އިޓަލީގައި ކައިވެނި ކުރުމަށްފަހު ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ދީޕިކާ އަދި ރަންވީރު (ދީޕްވީރު) މިއަދު ހެނދުނު އެނބުރި މުމްބާއި އަށް ގޮސްފިއެވެ.
ދެ ތަރިން ލައިފައި ހުރީ އިންޑިއަށް އެތްނިކް ހެދުމެވެ. އެގޮތުން ރަންވީރު ލާފައި ހުރީ ޝޭރްވާނީ އަކާއި ރަތް ކުލައިގެ ޖެކެޓެކެވެ. އަދި ދީޕިކާ ހުރީ ސިލްކް ޕަންޖާބީ ސުއިޓެއް ލާފައެވެ.
ދީޕްވީރު ކައިވެނި ކުރީ މިމަހުގެ 14 އަދި 15 ގައި އިޓަލީގެ ލޭކް ކޮމޯ ގައެވެ. އެ ހަފްލާގައި ބައިވެރިވީ ހަމައެކަނި އާއިލާ މީހުންނާއި ގާތް ރަހްމަތްތެރިންނެވެ.
ގިނަ ބަޔަކު ދެ ތަރިންނަށް މަރުހަބާ ކިޔުމަށް އެއަރޕޯޓަށް ގޮސްފައިވާއިރު، އެއާޕޯޓުން ދީޕްވީރު ވަނީ ރަންވީރުގެ ގެޔަށް ގޮސްފައެވެ. އެ ގޭގައި މަރުހަބާ ކިޔުމަށް ހާއްސަ ކަންތައްތަކެއް ވަނީ ރޭވިފައެވެ.
ދީޕްވީރު ގެ ކައިވެނީގެ ރިސެޕްޝަނެއް މުމްބައިގައިވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.