ހުތުބާ

ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭ ލޯތްބާއި ކުލުނު ނެތިދާ ގޮތަށް ބަސް ބުނެ އުޅެގެން ނުވާނެ: ހުތުބާ

ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭ ލޯތްބާއި ކުލުނު ނެތިދާ ގޮތަށް ބަސް ބުނެ އުޅެގެން ނުވާނެ ކަމަށާއި އެއީ މާތް ﷲ ކައިވެނީގައި ލެއްވި މާތް މަގުސަދު ގެއްލި، ދެމަފިރިން ހަތުރުންނަށް ވެ، ވަރިފަށަށް އަރައިފާނެ ކަމެއް ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ހެޔޮ ބަހުން އެ ބަޔަކާ މުއާމަލާތު ކުރުން ވާޖިބު މީހުންގެ ތެރޭގައި މައިބަފައިން ހިމެނޭ ކަމަށާއި އެމީހުންނާ މުހާތަބު ކުރާއިރު ބަސްމަގު ރިވެތިވާން ޖެހޭނެ ކަމަށެވެ.

"ހަމަ އެފަދައިން ދެމަފިރިންވެސް އެކަކު އަނެކަކާ މުހާތަބު ކުރަން ޖެހޭނީ ރިވެތި ބަހުންނެވެ. އޯގާތެރި ބަހުންނެވެ. އެކަކު އަނެކަކާ ހުތުރު ބަހުން ވާހަކަދައްކައި، އެކަކު އަނެކަކު ހިތުގައި ޖައްސައި، އެ ދެމީހުންގެ ދެމެދުގައި އޮންނަން ޖެހޭ ލޯތްބާއި ކުލުނު ނެތިދާ ގޮތަށް ބަސް ބުނެ އުޅެގެންނެއް ނުވާނެއެވެ. މިއީ މާތް ﷲ ކައިވެނީގައި ލެއްވި މާތް މަގުސަދު ގެއްލި، ދެމަފިރިން ހަތުރުންނަށް ވެ، ވަރިފަށަށް އަރައިފާނެ ކަމެކެވެ. ޒަވާޖީ ހަޔާތަކީ ލޯތްބާއި އޯގާތެރިކަމުގެ މަތީގައި ބިނާވެފައި އޮންނަން ޖެހޭ މުގައްދަސް ގުޅުމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ދެމަފިރިންގެ މެދުގައްޔާއި، އަހުންނާއި އުހުތުންގެ މެދުގައްޔާއި، ގާތްތިމާގެ މީހުންގެ މެދުގައްޔާއި، އަވަށްޓެރިންގެ މެދުގައްޔާއި، ބާޒާރުމަތީގައި ގަނެވިއްކުމުގެ މުއާމަލާތު ތަކުގައްޔާއި، މުވައްޒަފުންގެ މެދުގައްޔާއި، ހިދުމަތް ހޯދުމަށް އޮފީސްތަކަށް ދާ މީހުންނާއި ހިދުމަތްދޭ ފަރާތްތަކާ ދެމެދު، މުއާމަލާތު ކުރެވެން ޖެހޭނީ ރިވެތި ބަހުން ކަމަށެވެ.

"ޑުރައިވަރުންނާއި ފަސިންޖަރުންނާ ދެމެދު، ދަރިވަރުންނާއި މުދަރިސުންނާ ދެމެދު ވެސް، އަދި ހުރިހާ ފަންތިއަކާއި ގިންތިއެއްގެ މީހުންނާ ވެސް މުއާމަލާތު ކުރަން ޖެހޭނީ ރިވެތި ބަހުންނެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ ނުބައި ބަސްތަކުގައި ހަރުދަނާކަމެއް ނުހުންނާ ކަމަށާއި އޭގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަފަސާދަ އުފެދޭނެ ކަމަށެވެ. އަދި އެ ބަހުގެ ސަބަބުން މީހުންނަށް މަގު އޮޅި، އެކަކު އަނެކަކާ ޖެހި، މޫނު ކެނޑޭނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.