އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 18

އަބްދުﷲ ފާރޫގް ހަސަން

(17 ވަނަ އަދަދާ ގުޅޭ)

މަދާއިނުން ފުރިއިރު އަޅުގަނޑު ހިތަށްއެރިއެވެ. ހުރުމުޒު ކަހަލަ މިޒާޖު ނުބައި ބޭފުޅަކަށް ސިފައިންގެ ވެރިޔާގެ ސިޓީފުޅުން އެއްވެސް އަސަރެއް ނުކުރާނެއެވެ. ޝަހެންޝާހުގެ ގަނޑުވަރުގެ ދޮރުކޮޅުތަކުގައި ޓަކިޖެހުމުގެ ޤާބިލުކަން އަޅުގަނޑަށް ނުލިބޭހައި ހިނދަކު އަޅުގަނޑުމެންގެ އުނދަގޫތައް މިގޮތަށް ދެމިއޮންނާނެއެވެ. ނަމަވެސް އެސިޓީފުޅުން އަޅުގަނޑު ހީކުރިވަރަށްވުރެ މާބޮޑަށް ހުރުމުޒަށް އަސަރުކުރިއެވެ. އޭނާ ހުންނެވީ މަދާއިނުގައި ތިބި އަޅުގަނޑުމެންގެ ގާތްމީހުންނަކީ ކޮބައިކަން އޮޅުންފިލުއްވާހިތްޕުޅުން ކެތްތެރިކަން ކުޑަވެފައެވެ. ނަމަވެސް އަޅުގަނޑަށް ސިފައިންގެ ވެރިޔާގެ އަރިހަށް ދެވުނީ ކޮންބަޔަކު މެދުވެރިވެގެންކަމެއް އަޅުގަނޑެއް ނުބުނަމެވެ. އެކަކު ދެމީހަކު ސިފައިންގެ ތެރެއިން ވަކިކޮށްލެއްވުމަކީ އޭނާއަށް ކުޑަކޮށްވެސް އުނދަގޫފުޅުކަމަކަށް ނުވާނެކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑު ސިފައިންގެ ވެރިޔާގެ އަރިހަށް ދިއުމުގެ ބަދަލުގައި ސީދާ އޭނާގެ އަރިހަށް ނުދިޔައީ ކީއްވެތޯ އޭނާ ސުވާލުކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ކަލާ އަޅުގަނޑަކީ އަނިޔާވެރިއެއްކަމުގައި ބައްލަވަނީތޯއެވެ؟" އަޅުގަނޑު ޖަވާބު ދިނީމެވެ. "މަނިކުފާނަކީ އަނިޔާވެރިއެއްކަމުގައި ދެކޭނަމަކަ ސިފައިންގެ ވެރިޔާގެ ސިޓީފުޅެއް ހިފައިގެންވެސް މަނިކުފާނުގެ އަރިހަކަށް ނައީމުހެވެ. އަޅުގަނޑު އެންމެފުރަތަމަ މަނިކުފާނުގެ އަރިހަށް ނައީ ފައިންޕުޅު ފެންނާނެކަން ނޭނގޭތީއެވެ."

حسّان ވިދާޅުވިއެވެ. "ކަލާ ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނަވައި އެނބުރި ވަޑައިގެންނެވީތީ އަޅުގަނޑު ވަރަށް އުފާކުރަމެވެ."

ޒަރުބަޚުތު ޖަވާބުދެއްވިއެވެ. "އަޅުގަނޑަށް ލިބުނު ހިތްހަމަޖެހުމަކީ ދުވަސްކޮޅަކަށްނަމަވެސް ބައްޕާފުޅަށް ހަމަނޭވާފުޅު ލެއްވޭނެކަމުގެ ހިތްހަމަޖެހުމެވެ. ދާއިމީ ހިތްޕުޅުހަމަޖެހުމެއް ނޫނެވެ. ހުރުމުޒު ކަހަލަ ބޭފުޅެއްގެ ޠަބީޢަތު ފަހަރެއްގައިވެސް މުޅިން ބަދަލެއް ނުވާނެއެވެ. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑަށް ސިފައިންގެ ތެރޭގައި ކުރިޔަށް ދިއުމުގެ ފުރުޞަތު ލިބުމެވެ. އޭރުން އަޅުގަނޑު ބައްޕާފުޅު އަޅުގަނޑުގެ ގާތަށް ގެންދާނީއެވެ. މިވަގުތު އަޅުގަނޑުގެ ފެންވަރު ހުރިގޮތުން މަދާއިނުން ބައްޕާފުޅަށް ރަނގަޅު ގެއެއްވެސް ހޯދައެއް ނުދެވޭނެއެވެ. އަޅުގަނޑު ބިރުގަންނަ އަނެއްކަމަކީ ހުރުމުޒާ ދުޝްމިންވެގެން އަޅުގަނޑުމެންނަށް ސަލާމަތުން މިތަނުންވެސް ނުދެވޭނެތީއެވެ. ފިލައިގެންދާން މަސައްކަތްކޮށްފިނަމަ ކިސްރާގެ ރަސްކަމުގެ އެއްވެސް ކަންކޮޅެއް އަޅުގަނޑުމެންނަކަށް ރައްކާތެރިއެއް ނުވާނެއެވެ. އަޅުގަނޑު މިތަނަށް އައުމުން ތޫރަޖުގެ ޤާތިލަކީ ކަލާ ކަމާއި ކަލާގެ ކޮއްކޯފުޅު ދުވަސްކޮޅަކު މިތާ މަޑުކުރައްވަންޖެހޭނެކަން އެނގުމުންވެސް އަޅުގަނޑަށް ޔަގީންވީ ހުރުމުޒާ ޞުލްޙަވުން ނޫންގޮތެއް އަޅުގަނޑުމެންގެ ކުރިމަތީގައި މިވަގުތަށް ނެތްކަމެވެ. މިހާރަކު އޭނާގެ މީހުން މިގެއާ ދިމާޔަކަށް ނާންނާނެއެވެ. އަޅުގަނޑު ހަފްތާއެއްހައި ދުވަހު ގޭގައި މަޑުކުރާނަމެވެ. އަދި މިއަންނަމަހުވެސް ދެދުވަހަކަށް ނަމަވެސް ގެއަށް އާދެވޭތޯ ބަލާނަމެވެ. އެހައިތަނަށް ކަލާއަށް އެނބުރި ވަޑައިގެންނެވި سُهيل ގެންދެވޭގޮތް ނުވެއްޖެނަމަ އަދި އޭނާއަށް ނުރައްކަލެއް މެދުވެރިވެދާނެކަމަށް އަޅުގަނޑަށް އިޙްސާސްކުރެވޭނަމަ އޭނާ ގެންދާނީ އަޅުގަނޑާއެކު މަދާއިނަށެވެ. އެތަނުން އޭނާއަށް ކިޔަވައިދީ ތަރުބިޔަތުކުރުމުގެ މަގުވެސް ފަހިވާނެއެވެ. އޭނާ ބޮޑުވެގެން ސިފައިންގެ ތެރެއިން ރަނގަޅު މަޤާމެއް ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި ކޮންމެވެސް ދުވަހަކުން މަދާއިންގެ މާޙައުލަކީ ކަލާއަށްވެސް ނުރަނގަޅުތަނެއް ނޫންކަން އިޙްސާސްކުރެއްވެވުމަކީ އެކަށީގެންނުވާ ކަމެއް ނޫނެވެ."

حسّان ވިދާޅުވިއެވެ. "سُهيل އަށް ދަތުރުކުރެވޭވަރުވާނަމަކަ އަޅުގަނޑު ތިޔަބޭފުޅުންނަކަށް އުނދަގޫފުޅެއް ނުކުރީމުހެވެ. ނަމަވެސް މިހާރު ކަންތައްހުރިގޮތުން އެކަނިދާން އަޅުގަނޑަށް މަޖުބޫރެވެ. ކޮންމެ ގޮތެއްގައިވެސް ކަލާއާ ބައްދަލުވުމުން އަޅުގަނޑަށް އޭނާއާމެދު އިތުރު ހިތްމަޖެހުމެއް ލިބިއްޖެއެވެ."

ބައްޕާފުޅު ހުންނެވީ ބައްޕާފުޅުގެ އެންމެބޮޑު ދުޝްމިނާއާ އަޅުގަނޑު ޞުލްޙަވީތީ ވަރަށް ނުޤަބޫލުފުޅުވެފައެވެ. މިވަގުތު ކަންތައްހުރިގޮތުން އަޅުގަނޑަށް މިނޫން އެހެންގޮތެއް ނެތީއެވެ. އަޅުގަނޑު ނެތީސް ބައްޕާފުޅު ކަލާއާ ވާހަކަ ދައްކަވައިފިނަމަ ބައްޕާފުޅަށް ވިސްނައިދެއްވޭތޯ މަސައްކަތްޕުޅު ކުރެއްވުން އެދެމެވެ."

ޒަރުބަޚުތު މިހެން ވިދާޅުވެފައި ތެދުވެވަޑައިގެން ކޮޓަރީން ބޭރަށް ނުކުމެވަޑައިގެންފިއެވެ.

ގަޑިއެއްހައިއިރު ފަހުން حسّان قبــاد އާއި ޒަރުބަޚުތުގެ އަރިހުގައި ފަރީއްކުޅުއްވާން އިންނެވިއެވެ. ވަރުފުޅު ދެރަކަމުން سُهيل އަށް މައްޗަކަށް ވަޑައެއްނުގެންނެވުނެވެ. އެހެންކަމުން އޭނާގެ ފަރިއްކޮޅު ފޮނުވުނީ ބިންގަރާސް ކޮޓަރިޔަށެވެ. ماه بانو ވަޑައިގެންވީ އޭނާގެ ހިތްޕުޅު ހަމަޖައްސަވައިދެއްވުމަށްޓަކައި ބިންގަރާސް ކޮޓަރީގައެވެ.

حسّان އަށް އެންމެފުރަތަމަފަހަރަށް قبــاد ގެ މޫނުފުޅުމަތީން ހިތްޕުޅު ހަމަޖެހިވަޑައިގަތުމުގެ އަސަރުތައް ފެނިވަޑައިގެންނެވިއެވެ. މަދާއިނުގައި ޒަރުބަޚުތު ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން ވައިގެ މިސްރާބު ބަދަލުވެ ހުރުމުޒުފަދަ އަނިޔާވެރިޔަކަށް އޭނާގެ ގޮތް ބަދަލުކޮށްލައްވަން މަޖުބޫރުވެވަޑައިގެންނެވީތީ އޭނާ އުފާކުރައްވައެވެ. ނަމަވެސް އޭނާގެ ހިތްޕުޅުގައި މޮޅިވެރިކަން އުފެދިފައިވަނީ ސިފައިންގެ ވެރިޔާ ޝަހެންޝާހުގެ ދަރުބާރުގައި ހުރުމުޒާ ދެކޮޅަށް އަޑު އުފުއްލެވުމުގެ ބަދަލުގައި ހަމައެކަނި ނަސޭހަތުގެ ސިޓީފުޅަކުން ފުއްދައިލެއްވީތީއެވެ. ތިންބޭފުޅުންގެ މެދުގައި ދެކެވެމުންދިޔަ ވާހަކަފުޅުގައި ޒަރުބަޚުތު ވިދާޅުވިއެވެ. "މުސްތަޤްބަލުގައި އަޅުގަނޑުމެން ހުރުމުޒަށް ޝަކުވާކުރައްވާނެ ޖާގައެއް ލިބިވަޑައިގަތަނުދީފިނަމަ އޭނާ އަޅުގަނޑުމެންނަކަށް ގޯނާއެއް ނުކުރައްވާނެއެވެ. "ޒަރުބަޚުތު މިހެން ވިދާޅުވުމުން قبــاد ކޯފާވެފައި ވިދާޅުވިއެވެ. "ޒަރުބަޚުތެވެ! ދަރިފުޅަކަށް މިނިކާވަގެއްގެ ޠަބީޢަތު ބަދަލެއް ނުކުރެވޭނެއެވެ. އަހަރެން މިހިރީ އަހަރެމެންގެ އާރެއް ބާރެއް ނެތްކަން ޤަބޫލުކުރަން ތައްޔާރަށެވެ. ނަމަވެސް އަހަރެމެންގެ ޙާލާމެދު އަހަރެމެން ހިތްހަމަޖައްސައި އަނިޔާއާ ދެކޮޅަށް އަޑުއުފުލުން ހުއްޓައިލައިފިނަމަ އަހަރެމެންގެ މުޞީބާތްތައް އެހައިތަނުން ނިމޭނެކަމަކަށެއް ޤަބޫލެއް ނުކުރެވޭނެއެވެ. ސިފައިންގެ ވެރިޔާގެ ނަސޭހަތާ ވިދިގެން ހުރުމުޒު އުރަޔަށްލެއްވި ކަނޑިކޮޅު ހަފްތާތަކެއް ނުވަތަ މައްސަރުތަކެއްގެ ފަހުން އަހަރެމެންނާ ދެކޮޅަށް އުރައިން ދަންމަވައި ނުގަންނަވާނެކަމަކަށް ޤަބޫލެއް ނުކުރަމެވެ."

ޒަރުބަޚުތު ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. "ބައްޕާފުޅާއެވެ! މީގެއިތުރަށް އަޅުގަނޑަށް ކުރެވެންއޮތީ ކޮންކަމެއްތޯއެވެ؟"

ދަރިފުޅަށް އިތުރަށް ކުރެވޭނެކަމެއް ނެތްކަން ބައްޕައަށް އެނގެއެވެ. މިހާއަވަހަށް ދަރިފުޅަށް ސިފައިންގެ ވެރިޔާއާ ބައްދަލުކުރެވޭނެ ކަމަކަށްވެސް ބައްޕަ ހީއެއް ނުކުރަމެވެ. ނަމަވެސް ދަރިފުޅު މިހާވަރުން ހިތްހަމަޖައްސައިލައިގެން ހުރެގެން ނުވާނެއެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑު އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖައްސަމެވެ. ނަމަވެސް އަޅުގަނޑަށް އިންކާރުކުރެވޭން ނެތް ޙަޤީޤަތަކީ ހުރުމުޒަކީ އަޅުގަނޑުމެންގެ ގަވަރުނަރުކަމެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ ހުރިހައި އަނިޔާތަކަކާއެކުވެސް އަޅުގަނޑުމެންނަކަށް އޭނާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. އަޅުގަނޑުމެން މިތަނުގައި ދިރިއުޅޭން ބޭނުންކަމުގައިވާނަމަ އެކަމަށް އޮތް މަގަކީ އޭނާގެ ކޯފާއަށް ހުރަހޮޅިނުގަނެ ތިބެވޭތޯ ބެލުމެވެ. ބައްޕާފުޅު މަދާއިނަށް ވަޑައިގަންނަވަން ބޭނުންފުޅުކަމުގައިވިޔަސް އޭނާ އަޅުގަނޑުމެން ހުއްޓުވަން ނުއުޅުއްވާނެ ގޮތެއްވުން ބޭނުމެވެ. އަޅުގަނޑުމެންނަށް އެއްވެސް ޙާލެއްގައި އޭނާއާ ހަނގުރާމައެއް ނުކުރެވޭނެއެވެ. ނަސީބު ދެރަކަމުން އަޅުގަނޑުމެންނަކީ ގަދަފަދަ މީހާއަކީ ޙައްޤުގައިހުރި މީހާ ކަމަށާއި، ބަލިކަށި މީހާއަކީ ކުށްވެރިޔާކަމުގައި އަބަދުވެސް ދެކެމުންއަންނަ ޤައުމެއްގެ ރައްޔިތުންނެވެ. ބައްޕާފުޅު އަޅުގަނޑަށް މަދާއިނުގެ ދަރުބާރުގައި އަނގަހުޅުވައިލުމުގެ ޤާބިލުކަން ހޯދެންދެން ފުރުޞަތު ދެއްވާށެވެ. އޭރަކުން އަޅުގަނޑު ބައްޕާފުޅު މާޔޫސްވެވަޑައިގެންނެވިޔަކަ ނުދޭނަމެވެ."

ޒަރުބަޚުތު މިހެން ވިދާޅުވެފައި حسّان އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ކަލާ ވިދާޅުވެ ބައްލަވާށެވެ. އަޅުގަނޑުގެ ބަދަލުގައި ކަލާ ހުންނެވިނަމަ ހައްދަވާނީ ކިހިނަކުންތޯއެވެ؟" حسّان ޖަވާބު ދެއްވިއެވެ. "މިފަދަ ގޮތެއް ދިމާވުމުން ހަދާނެގޮތެއް އަޅުގަނޑުގެ ވިސްނުމަކަށް ނާދެއެވެ. ނަމަވެސް އަޅުގަނޑަށް ކަލާގެ މަޖުބޫރީ ވިސްނެއެވެ. އަޅުގަނޑަށް ހީވާގޮތުގައި ހުރުމުޒާ ޞުލްޙަވެވަޑައިގަތުން ނޫންގޮތެއް ކަލާގެ ކުރިފުޅުމައްޗަކު މިވަގުތަކު ނެތެވެ. އާރެއް ބާރެއް ނެތް މަޖުބޫރު ނިކަމެތި އަވަށްޓެރިއެއްގެ ޙައިޘިއްޔަތު އިޚްތިޔާރު ކުރެއްވުމަކާ ނުލައި ބާރުހުރި ދުޝްމިނެއްގެ ނުބައިކަމުން ސަލާމަތްވެވަޑައިގެންނެވުނުކަމީ ކަލާގެ ނަސީބުފުޅު ރަނގަޅު ކަމެވެ. ކަލާގެ ގެ ރައްކާތެރިކަމުގައި ހުރީވިއްޔާ އެގޭގެ އަހުލުވެރީންވެސް ތިބޭނީ ރައްކާތެރި ކަމުގައެވެ. އަޅުގަނޑުގެ ކޮއްކޮ ދުވަސްކޮޅަކު މިގޭގައި ބަހައްޓަންޖެހިފައި އޮތްކަމުގައި ނުވިޔަސް އަޅުގަނޑުގެ އެދުމަކީ ތިޔަބޭފުޅުން ހުރުމުޒުގެ އަނިޔާއިން ސަލާމަތްވެވަޑައިގަތުމެވެ."

ޒަރުބަޚުތު އޭނާގެ ބައްޕާފުޅާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ބައްޕާފުޅާއެވެ! ހުރުމުޒަށް ބައްޕާފުޅުގެ ފަރާތްޕުޅުން ކިތަންމެ ކުޑަ ނުރައްކަލެއް އަތުވެދާނެކަމަށް ހީފުޅުވިޔަސް އޭނާ ބައްޕާފުޅު މަދާއިނުގެ ރައްކާތެރިކަން ހޯއްދެވިޔަ ދެއްވާނެތޯއެވެ؟"

"އަހަންނަށް އެނގެއެވެ." قبــاد ހިތްޕުޅު ކުޑައިކުރައްވައި ވިދާޅުވިއެވެ. "އަހަންނަށް އެނގެއެވެ. އަހަރެން ކޮންމެގޮތަކަށް ކަންތައްކުރިޔަސް ހުރުމުޒުގެ ހިތްޕުޅު އަހަންނާމެދަކު ސާފެއް ނުވާނެއެވެ. އެހެންކަމާއެކުވެސް ދަރިފުޅަށް މިވަގުތު ކުރެވޭނެ އެހެންކަމެއް ނެތްކަންވެސް ބައްޕަ ޤަބޫލުކުރަމެވެ. ދެން އިރުކޮޅަކު އަހަރެން އަރާމުކޮށްލާނަމެވެ. ރޭގައި ދަރިފުޅު މިތަނަށް ދެމޮޔައިން ފޮނުވައިގެން ބައްޕަ ހާސްކުރުވިވަރުން އިރުކޮޅަކުވެސް އަރާމުގައި ނިދައެއް ނުލެވުނެވެ." قبــاد ތެދުވެވަޑައިގެން އޭނާގެ ކޮޓަރިކޮޅަށް ވަޑައިގެންފިއެވެ. ޒަރުބަޚުތާއި حسّان އާ ދެބޭފުޅުން އިރުކޮޅަކު ހަމަހިމޭނުން އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވަން ތިއްބެވިއެވެ. އެހެން ތިއްބަވައިފައި ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑު ކަލާއަށް ޝުކުރުވެރިވަމެވެ. ކަލާ އަޅުގަނޑު ވަރަށްބޮޑު ފިކުރަކުން ސަލާމަތްކޮށްދެއްވައިފީމުއެވެ. ދެން އަޅުގަނޑު މަދާއިނަށް ދާއިރު ބައްޕާފުޅު އަޅުގަނޑާ ނުޤަބޫލުފުޅެއް ނޫންކަމުގެ ހިތްހަމަޖެހުމާއެކު އަޅުގަނޑަށް މަދާއިނަށް ދެވިދާނެއެވެ. އަޅުގަނޑުގެ އެންމެބޮޑު ބަލިކަށިކަމަކީ އަޅުގަނޑަކީ ماه بانو ގެ ބޭބެކަމުގައި ވީކަމެވެ. ނަމަވެސް އަޅުގަނޑުމެންނާއި ހުރުމުޒާ ދެމެދުގައިވާ ދުޝްމިނުކަމުން ماه بانو އަށްވެސް ނުރައްކަލެއް ކުރިމަތިވެދާނެ ވާހަކަ ދެންނެވިނަމަ ބައްޕާފުޅު މާބޮޑަށް މޮޅިފުޅުވީހެވެ. މިހާރު ބައްޕާފުޅު ހިތްޕުޅު ހަމަޖައްސަވައިގެން އެހުންނެވީ ކޮންމެވެސް ދުވަހަކުން އަޅުގަނޑަށް ހުރުމުޒުގެ ހިސާބު ހަމަޖެއްސޭވަރުވާނެ ކަމަށެވެ. ބައްޕާފުޅު އުފާކުރުވަން ވާހަކަ ނުދައްކައި ޙަޤީޤަތާ އެއްގޮތަށް އަޅުގަނޑަށް ވާހަކަދެއްކޭން އޮތްނަމަ ދެންނެވޭނީ ކިސްރާގެ ސިފައިންގެ ވެރިކަން އަޅުގަނޑަށް ލިބުނުކަމުގައިވިޔަސް އަޅުގަނޑުގެ އަތް ހުރުމުޒުގެ ކަނދުރާއާ ހަމަޔަކަށް ނުފޯރާނެ ކަމުގައެވެ."

حسّان އޭނާގެ މޫނުފުޅުމައްޗަށް ހިތާމަވެރި ހިނިތުންވެވަޑައިގަތުމެއް ވެރިކުރައްވަމުން ވިދާޅުވިއެވެ. "ކިސްރާގެ ސިފައިންގެ ވެރިޔަކަށްވުމުގެ ހުވަފެނެއް އަޅުގަނޑު ނުދެކޭނަމެވެ. ނަމަވެސް އަޅުގަނޑަށް އެނގޭކަމަކީ ހުރުމުޒުގެ ރީތި ގަނޑުވަރު އަޅުގަނޑުގެ ގެއެކޭ އެއްގޮތަށް ވީރާނާ ނުވަނީސް އަޅުގަނޑަށް ހިތްހަމަޖެހުމެއް ނުލިބޭނެކަމެވެ."

އެވަގުތު ماه بانو އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. ماه بانو އޭނާގެ ބޭބޭފުޅުގެ އަރިހުގައި އިށީނދެވަޑައިގެން ވިދާޅުވިއެވެ. "ބައްޕާފުޅު ވަޑައިގަތީ ކޮންތަނަކަށްތޯއެވެ؟"

ޒަރުބަޚުތު ވިދާޅުވިއެވެ. "ބައްޕާފުޅު ވަޑައިގެންނެވީ ކޮޓަރިކޮޅަށެވެ. ބައްޕާފުޅު އަރާމު ކުރެއްވުން ބޭނުމެވެ." ދެން އޭނާ حسّان އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ދެން އަޅުގަނޑު ބޭނުންވަނީ ފެށުނީއްސުރެ ނިޔަލަށް ކަލާގެ ވާހަކަފުޅު އަޑުއަހައިލުމެވެ."

"އެންމެ ރަނގަޅެވެ. ނަމަވެސް އަޅުގަނޑުގެ ވާހަކައިގައި އޮތް ހަމައެކަނި އަހަންމިއްޔަތަކީ ޖިހާންދާދުގެ ދަތުރުފުޅުގެ ބައިވެރިޔަކަށް ވެވުނުކަމެވެ." حسّان މިހެން ވިދާޅުވެފައި އޭނާ ތަކުރާރުކުރައްވައި އެތައްފަހަރަކު ވިދާޅުވެފައިވާ އޭނާގެ ވާހަކަފުޅު އަލުން އަނެއްކާވެސް ތަކުރާރުކޮށްދެއްވިއެވެ. އޭނާ ބެދިފައިވާ އަޑުފުޅަކާއެކު ވާހަކަފުޅު ނިންމަވައިލެއްވިއިރު ماه بانو އާއި ޒަރުބަޚުތާ ދެބޭފުޅުން ތިއްބެވީ ފެންކަޅިފުޅުވެފައެވެ.

+ + + + +
އެރޭގެ އިރާދަން ހުސްވިއިރު حسّان ބިންގަރާހުގެ ބޭރުގައި އަހުގެ ލަގަނުގައި ހިއްޕަވައިގެން ހުންނަވައި އޭނާގެ އެހީތެރިންނާ ވަދާޢުކުރައްވަނީއެވެ. سُهيل ވެސް އެންމެފުރަތަމަފަހަރަށް ބިންގަރާހުން ބޭރަށް ނުކުމެވަޑައިގެން ހުންނެވިއެވެ. ޒަރުބަޚުތުގެ ގައިކޮޅުގައި ލެނގިވަޑައިގެން އޭނާގެ ބޭބެއާ ދިމާޔަށް ބައްލަވަން ހުންނެވިއެވެ. حسّان ސަލާމްކުރެއްވުމަށްޓަކައި قبــاد އާ ދިމާޔަށް އަތްޕުޅު ދިއްކޮށްލެއްވުމުން އޭނާ ވިދާޅުވިއެވެ. "ދަރިފުޅާއެވެ! ދަރިފުޅުގެ ކޮއްކޮއާމެދު ކަންބޮޑުނުވާށެވެ. އަހަރެން މިހިރީ އޭނާ ރައްކާތެރިކުރުމުގެ ޒިންމާ ބޮލުއަޅައިގެންނެވެ. އަހަރެން ދިރިހުއްޓައެއް އޭނާގެ އެންމެ ލޯއްޔެއްވެސް ބޭކާރެއް ނުވާނެއެވެ. ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އަހަރެން އޭނާ ޒަރުބަޚުތުގެ ގާތަށް މަދާއިނަށް ފޮނުވަފާނަމެވެ. އަހަރެން އެދެނީ ދަރިފުޅު އަވަހަށް އެނބުރި އައުމެވެ. ނަމަވެސް ކޮއްކޮއަށްޓަކައި ނުރައްކަލަކަށް ހުރަހެޅުމުގެ ބޭނުމެއް ނެތެވެ. ހަފްތާއެއް ނުވަތަ މަހެއް ކީއްކުރަންހެއްޔެވެ؟ އަހަރު ދެއަހަރުފަހުން ދަރިފުޅު އަޔަސް سُهيل އަށް އޭނާ އުފަލުގައި ބަހައްޓަން އަހަރެމެން މަސައްކަތް ނުކުރާކަމުގެ ޝަކުވާއެއް ނުކުރެވޭނެއެވެ." قبــاد އަށްފަހު حسّان އެނބުރިވަޑައިގަތީ ޒަރުބަޚުތާ ދިމާޔަށެވެ. ޒަރުބަޚުތު حسّان ގެ އަތްޕުޅުގައި ހިއްޕަވައި ސަލާމްކުރެއްވުމުގެ ބަދަލުގައި حسّان އާ ބަޣަލްގީރު ކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. ބަހުރައިންގެ ވިޔަފާރިވެރީން ވަރަށްގިނައިން މަދާއިނަށް އާދެއެވެ. ކަލާ އިތުބާރުކުރެއްވޭ މީހެއްގެ ޙަވާލުގައި އަޅުގަނޑަށް ސަލާމެއް ނުވަތަ ޚަބަރެއް ފޮނުއްވަން ބޭނުންފުޅުނަމަ އެމީހަކަށް އަޅުގަނޑު ހޯދާކަށެއް އުނދަގުލެއް ނުވާނެއެވެ. މަދާއިނުގައި ކަލާއަށް ނުރައްކަލެއް ނެތްކަމަށް އަޅުގަނޑު ޚަބަރު ފޮނުވައިފިނަމަ ކަލާއަށް އިތުބާރު ކުރެއްވިދާނެއެވެ."

"މިއީ އަޅުގަނޑުމެންގެ އެންމެފަހުގެ ބައްދަލުވުމެއް ނޫންކަން އަޅުގަނޑަށް ޔަޤީނެވެ." حسّان ޒަރުބަޚުތާ ދިމާޔަށް މިހެން ވިދާޅުވެފައި سُهيل އާ ދިމާޔަށް އެނބުރިވަޑައިގެންފިއެވެ. އޭނާ سُهيل ގެ އިސްތަށިފުޅުގައި އަތްޕުޅު ފިރުންމަވައިލައްވައިފައި ވިދާޅުވިއެވެ. "سُهيل އެވެ! ކޮއްކޮ ދެރައެއް ނުވޭހެއްޔެވެ؟"

"އާދޭހެވެ." އޭނާ ޖަވާބު ދެއްވިއެވެ.

ماه بانو ބެދިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ. "سُهيل އަކީ އަޅުގަނޑުގެ ކޮއްކޮއެކެވެ. އަޅުގަނޑު އޭނާ ދެރަފުޅުވިޔަކަ ނުދޭނަމެވެ."

ދެވަނަފަހަރަކަށް ماه بانو އާ ދިމާޔަށް ބައްލަވައިލައްވާކަށެއް حسّان އަށް ކެރިވަޑައެއް ނުގެންނެވިއެވެ. އޭނާ އަވަސްއަވަހަށް އަހަށް ސަވާރުވެވަޑައިގެންފިއެވެ.

އޭނާގެ ދަތުރުފުޅު އެރެހައްޓަވަން ވަޑައިގެން ތިއްބެވި ބޭފުޅުންނަށް ސިކުންތުކޮޅެއްގެފަހުން އިވިވަޑައިގަންނަވަމުން ދިޔައީ ގަސްތަކުގެ ބިއްދޮށުން އޭނާގެ އަސް ކަޑަބޮއްޖަހައިފައި ދުވަމުންދާ އަޑެވެ.

(ނުނިމޭ)