މޮޓޮރޮލާ އިން އަންނަ އަހަރުގެ ތެރޭގައި ނެރޭ އެކުންފުނީގެ އާ ފަތްޖަހާލެވޭ ފޯނު، ރޭޒާއަށް ޕްރީ އޯޑާ ކުރުމާއި ލޯންޗު ކުރުން ފަސްކޮށްފިއެވެ.
މޮޓޮރޮލާ ރޭޒާއަކީ ދެހާހުގެ އަހަރު ތެރޭގައި އެކުންފުނިން ހަމަ އެނަމުގައި ނެރުނު ފޯނުގެ ރީމޭކެކެވެ. ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ އެ ފޯނު ޕްރީ އޯޑަރަށް ހުޅުވާލަން ކުރިން ނިންމާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ލޯންޗު ކުރުމަށް ކުރިން ހަމަޖައްސާފައި އޮތީ އަންނަ މަހުގެ ތެރޭގައެވެ.
ޗައިނާގެ މަޝްހޫރު އިލެކްޓްރޯނިކްސް ކުންފުނި ލެނޯވޯގެ ޔުނިޓެއްގެ ގޮތުގައި ހިންގާ މޮޓޮރޮލާއިން ބުނީ، ފޯނު އަލުން ރިލީސް ކުރެވޭނެ ވަކި ތާރީހެއް ބުނަން ނޭނގޭ ކަމަށެވެ. އަދި އެފޯނު ޕްރީއޯޑަރަށް ހުޅުވާލުން ފަސްކުރީ ހީކުރި ވަރަށްވުރެ ޑިމާންޑު ބޮޑުވެ، ލިމިޓެޑް ސަޕްލައިތަކެއް ހުރުމުން ކަމަށް މޮޓޮރޮލާއިން ބުނެއެވެ.
ސެމްސަން ގެލެކްސީ ފޯލްޑު އަދި ވާވޭ މޭޓް އެކްސްއަށްފަހު ބާޒާރަށް ނެރޭ މޮޓޮރޮލާގެ ފަތް ޖަހާލެވޭ ފޯނު ޕްރީއޯޑަރަށް ހުޅުވާލީ ވެރިޒޮންގައި 1500 އެމެރިކާ ޑޮލަރަށެވެ.
ރޭޒަރުގައި ވެސް އެޕަލް ކުންފުނިން މިއަހަރު ނެރުނު އައިފޯން 11ގެ ޑިސްޕުލޭ ސައިޒު، 6.2 އިންޗީގެ ސުކުރީނެއް ހިމެނޭއިރު ފޯނު ފަތްޖަހާލުމުން ނޮޓިފިކޭޝަންތައް ބަލާލަން 2.7 އިންޗީގެ ސުކުރީނެއް ހުރެއެވެ.
ފޯނުގެ ތިރީގައި ފިންގާޕުރިންޓު ސެންސާއެއް ހިމެނޭއިރު، މެއިން ކެމެރާގައި ހުންނަނީ 16 މެގަޕިކްސެލްއެވެ. އަދި ކުއަލްކޮމްގެ ސްނެޕްޑުރެގެން 710 ޕްރޮސެސާއެއް ހިމެނޭ އެ ފޯނުގައި ހަ ޖީބީގެ ރެމް އަކާއި 128 ޖީބީގެ ޖާގައެއް ހިމެނެއެވެ.