ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސާ ޓޫރިޒަމް މިނިސްޓްރީގެ ހަފުލާ ހުށަހަޅައިދިނީ މާލީ މަންފާއެއް ލިބޭގޮތަށް!

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާ ރައީސާ، މަރިޔަމް ވަހީދާ، ރޭ ބޭއްވި ޓޫރިޒަމް މިނިސްޓްރީގެ "ބުރަބި" ހަފުލާ ހުށަހަޅައިދިނީ ފީއެއް ލިބިވަޑައިގަންނަވާ ގޮތަށް އެއްބަސްވެވަޑައިގެން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީން ބުނީ، އެ ހަފުލާ ހުށަހެޅުމަށް އެ މިނިސްޓްރީއަށް ފާހަގަކުރެވޭ ތިން ފަރާތަކަށް އަގު ހޯދަން ފޮނުވި ކަމަށެވެ. އެ ތިން ފަރާތަކީ މޫސާ ވަސީމާއި އައިމިނަތު އަމީނާ އާއި މަރިޔަމް ވަހީދާ އެވެ. މީގެ ތެރެއިން ވަސީމް 8000 ރުފިޔާ ހުށަހަޅާފައިވާ އިރު މަރިޔަމް ވަހީދާ ހުށަހަޅާފައި ވަނީ 3500 ކަމަށް ޓޫރިޒަމުން ބުނެ އެވެ. އަމީނާ "އަވައިލެބެލް" ނޫން ކަމަށް ވެސް ޓޫރިޒަމުން ބުނެ އެވެ.

"މަރީގެ ވެސް އަސްލު އަގު އުޅެނީ 10000 ރުފިޔާގައި. މިއީ މި އިވެންޓްގެ ކަންތައް ކޮށްދޭން ބޭނުން ވެގެން ހުށަހަޅާފަ އޮތް އަގެއް." ޓޫރިޒަމްގެ އޮފިޝަލު ވިދާޅުވި އެވެ.

ބްރޯޑްކޮމްގެ ރައީސާ ކަމުގެ މަގާމުގައި ހުންނަވައިގެން ސަރުކާރުގެ ރަސްމިއްޔާތެއް މަރީ ހުށަހެޅުއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި މި މައްސަލަ ރާއްޖޭގެ މީޑިއާ ތަކުގެ ސުރުހީތަކަށް ވަނީ އަރާފަ އެވެ.

މި މައްސަލައިގައި ފާޑުކިޔާ ގިނަ މީހުން ބުނާ ގޮތުގައި ބްރޯޑްކޮމް އަކީ މިނިވަން މުއައްސަސާއަކަށް ވާއިރު، އެތަނުގެ ރައީސާ ނުވަތަ އެނޫން ވެސް ވެރީން މި ފަދަ ހަފުލާތައް ހުށަހެޅުމަކީ އެ މީހުންގެ މިނިވަން އަދި މުސްތަގިއްލު ކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ. އެފަދަ ތަންތަނުން މާލީ މަންފާއެއް ލިބޭ ގޮތަށް ކަންކަން ކުރާ ނަމަ، އެތަނެއްގެ ނުވަތަ މީހެއްގެ މަސްލަހަތު އޮންނަ މައްސަލައެއް ބަލަން ޖެހޭ ދުވަހު އެންމެ އިންސާފުވެރިކަމާ އެކު އެކަން ނުކުރެވޭނެ ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ.

މަރިޔަމް ވަހީދާ މި އިވެންޓު ހުށަހެޅުމުން އިދިކޮޅުން ވެސް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މިފަދަ ބައެއް ކަންކަން ހިނގުމުން މިހާރުގެ ސަރުކާރަށް ނިސްބަތްވާ ބައެއް މީހުން އޭރު އިދިކޮޅުގައި ތިބެގެން އެކަން ކުށްވެރިކޮށްފައިވާ އިރު، މިއަދު އެކަން ރަނގަޅުވީތޯ އެމީހުން ސުވާލު އުފައްދަ އެވެ. އެފަދަ ކަންކަން ރަނގަޅު ކުރުމަށާއި އިސްލާހު ކުރުމަށް ވައުދުވެ އައި ބަޔަކު މިކަންކަން ތަކުރާރު ކުރުން ބަލައި ނުގަނެވޭ ކަމަށް ވެސް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، ޕީއެސްއެމްގެ ކުރީގެ ޑެޕިޔުޓީ މެނޭޖިން ޑައިރެކްޓަރު، މުހައްމަދު އިކްރާމް އަބްދުއްލަތީފް ސަރުކާރުގެ ގިނަ އިވެންޓު ތަކަކާއި ސީދާ ސިޔާސީ އިވެންޓުތައް ވެސް ހުށަހަޅާފައި ވެއެވެ. އެކަންކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް ކުރީގެ ސަރުކާރަށް އަމާޒުވެފައި ވެއެވެ. އަދި ހަމަ އެހެންމެ ބްރޯޑްކޮމްގެ ކުރީގެ ބައެއް މެންބަރުން ވެސް ރައީސް ޔާމީންގެ ސަރުކާރުގެ ހަފުލާތައް އިންތިޒާމު ކުރުމުގައި އުޅުނުކަމުގެ ތުހުމަތުތައް ވެސް ކޮށްފައިވެ އެވެ.