މޯލްޑިވްސް ބިޒްނަސް އެވޯޑް (އެމްބީއެސް) ގައި ދޭ، އަހަރުގެ އެންމެ ފާހަގަ ކޮށްލެވޭ ވިޔަފާރިއަށްދޭ އެވޯޑު އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި މިރޭ ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019 ގެ ގާލާގައި "ބިޒްނަސް އޮފް ދި އިޔާ" އެވޯޑާ އުރީދޫގެ ފަރާތުން ހަވާލުވެވަޑައިގަތީ އެކުންފުނީގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒެވެ.
އަހަރުގެ ވިޔަފާރި ކުންފުނީގެ އެވޯޑުގެ އިތުރުން އުރީދޫން ވަނީ، މިއަހަރު އަލަށް ތައާރަފްކުރި ޕީޕަލްސް ޗޮއިސް އެވޯޑްސް ކެޓަގަރީން އެންމެ ރަނގަޅު ސީއެސްއާރު ޕްރޮގްރާމުގެ އެވޯޑު ވެސް ހޯދައިފައެވެ.
އެ އެވޯޑު އުރީދޫ މޯލްޑިވްސް އަށް ލިބުނީ، އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ޔޫއެންޑީޕީ މޯލްޑިވްސްއާއި އެޗްޑީސީއާ ގުޅިގެން ހިންގާ ސްމާޓް ސިޓީ ޕްރޮޖެކްޓަށެވެ.
މި ދެ އެވޯޑުގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ ބިޒްނަސް އެވޯޑްސްގައި ވެސް އުރީދޫން ހާސިލުކުރި އެކްސެލެންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އެވޯޑާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދަ އިޔާ އެވޯޑު ވަނީ ހޯދައިފައެވެ.
ބިޒްނަސް އެވޯޑްސް އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތާއި އިގްތިސާދަށް އަންނަ ބަދަލުގެ އިތުރުން އެހެން ވިޔަފާރިތަކަށް ހިތްވަރުދިނުމަށް ދޭ އެވޯޑެކެވެ.