އިބްރާހިމް ޒަކީ
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ގާބިލު ދެ ބޭފުޅުން ހޯއްދަވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ހޫދު ވިދާޅުވީ، މަރު ކޮމިޝަނުން ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް، ބޭފުޅުން އައްޔަން ކުރުމުގެ މަސައްްކަތް ކުރިއަށްދާ ކަމަށާއި، ވަގުތު ނަގަނީ ގާބިލު ބޭފުޅުުން ހޯއްދެވުމަށް ކަމަށެވެ.
ފަސް މެންބަރުން ހިމެނިވަޑައިގަންނަވާ މަރު ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު އެ ކޮމިޝަނުން އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓީގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އަދި އެކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި، އާދަމް މުހައްމަދު މިމަހުގެ އަށްވަނަ ދުވަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
މިހާރު އެ ކޮމިޝަންގެ ތިން މެންބަރުންގެ ގޮތުގައި ތިއްބެވީ، މިސްބާހް އައްބާސް އާއި ފަރީޝާ އަބްދުﷲގެ އިތުރުން އަހްމަދު ނާޝިދެވެ.
ހޫދު ވިދާޅުވީ ކޮމިޝަނުގެ ރައީސްއާއެކު ދެ މެންބަރުން މަދު ނަމަވެސް ކޮމިޝަންގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށެވެ.
ހޫދު ވިދާޅުވީ، ކޮމިޝަންގެ މަސައްކަތް ނުހުއްޓި ކުރިއަށްދާތީ މިވަގުތު ކޮމިޝަންގެ މެންބަރުން މަދު ނަމަވެސް ކޮމިޝަންގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރަންޖެހޭނެ ކަމަށް ދެކި ވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ސީދާ އެއްޗެއް މިވަގުތު ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ހޫދި ވިދާޅުވީ ކޮމިޝަނާ ދެން ގުޅިވަޑައިގަންނަވާ ބޭފުޅުންވެސް އަލުން މަސައްކަތް ފެއްޓެވުމުގެ ބަދަލުގައި އެބޭފުޅުން ގުޅިވަޑައިގަންނަވާ ހިސާބުން މަސައްކަތް ކޮންޓިނިއު ކުރައްވާނެ ކަމަށެވެ.
ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް "ކޮމިޝަން އޮން ޑިސަޕެއަރެންސް އެންޑް ޑެތުސް" ގެ ނަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ކޮމިޝަނެއް އުފެއްދެވީ ވެރިކަމާ ހަވާލުވެ ވަޑައިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގަ އެވެ.
ތަހުގީގީ އިދާރާތަކަށް ލިބިދޭ ބޮޑެތި ބާރުތަކާއެކު އުފެއްދެވި އެ ކޮމިޝަނާ ހަވާލު ކުރައްވާފައިވާ މަސައްކަތްތައް ނިންމުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. ކަނޑައަޅާފައިވާ މުއްދަތަށްވުރެވެސް ކުރިން މަސައްކަތްތައްް ނިންމުމަށް މަސައްކަތް ފެށި މި ކޮމިޝަނުގެ މަސައްކަތުން، މިހާތަނަށް މުހިއްމު ދެ މައްސަލައެއް ތަހުގީގުކޮށް ވަނީ ރިޕޯޓް ނެރެފައެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައެވެ.