ކޮތަޅު ކޯޓު ލައިގެން ބްރިޖު ހައިވޭމަތީ ދުއްވުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
މާލެ އާއި ރާއްޖޭގެ އެކި ހިސާބަށް ކުރަމުންދާ ވިއްސާރައިގައި މިއަދު ހެނދުނުން ފެށިގެން މާލެއާއި ހުޅުމާލެއަށް މެދު ނުކެނޑި ވިއްސާރަ ކުރަމުންދާތީ، ބްރިޖް ހައިވޭއިން ދަތުރުކުރާ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ކޮތަޅު ކޯޓު ލައިގެން ބްރިޖު ހައިވޭމަތީގައި ދުއްވުމަކީ ރައްކާތެރި ކަމެއްނޫން ކަމަށާއި ސަބަބަކީ ވައި އެޅުމުގެ ސަބަބުން އެފަދަ ކޯޓުތައް ވީދިގެންގޮސް ކައިރިންދާ ވެހިކަލްތަކުގައި އެޅި އެކްސިޑެންޓް ވުމަށް މަގުފަހިވާތީ ކަމަށެވެ.
އެހެން ކަމުން އެކަމަށް ސަމާލުވެ ހުރިހާ ބޭފުޅުން ވެސް ރައްކާތެރި ވުމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ރާއްޖޭގެ އެކި ހިސާބަަށް ކުރަމުންދާ ވިއްސާރައިގައި، ވައިގަދަވެ ފެންބޮޑުވެ ބައެއް ހިސާބުތަކަށް ގެއްލުން ވެފައިވާއިރު، މާލޭގައި ވެސް ރޭ ވަނީ ތިން ހާދިސާއެއް ހިނގައިފައެވެ.
ފުލުހުންބުނީ ވައި ގަދަ ވުމުގެ ސަބަބުން މާލޭގެ އަބަދަށް އުފާމަގު ދަމާސް ފަރުނީޗަރު ފިހާރަ ކައިރީގައި ހުރި ޑިޝް އެންޓަނާއެއް ވެއްޓުމާއި، ބުރުޒުމަގު ހެންވޭރު ކެފޭ ކައިރިން މަގުމައްޗަށް ގަހެއް ވެއްޓުމުގެ އިތުރުން ސޯލްޓް ކެފޭ ސަރަހައްދުގައި ހުރި އިސްތިހާރު ބޯޑެއް މަގުމައްޗަށް ވެއްޓުމުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާތަކުގައި ބައެއް ގެއްލުންތައްވި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. ފުލުހުން ބުނީ ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާއި ގުޅިގެން މި ތަކެތި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މި ފަދަ ހާދިސާއެއް ދިމާވެދާނެ ކަމަށް ސަމާލުވެ، އެކަމަށް ރައްކާތެރިވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.