ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ރ. މަޑުއްވަރީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގަމުންދާ އޮޕަރޭޝަނުގައި އިއްޔެ ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ އިއްޔެ ހައްޔަރުކުރި ތިން މީހުން ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް މިއަދު 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.
އެމީހުން ހާޒިރުކުރި ވަކި ކޯޓެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ ކޯޓު ހާމަނުކުރީ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައި ކަމަށެވެ.
އިއްޔެ ހެނދުނުން ފެށިގެން މަޑުއްވަރީގައި ހިންގަމުން އަންނަ އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުންގެ ހެޑް އޮފް ސީރިއަސް އެންޑް އޯގަނައިޒްޑް ކުރައިމް ވިންގު، ޗީފް ސުޕްރިންޑެންޓެ މުހައްމަދު ބަޝީރު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އޮޕަރޭޝަންގައި އިއްޔެ ހަ ގެޔަކާއި ދޯންޏެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ބަލައި ފާސްކުރުމުގައި ހަރުކަށި ފިކުރާ ގުޅުންހުރި އަދި ހެކީގެ ގޮތުގައި ބެލެވޭ ވަރަށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތަކާއި ސައްހަ ނޫން ކައިވެނީގެ ސެޓްފިކެޓް ހޯދިފައިވާ ކަމަށެވެ. އަދި ބަލައި ފާސްކުރި ގެތަކުގައި އުޅޭ ކުޑަކުދިންނަށް ވެކްސިން ދިނުމާއި ތައުލީމުން މަހުރޫމް ކުރެވިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ބަޝީރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ވެސް އެ އޮޕަރޭޝަން ކުރިއަށްގެންދާނެ ކަަމަށެވެ.
އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ އޮޕަރޭޝަނަކީ ގާނޫނާއި ގަވާއިދާ ހިލާފަށް، ހަރުކަށި ފިކުރަށް ތަބާވެ، ޖަމާއަތުން ވަކިވެ، ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމަށް މަޑުއްވަރީގައި ހިންގާ މަސައްކަތާއި ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
މީގެ އިތުރުން އެރަށުގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމުތަކުގެ ބޭރުން، ވަކިން ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމުކޮށް އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށާއި އެކަންކަމާ ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.