ބައިކް މޯލްޑިވްސް

ޔޫސީއައިގެ މެމްބަރަކަށްވީ ފަހުން ބައިކް މޯލްޑިވްސްއަށް ފުރަތަމަ ފަހަރަށް ބައިނަލްގުއަވާމީ މުބާރާތަކުން ފުރުސަތެއް

ޔޫނިއަން ސައިކްލިން އިންޓަނޭޝަނަލް (ޔޫސީއައި)ގެ މެމްބަރަކަށްވީ ފަހުން ބައިސިކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބައިކް މޯލްޑިވްސް)އަށް ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތަކުން ފުރުސަތު ލިބިއްޖެއެވެ.

އެ މުބާރާތަކީ މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް އިންޑިއާގެ ކެރެލާގައި ބާއްވާ މައުންޓަން ބައިކް ޗެލެންޖެވެ.

އެކި ގައުމުތަކުގެ އެތުލީޓުން ވާދަކުރާ އެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ވާދަކުރާނީ ބައިކް މޯލްޑިވްސްގެ ދެ މެމްބަރުން ކަމަށްވާ އަހްމަދު ވަހީދާއި އަލީ ޝަނާންއެވެ. އެ މުބާރާތަށް ރާއްޖޭގެ ދެ އެތުލީޓުން ވަނީ އިއްޔެގެ ވަގުތެއްގައި ފުރައިފައެވެ.

ސައިކްލިން އެސޯސިއޭޝަން އޮފް އިންޑިއާ އިން އިންތިޒާމުކޮށްގެން ބާއްވާ އެ މުބާރާތް ވެގެންދާނީ ރާއްޖޭގެ އެތުލީޓުންނަށް އުނދަގޫ އަދި މުޅިން އާ ތަޖުރިބާއަކަށެވެ. އެ މުބާރާތުގައި ރާއްޖޭގެ އެތުލީޓުން، ވެލީގައާއި ގާތަކުގެ ތެރެއިން ފަސް ކިލޯމީޓަރު ފުރިހަމަކުރަން ޖެހޭނެއެވެ.

ޔޫނިއަން ސައިކްލިން އިންޓަނޭޝަނަލް (ޔޫސީއައި)ގެ ފުރިހަމަ މެމްބަރަކަށް ބައިކް މޯލްޑިވްސް ވެފައިވަނީ މިދިޔަ މަހުގެ 17ގައެވެ.