އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުގެ ދާއިރާ ގޮނޑިތައް ބެހޭނެ ގޮތް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި އޭގެ ރިޕޯޓަށް ޝަކުވާ ހުށަހަޅަން މާދަމާ ހުޅުވާލުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންސްގެ މި ނިންމުމަކީ މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު 2020ގެ ގައުމީ ލަފާދޭ ކޮމިޓީގެ ދެވަނަ ބައްދަލުގައި ނިންމާފައިވާ ނިންމުމެކެވެ.
މި ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުގެ ދައިރާތައް ކަނޑައަޅައި އެ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓު ހިއްސާކޮށްފައެވެ. އަދި މި ރިޕޯޓު ފައިނަލް ކުރާނީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމަށްފަހު ލިބޭ ޝަކުވާތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް އިލެކްޝަނުން ބުނެއެވެ.
އިލެކްޝަނުން އެކުލަވާލި ރިޕޯޓުގައި ވިލިމާލެ އާއި ހުޅުމާލެ ވަނީ ދެ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި މާލެ ހަ އަވަށަކަށް ބަހާލައިގެން ކޮންމެ އަވަށަކުން ތިން ދާއިރާ ހިމެނޭ ގޮތަށް މާލޭގެ ގޮނޑިތައް ބަހާލާފައިވެއެވެ. އަދި އޭގެ ތެރެއިން ކޮންމެ އަވަށަކުން އެއް ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ. އެއީ މާލެ ސިޓީ ކައުންސިލަށް ޖުމްލަ 18 ދާއިރާއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީއަށް ކަނޑައަޅާފައިވަނީ ޖުމްލަ 12 ދާއިރާއެކެވެ. އެއީ ހިތަދޫއިން ފަސް ދާއިރާ، ހުޅުމީދޫ އިން ތިން ދާއިރާ، ފޭދޫއިން ދެ ދާއިރާ އަދި މަރަދޫ އާއި މަރަދޫފޭދޫ އިން އެއް ދާއިރާއެވެ. އައްޑޫގައި އަންހެނުންނަށް ވަކި ގޮނޑި ހާއްސަ ކުރަން ނިންމާފައިވަނީ ހިތަދޫ، ފޭދޫ އަދި ހުޅުމީދޫއިން އެއް ގޮނޑިއެވެ. އަދި މަރަދޫ އާއި މަރަދޫ ފޭދޫގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއެއްގެ ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށް ހަމަޖައްސާފައިވެއެވެ.
ފުވައްމުލަކުގައި ދާއިރާ ކަނޑައަޅާފައިވަނީ ދެ އަވަށަކަށް ބަހާލައިގެންނެވެ. އެއީ ކޮންމެ އަވަށަކަށް ތިން ދާއިރާއެވެ. ފުވައްމުލަކުގައި ޖުމްލަ ހަ ދާއިރާ ކަނޑައަޅަފައިވާ އިރު އޭގެ ތެރެއިން ކޮންމެ އަވަށަކުން އެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް އިލެކްޝަނުން ވަނީ ނިންމައިފައެވެ.
މި ބަދަލުތަކަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގެނެސްފައިވާ ބަދަލުތަކެވެ. އެގޮތުން ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށާއި ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ގެނައި ބަދަލާއެކު ކައުންސިލްތަކުގެ އިންތިހާބީ ދާއިރާތައް ވަނީ އިތުރުވެފައެވެ. އަދި އާ ގާނޫނުގެ ދަށުން އަންހެނުންނަށް ކައުންސިލްތަކުގެ 33 އިންސައްތަ ހާއްސަ ކުރަންޖެހެއެވެ.