ބޮލީވުޑް

ދީޕިކާ ދެކެ ވަރަށް ލޯބިވޭ، ފިލްމުގެ މަސައްކަތަށް ވަރަށް އެކްސައިޓްވޭ: އަނަންޔާ

ދީޕިކާ ޕަޑުކޯންއާއެކު ފިލްމެއްގައި މަސައްކަތް ކުރަން ލިބުމަކީ އޭނާގެ ބަކެޓް ލިސްޓުގައި ހިމެނޭ ކަމެއް ކަމަށާއި މިހާރު އެކަން ފުރިހަމަ ވެއްޖެ ކަމަށް ބަތަލާ އަނަންޔާ ޕަންޑޭ ބުނެފިއެވެ.

އަނަންޔާ މިހެން ބުނީ ދީޕިކާއާ އެކު ފިލްމެއްގައި މަސައްކަތް ކުރުމަށް އޭނާއަށް ފުރުސަތު ލިބުމުން ވީ އުފަލުގައި ދިން އިންޓަވިއުއެއްގަ އެވެ.

"ފިލްމު ވަރަށް ތަފާތު ވާނެ. ރޮމޭންޓިކް ޑްރާމާއެއް މީ. މިއީ ކުރިން ކުޅެފައިނުވާ ރޯލެއް، ޝޫޓިންތައް ފެށުމުގެ އިންތިޒާރުގަ މިހުރީ،" ސްޓޫޑަންޓަންޓް އޮފް ދަ އިޔާ އިން ފިލްމީ ދުނިޔެއަށް ފުރަތަމަ ޑެބިއު ކުރި އަދި އޭގެ ފަހުން ޕަތީ ޕަތުނީ އޯރު ވޯއިންވެސް ފެނިގެން ދިޔަ އަނަންޔާ ބުންޏެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ. ފިލްމުގައި ބަތަލެއްގެ ބައިން ފެނިގެން ދާނީ ސިދާންތު ޗަތުރުވޭދީ އެވެ. އިތުރު ބަތަލެއް ފިލްމަށް ނަގާނެކަމަށް ވެއެވެ.

"ދީޕިކާ އަކީ އަހަރެން ވަރަށް ލޯބިވާ ތަރިއެއް. ގަލީ ބޯއީގައި ސިދާންތުގެ މޮޅު ހުނަރުވެސް ފެނިގެން ގޮސްފައިވަނީ. އަނެއްކާ މިހާރުވެސް މި މަސައްކަތް ކުރެވެނީ ކަރަން ޖޯހަރުގެ ފިލްމެއްގައި. އަބަދުވެސް ކަރަން ކޮށްދީފައިވާ ކަންތައްތައް ހަނދާން ހުންނާނެ. މިއެންމެންގެ ޓީމު ހިނެމޭ ފިލްމެއްގައި މަސައްކަތް ކުރުމަށް ވަރަށް އެކްސައިޓްވެފައި މިހުރީ." އުފަލުން ހުރެ އަނަންޔާ ބުންޏެވެ.

މިވަގުތު އަނަންޔާ މަސައްކަތް ކުރަމުން އަންނަނީ އިޝާން ކައްޓަރާއެކު ފިލްމު "ކާލީ ޕީލީ"ގައެވެ.