ދީޕިކާ ޕަޑުކޯން އާއި ރިތިކް ރޯޝަން އެކުގައި ދާދިފަހުން ފެނިގެން ގޮސްފައިވާއިރު ދެ ތަރިންގެ ޖޯޑަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. އޭޝިއާގެ އެންމެ ރީތި ފިރިހެން ތަރީގެ ލަގަބު ރިތިކަށް ލިބިފައިވާއިރު ދީޕިކާ އަށް ވަނީ އެންމެ ރީތި އަންހެނާގެ މަގާމު ލިބިފައެވެ.
މިދެތަރިން އެކުގައި ފިލްމަކުން ފެނޭތޯ އިންތިޒާރު ކުރަމުން ދިޔަ ފޭނުންނަށް ލިބުނު އުފާވެރި ހަބަރަށްވީ ފިލްމު "ސައްތޭ ޕޭ ސައްތާ" ގައި ދެ ތަރިން ކާސްޓުކުރި ހަބަރެވެ. ނަމަވެސް އެކަން މިހާރު މިވަނީ ރަސްމީކޮށް ދޮގުކޮށްފައެވެ.
ސައްތޭ ޕޭ ސައްތާގެ ރީމޭކު ހަދާ ޑައިރެކްޓަރު، ލަވް ރަޖަންގެ އޮފީހުގެ ފަރާތުން އީޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނީ ދީޕިކާ އެފިލްމުގައި ކާސްޓު ކުރި ހަބަރު އައީ ކޮންތާކުން ކަން ނޭނގޭ ކަމަށެވެ. އަދި އެއީ ދޮގު ހަބަރެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ރިތިކްވެސް މީގެ ކުރިން އީޓައިމްސްއަށް ދިން އިންޓަވިއެއްގައި އެފިލްމު ކުޅުމަށް ވިސްނަމުން އަންނަ ކަމަށް ބުނެފައި ވެއެވެ.
މި ފިލްމު ކުރިން ޑައިރެކްޓު ކުރަން އޮތީ ފަރާ ޚާނެވެ. އޭރު ފިލްމުގެ ބަތަލާއިންގެ ގޮތުގައި ކެޓްރީނާ ކައިފް އާއި ކްރީތީ ސަނޮން ފެނިގެން ދާނެ ކަމުގެ އަޑުތައް ފެތުރިފައިވެއެވެ. ނަމަވެސް އަދިވެސް ރަސްމީކޮށް ފިލްމުގައި ހެމާ މާލިނީގެ ރޯލުން ފެނިގެންދާނީ ކޮން ބަތަލާއެއްކަން ހާމަކޮށްފައެއް ނުވެއެވެ.