މާލޭގެ ގޭގޭގައި ކެފޭ އުސޫލުން، ވިޔަފާރީގެ މަންފާ ވެސް ލިބޭ ގޮތަށް، ހިންގާ މަސްތުވާ ތަކެތީގެ ޖަރީމާތައް ހުއްޓުވުމަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގެ ދަށުން އިތުރު ދެގެޔެއް ބަލައި ފާސްކޮށް، 19 ފިރިހެނަކާއި ތިން އަންހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އިން ބުނީ މި އޮޕަރޭޝަން ހިންގާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން، އެވަރެސްޓް އާގެ ފާސްކޮށް، ދިވެހި ދެ އަންހެނުންނާއި ދިވެހި އަށް ފިރިހެނުން އަދި ބަންގްލަދޭޝް ފިރިހެނަކާ އެކު ޖުމުލަ 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ޏަމްޏަމްގެ ބަލައި ފާސްކޮށް، އެގެއިން ވެސް ދިވެހި އަންހެނަކާއި ދިވެހި ނުވަ ފިރިހެނުންނާއެކު ޖުމުލަ 10 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި ދެގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް މީހުން ގެންދިޔައީ މަސްތުވާތަކެތި ބޭނުންކުރަން ތިއްބައި ކަމަށާއި މިދެގެ ބަލައި ފާސްކުރި އިރު ދެގެއިން ވެސް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވާ އިރު، މި ދުވަސްވަރު މާލޭގެ މަގުތައް މަތީންވެސް މަސްތުވެ، އަރިއަޅާލައި، ބިއްޖެހިފައި ތިބޭ ދިވެހީން ފެންނަ އަދަދު ވަނީ އިތުރުވެފަ އެވެ. އެފަދަ މީހުން ތިބޭ ގޮތަށް ބަލާ އިރު އެއީ އާދަޔާ ހިލާފު ބާރު ގަދަ ނުވަތަ ތަފާތު އެއްޗެއްގެ މަސްތުގައި ވާ ގޮތެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ. އެހެން ނަމަވެސް ފުލުހުން ބުނެފައި ވަނީ އެއީ ވަކި ތަފާތު ޑްރަގެއް ނުވަތަ މަސްތުވާ އެއްޗެއް ބޭނުންކޮށްގެން ވާ ކަމެއް ކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަވެފައި ނުވާ ކަމަށެވެ.