ރީކޯ މޫސާ މަނިކް

ބަންގްލަދޭޝުން އަންނަ ފަތުރުވެރިން ޓެކްސް ދައްކައި، ކަނޑައެޅިފައިވާ ދުވަހު ފުރާތޯ ބެލުން މުހިއްމު: ރީކޯ މޫސަ

މަރިޔަމް ޝަހުދާ

ރާއްޖެއަށް ބަންގްލަދޭޝުން އަންނަ ފަތުރުވެރިން ޓެކްސް ދައްކައި، އެ ފަތުރުވެރިން ކަނޑައެޅިފައިވާ ދުވަހު ފުރާތޯ ބެލުން މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ބަންގްލަދޭޝުން މިހާރު ރާއްޖެ އަންނަ ފަތުރުވެރިން މި ދުވަސްވަރު ގިނަކަން ފާހަގަ ކުރައްވާފަ އެވެ. އަދި މި މީހުން ޗުއްޓީ ނިންމުމަށްފަހު އަލުން ފުރާތޯ ބެލުން މުހިއްމު ކަމަށާއި، އެމީހުން ދައްކަން ޖެހޭ ޓެކްސްތައް ދައްކާތޯ ބެލުންވެސް މުހިއްމު ކަމަށް މޫސަ ވިދާޅުވިއެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އަށް ޓެގް ކުރައްވައި މޫސަ ކުރެއްވި މި ޓުވީޓުގައި އޭނާ ވިދާޅުވީ މިހެން ދެންނެވީ މާޒީއެއް އޮތީމަ ކަމަށެވެ. މޫސަ މިހެން ވިދާޅުވެފައިވާއިރު، ޓުއަރިސްޓް ވިސާގައި ރާއްޖެ އެތެރެވާ "ފަތުރުވެރިން" ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ މައްސަލައާއި، ރާއްޖޭގައި މަސައްކަތް ކުރާ މައްސަލައަކީ މީގެ ކުރިން އެތައް ފަހަރަކު ފެންމަތިވެފައިވާ މައްސަލަތަކެކެވެ. ނަމަވެސް މިހާތަނަށް މިކަމާ ގުޅިގެން އެދެވޭ ގޮތުގައި ފިޔަވަޅު އެޅިފައިވާ ތަނެއް ފެންނާކަށް ނެތެވެ.

މީގެ ކުރިން އިމިގްރޭޝަނުން ވަނީ މަހަކު އެވަރެޖުކޮށް 139 މީހުން ޓުއަރިސްޓް ވިސާގައި ރާއްޖެއަށް މަސައްކަތް ކުރުމަށާއި އެހެނިހެން ކަންކަމު އައުމުން ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދީ އަނބުރާ ފޮނުވާލާ ކަމަށް ބުނެފައެވެ. އިމިގްރޭޝަން ކޮންޓްރޯލާ ހަނަފީ މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ޓުއަރިސްޓް ވިސާގައި އަންނަ މީހުންގެ ކިބައިން އެފަދަ ކަމެއް ކިރިޔާވެސް ތުހުމަތު ކުރެވޭ ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދޭ ކަމަށެވެ.