ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

‎ތަފާތުކުރުމެއް ނެތި ބިދޭސީންގެ ހައްގުތަކާއި ރައްކާތެރިކަން ދިނުމަށް އެއްބާރުލުން ދޭން ޖެހޭ: އެޗްއާރުސީއެމް

ގާނޫނުތަކާއި ގަވާއިދުތަކުން ލިބިދީފައިބާ ހައްގުތަކާއި ރައްކާތެރިކަން ތަފާތުކުރުމެއްނެތި ކަށަވަރުކޮށްދީ ދުޅަހެޔޮ މުޖުތަމައެއް ގާއިމުކުރުމަށް އެންމެންގެ އެއްބާރުލުން ދިނުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

ބައިނަލްއަގްވާމީ ހިޖުރަވެރިންގެ ދުވަހާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެއަށް މައިގަނޑުގޮތެއްގައި ހިޖުރަކުރަނީ މަސައްކަތްތެރީން ކަމަށާއި އެ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި އެފަދަ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް ގާނޫނުތަކެއް ހެދިފައި އެބަހުރި ކަމަށެވެ.

މިފަދަ ގާނޫންތައް ހެދިފައިވީ ނަމަވެސް ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެންނަ ފަރާތްތަކާއި އެކަމުގައި ޝާމިލުވާ އެހެން ފަރާތްތަކުންވެސް މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަންނަމުންދާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އޭގެތެރޭގައި ރައްކާތެރިކަން ނެތް މާހައުލުތަކުގައި މަސައްކަތް ކުރަން ޖެހުމާއި ކުރާ މަސައްކަތުގެ އުޖޫރަ ނުލިބުމާއި، ނިސްބަތްވާ ގައުމު ނޭނގުމާއި، ބިދޭސީއަކަށް ވީތީ ތަފާތުކުރުމާއި އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިން)ގެ މައްސަލަތަކާއި، މަސައްކަތްކުރުވާ ފަރާތުގެ އިހުމާލުން ނުރައްކާތެރި ހާލަތަކަށް ހުށަހެޅި މަސައްކަތްތެރިން މަރުވެފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަތައް ފަދަ މައްސަލަތައް ހިމެނެއެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ މެދު ގެންގުޅޭ ނުރަނގަޅު ވިސްނުންތަކާއި ނޭދެވޭ ތަފާތުކުރުންތައް ނައްތާލައި އެ ފަރާތްތަކާމެދު އިހުތިރާމާއެކު މުއާމަލާތް ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ރާއްޖެއަށް ހިޖުރަކުރާ ބިދޭސީ މަސައްކަތްތެރިންވެސް އެފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭކަންވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ހިޖުރަވެރިންގެ ދުވަހެއް ފާހަގަ ކުރުމުގެ މަގުސަދަކީ އެކިއެކި ބޭނުންތަކުގައި އަމިއްލަ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކުރާ މީހުންނަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުމާއި އެ ގޮންޖެހުންތައް ހައްލުކުރުމާއި ހައްގުތައް ރައްކާތެރިކުުރުމަށް ބާރުއެޅުމެވެ.