމުން އަންނަނީ އަންނަ މަހުގެ އެކެއްގެ ކުރީން ހުރިހާ ކަމެއް ވެސް ރަސްމީ ކުރާން ކަމަށް ޝަމާއު ވިދާޅުވި އެވެ.
"މިހާރު ވެސް ހުންނާނީ ހުޅުވާފަ. ހިދުމަތް ލިބޭނެ. އަޅުގަނޑުމެން މިހާރު މި ދަނީ ދަސްކުރުމުގެ މަރުހަލާއެއްގެ ތެރެއިން. ޓެރިފްތައް (އަގުތައް) ހެދުން ފަދަ ކަންކަން ކުރިޔަށް މި ދަނީ." ޝަމާއު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ތަނުގެ ބޭރުގައި އިތުރު ބައެއް ހިޔާކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ކުރިޔަށް ދާނެ ކަމަށެވެ. ތަނުގެ ސެކިޔުރިޓީ ބެލެހެއްޓުން ފާމަކާ ހަވާލުކޮށްފައި ވާނެ ކަމަށާއި އޭގެ އިތުރުން ފުލުހުން ވެސް ސެކިޔުރިޓީ ބަލަހައްޓާނެ ކަމަށް ޝަމާއު ވިދާޅުވި އެވެ. މި ސަރަހައްދަށް ގިނަ ލޯންޗުތައް އެއްފަހަރާ ގާތްކޮށް ފުނިޖެހުމުގެ މައްސަލަ ވެސް ކުރިޔަށް އޮތް ތަނުގައި ހައްލުކޮށް ހަމައެކަނި ޓޫރިސްޓުން އަރުވައި ބޭލުން ފިޔަވައި އެހެން ބޭނުން ތަކަށް އެތަނުގައި އަޅާފައި ނުބޭއްވޭނެކަން ކަށަވަރުކުރައްވާނެ ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މާލެ އައިސް އެއްވެސް އެހެން ތާކަށް ދާ ޓޫރިސްޓުންގެ ހަބަކީ މިއީ ކަމަށް ހެދުން. އެތަނުން ދެން ދާން ޖެހޭ ހުރިހާ ތާކަށް ދާނީ. އެތަނުގައި އެހެން ހުރިހާ ވަގުތެއްގައި ޓޫރިސްޓުންނަށްބޭނުންވާ ކަންކަން ހަމަޖެހިފައި ހުންނާނެ. އެ މުޅި ސަހަރައްދު އޮންނާނީ ޓޫސްޓުންނަށް ހާއްސަ ސަރަހައްދެއްގެ ގޮތުގައި." ޝަމާއު ވިދާޅުވި އެވެ.