ކ. މާފުށި

މާފުށީ ރައްޔިތުންގެ އުއްމީދު ހަގީގަތާ ދިމާއަށް: ބިން ހިއްކުމަށް އެމްޓީސީސީގެ މަހާޖައްރާފު ބަނދަރުކޮށްފި

1

ކ. މާފުށީ ބިން ހިއްކުމަށް ބޭނުންވާ ސާމާނާ އެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އިން އެ ރަށަށް އަރައިފި އެވެ.

މާފުށީ ކައުންސިލްގެ ރައީސް، އުސްމާން ރަޝީދު "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ އެމްޓީސީސީން އެރަށު ބިން ހިއްކުމަށް ބޭނުންވާ ސާމާނު މޮބިލައިޒް ކުރިފަހުން ހަތަރު ދުވަސް ވެއްޖެ ކަމަށާއި ހިއްކަން ފެށުމުގެ ކުރީން ނިންމަން ޖެހޭ ކަންކަން މިހާރު ކުރިޔަށް އެބަދާ ކަމަށެވެ.

"ތިން ބާޖާއި ހަތަރު ހައިމާކު މިކޮޅުގައި އެބަ އޮތް. މަހާ ޖައްރާފު ވެސް މި ވަގުތު އޮތީ މާފުށީ ކައިރީގަ ތައްޔާރަށް." އުސްމާން ވިދާޅުވި އެވެ.

އުސްމާން ވިދާޅުވީ އެތައް ސަރުކާރަކުން ވައުދުވަމުން އައި ނަމަވެސް، މާފުށީ ބިން ހިއްކުން އެއީ ނުވެ އޮތް ކަމެއް ކަމަށާއި އެކަމާ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސް ވެފައި ކަމަށެވެ. އެހެން ނަމަވެސް ފެނިގެން މި ދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއް ގޮތަށް، ބިން ހިއްކުން ފެށިގެންދާ މަންޒަރު ކަމަށާއި އެއީ ރައްޔިތުން ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށެވެ. އެ ރަށުން ގޯތި ނުދެވޭތާ 19 އަހަރު ވެފައިވާ ކަމަށާއި ގޯތި ބޭނުންވާ އެތައް ސަތޭކަ ރައްޔިތުންނެއް އެބަ ތިބި ކަމަށް ވެސް އުސްމާން ވިދާޅުވި އެވެ.

"އެންމެ ފަހުން މިރަށުން ގޯތި ދޫކުރީ 2000 ވަނަ އަހަރު. މިދިޔަ އަހަރު ފަހުކޮޅު ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް އިއުލާނު ކުރުމުން 700 އަށްވުރެ ގިނަ މީހުން ގޯއްޗަށް ސިޓީލި. އެކަމަކު ގޯތި ދެވޭނެ ގޮތެއް ނެތް. ބިން ހިއްކިގެން ދިޔުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." އުސްމާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މާފުށި ހިއްކަނީ ރާއްޖޭގައި އަލަށް ބިން ހިއްކާ ކޮންސެޕްޓަކަށް ކަމަށާއި އެގޮތުން ރަށުގެ އިރުދެކޮޅު ކޮޅުން ފެށިގެން ހިއްކާ އިރު، އެބައި މިހާރުގެ މާފުއްޓާ ގުޅުވައިލަނީ ބުރިޖަކުން ކަމަށެވެ. އެ ދެމެދުގައި 600 ފޫޓުވަރު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަލަށް ހިއްކާ ބައިގައި ވެސް، ހުރިހާ ބޭނުން ތަކަކަށް ބިން ހާއްސަކޮށްފައި ވާނެ ކަމަށާއި އެއީ ވަރަށް ގިނަ ދުވަހުގެ ދިރާސާ އަށް ފަހު ފައިނަލް ކޮށްފައިވާ ކުރެހުމެއް ކަމަށް ވެސް އުސްމާން ވިދާޅުވި އެވެ.

އުސްމާން އިތުރަށް ވިދާޅުވީ، އަލަށް ހިއްކަނީ 25 ހެކްޓަރު ކަމަށާއި މިހާރު މާފުށީގައި މީހުން ދިރިއުޅޭ ސަރަހައްދުގެ ބޮޑު މިނަކީ ގާތްގަނޑަކަށް 23 ހެކްޓަރު ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިއްކަން ފެށުމުގެ ކުރީން ނިންމަން ޖެހޭ ހުރިހާ ކަމެއް ދެތިން ދުވަހެއްގެ ތެރޭގައި ނިމޭނެ. ކުޑަ ލަސްކަމެއް މި އައީ ވެސް މޫސުން ގޯސްވުން ފަދަ ބައެއް ކަންކަން ދިމާވެގެން. އިތުރު މައްސަލައެއް ދިމާނުވެ ދާނަމަ އަޅުގަނޑުމެންނަށް އުއްމީދު ކުރެވޭ ގޮތުގަ އަންނަ ހަފުތާ ތެރޭ ބިން ހިއްކުން ރަސްމީކޮށް ފެށިގެން ދާނެ." މާފުށީ ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟