ޝިފާ މުހައްމަދު

ޑްރަގް ވިޔަފާރީގެ ބޮޑުންގެ ގޮތުގައި ބަންދުކުރި ގިނަ މީހުން، 2013 ގައި ވެރިކަމަށް އައި ބަޔަކު ވަނީ ދޫކޮށްލާފައި: ޝިފާ

މަރިޔަމް ޝަހުދާ

1

ޑްރަގު ވިޔަފާރީގެ ބޮޑުންގެ ގޮތުގައި ބަންދު ކުރެވުނު ގިނަ މީހުން، 2013ގައި ވެރިކަމަށް އައި ބަޔަކު ވަނީ ދޫކޮށްލާފައި ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝިފާ މިހެން ވިދާޅުވީ މާލޭގެ ގޭގޭގައި މަސްތުވާ ތަކެއްޗާއި ޑްރަގު ބޭނުންކޮށްގެން ހިންގާ ބޮޑެތި ކުށްތަކާއި ގުޅިގެން އާންމުންގެ މީހަކު ކުރި ޓުވީޓަކާ ގުޅިގެންނެވެ.

އެމީހާވަނީ މާލޭގައި ޑްރަގު ވިޔަފާރި ހިންގާ މިންވަރާއި އޭގެ ބޮޑުމިން އެނގުމުން އެކަމާ ހައިރާންވާ ކަމަށާއި، އަތޮޅުތަކުގައިވެސް މިފަދަ ބޮޑެތި ވިޔަފާރިތައް ހިންގާތޯ ބަލަން ޖެހޭ ކަމަށް ބުނެފައެވެ. މިއަށް ރައްދު ދެއްވަމުން ޝިފާ ވިދާޅުވީ ޑްރަގު ވިޔަފާރީގެ ބޮޑުންގެ ގޮތުގައި ބަންދުކުރެވުނު ގިނަ މީހުން ދޫކޮށްލާފައިވަނީ 2013 ގައި ވެރިކަމަށް އައި "ބަޔަކު" ކަމަށެވެ. އަދި މިކަން ހަނދާން ނެތޭ ވަރު ނުވާ ކަމަށް ޝިފާ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފުލުހުން ވަނީ މ. ލޮނުމިދިލިގެ ބަލައި ފާސްކޮށްފައެވެ. އަދި އެގެއިން ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ކުޑަ ހަތަރު ކުދީން ވެސް ހިމެނެ އެވެ. މީގެ އިތުރުން މި ޑިސެމްބަރު މަހު ފުލުހުން ވަނީ އިތުރު ހަތަރު ގެއެއް ބަލައި ފާސްކޮށްފައެވެ. އެއީ ފަހެއް ޑިސެމްބަރުގައި މ. ފެޝަންމީޑް، 12 ޑިސެމްބަރުގައި މ.ނަދީއިރުމަތީ، 16 ޑިސެމްބަރުގައި ހ. ވެލިރަންގެ އަދި 18 ޑިސެމްބަރުގައި ގ. މެމޮރީވިލާ އެވެ.

މި ހަތަރު ގެއިން ފުލުހުން ވަނީ ޖުމުލަ 29 މީހަކު ހައްޔަރުކޮށްފައެވެ. އެއީ ފެޝަންމީޑުން މަސްތުވާތަކެއްޗާއެކު 11 މީހުން، ނަދީއިރުމަތީން މަސްތުވާތަކެއްޗާއެކު ހަތަރު މީހުން، ވެލިރަންގެއިން މަސްތުވާތަކެއްޗާއެކު 10 މީހުން އަދި މެމޮރީ ވިލާއިން މަސްތުވާތަކެއްޗާއެކު ހަތަރު މީހުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟