މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސާ، ސަރުކާރުގެ ރަސްމީ ޖަލްސާއެއް ހޮސްޓް ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމުން ބައްލަވާނެ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒޭނާ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށާއި މިނިވަން މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެ މަސައްކަތެއް ފަސްޖެހިވަޑައިގަތުމެއް ނެތި ކުރައްވާނެ ކަމަށެވެ.
ރޮޒޭނާ "ވަން" އަށް މިއަދު ވިދާޅުވީ މަރިޔަމް ވަހީދާގެ އެ އަމަލަކީ ރަނގަޅު ކަމެއްގެ ގޮތުގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މެންބަރުން ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް އެފަދަ މިނިވަން މުއައްސަސާއެއްގެ ރައީސްގެ މަގާމުގައި ހުންނަވާ އިރު އެކަން ކުރެއްވޭނެ ކަމަކަށް ކޮމެޓީގެ މެންބަރުން ވެސް ގަބޫލެއް ނުކުރައްވާ. އެފަދަ ކަންކަމާ ދުރަށް ވަޑައިގަންވަން ޖެހޭނެ. އެއީ ކޮންފްލިކެޓެއް އޮތް ކަމެއް. ސަރުކާރުގެ އިވެންޓުތައް އިންތިޒާމު ކުރުން ނޫނީ ހޮސްޓްކުރުން ފަދަ ކަންކަމެއް ނުކުރެއްވޭނެ." ރޮޒޭނާ ވިދާޅުވި އެވެ.
ރޮޒޭނާ ވިދާޅުވީ ސަރުކާރުގެ އިވެންޓަކަށް ލިބިވަޑައިގަންނަވާ ދައުވަތަކަށް އެ ފަދަ އިވެންޓެއްގައި ބައިވެރިވަޑައިގަތުމަކީ ތަފާތު ކަމެއް ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ. އަދި މިހާތަނަށް ވެސް މިނިވަން މުއައްސަސާތަކުގެ ވެރީން އެފަދަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށާއި އެއީ ތަފާތު ކަމެއް ކަމަށެވެ.
ރޮޒޭ ވިދާޅުވީ މި މައްސަލައިގައި އިތުރަށް ކުރިޔަށް ވަޑައިގަންނަވާނެ ގޮތެއް ނިންމަވާނީ މައްސަލަ އެޖެންޑާ ކުރެއްވުމަށް ފަހު، ކޮމެޓީގެ މެންބަރުންގެ ވެސް ހިޔާލާ އެކު ކަމަށެވެ.
ބްރޯޑްކޮމްގެ ރައީސާ، މަރިޔަމް ވަހީދާ، އިއްޔެ ރޭ ބޭއްވި ޓޫރިޒަމް މިނިސްޓްރީގެ "ބުރަބި" ހަފުލާ ހުށަހަޅައިދެއްވި މައްސަލައިގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ، މީޑިއާ ތަކުން ވެސް ވަނީ އެމައްސަލަ ފާހަގަކޮށްފަ އެވެ. ބްރޯޑްކޮމް އަކީ ބްރޯޑްކާސްޓިން މީޑިއާގެ ކަންކަން ރެގިއުލޭޓްކޮށް އެފަރާތްތަކުގެ މައްސަލަތައް ބަލައި ގޮތް ނިންމަން ޖެހޭ ފަރާތެވެ.
މަރިޔަމް ވަހީދާ މި އިވެންޓު ހުށަހެޅުމުން އިދިކޮޅުން ވެސް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މިފަދަ ބައެއް ކަންކަން ހިނގުމުން މިހާރުގެ ސަރުކާރަށް ނިސްބަތްވާ ބައެއް މީހުން އޭރު އިދިކޮޅުގައި ތިބެގެން އެކަން ކުށްވެރިކޮށްފައިވާ އިރު، މިއަދު އެކަން ރަނގަޅުވީތޯ އެމީހުން ސުވާލު އުފައްދަ އެވެ. އެފަދަ ކަންކަން ރަނގަޅު ކުރުމަށާއި އިސްލާހު ކުރުމަށް ވައުދުވެ އައި ބަޔަކު މިކަންކަން ތަކުރާރު ކުރުން ބަލައި ނުގަނެވޭ ކަމަށް ވެސް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި، ޕީއެސްއެމްގެ ކުރީގެ ޑެޕިޔުޓީ މެނޭޖިން ޑައިރެކްޓަރު، މުހައްމަދު އިކްރާމް އަބްދުއްލަތީފް ސަރުކާރުގެ ގިނަ އިވެންޓު ތަކަކާއި ސީދާ ސިޔާސީ އިވެންޓުތައް ވެސް ހުށަހަޅާފައި ވެއެވެ. އެކަންކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް ކުރީގެ ސަރުކާރަށް އަމާޒުވެފައި ވެއެވެ. އަދި ހަމަ އެހެންމެ ބްރޯޑްކޮމްގެ ކުރީގެ ބައެއް މެންބަރުން ވެސް ރައީސް ޔާމީންގެ ސަރުކާރުގެ ހަފުލާތައް އިންތިޒާމު ކުރުމުގައި އުޅުނުކަމުގެ ތުހުމަތުތައް ވެސް ކޮށްފައިވެ އެވެ.