ޓުއަރިޒަމް

ފުރަތަމަ އަހަރު އާ 21 ރިސޯޓެއް ހުޅުވިއްޖެ، އަންނަ އަހަރު 13 ރިސޯޓެއް އަލަށް ހުޅުވާނަން: އަލީ ވަހީދު

1

އަންނަ އަހަރުގެ ތެރޭގައި މުޅިން އަލަށް ރާއްޖޭގައި 13 ރިސޯޓެއް ހުޅުވައި ހިދުމަތް ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމަށް އަލަށް ދޫކުރާ ބިންތަކާއި ރަށްތައް އިއުލާން ކުރުމަށް "ބުރަބި"ގެ ނަމުގައި ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރާ ހަވާލުވިއިރު ރާއްޖޭގައި އޮތީ 143 ރިސޯޓާއި 30 ހޮޓަލާއި 703 ގެސްޓްހައުސްގެ އިތުރުން 314 އުޅަނދާއި 12 ބެއާބޯޓު އަދި ދެ ޔޮޓް މެރީނާ ކަމަށެވެ. އެއީ ޖުމުލަ 51680 ޓޫރިސްޓު އެނދު ކަމަށެވެ.

ނަމަވެސް މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގައި 21 ރިސޯޓާއި އެއް ހޮޓަލާއި 101 ގެސްޓްހައުސް އާއި ފަސް ޓޫރިސްޓު އުޅަނދާއި އެއް ބެއާބޯޓު އަދި އެއް ޔޮޓް މެރީނާ ހުޅުވައި، 6782 ޓޫރިސްޓު އެނދު އިތުރު ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން މަރާމާތަށް ބަންދުކޮށްފައި ހުރި ތަންތަނާއި ރީ ރަޖިސްޓްރޭޝަންގެ މަރުހަލާގައި ހުރި ތަންތަން ނުހިމަނައި، މިހާރު ރާއްޖޭގައި އޮޕަރޭޝަންގައި ޖުމްލަ 898 ޓޫރިސްޓު ފެސިލީޓީ އޮޕަރޭޓް ކުރަމުން އަންނަ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ގާތްގަނޑަކަށް 4127 އެނދާ އެކު އަންނަ އަހަރުގެ ތެރޭގައި ޖުމުލަ 13 ރިސޯޓު ހުޅުވޭނެ ކަމަށެވެ. އަދި ޓޫރިޒަމް ސިނާއަތަށް އިތުރު 35000 އެނދު އިތުރު ކުރުމަށް ސަރުކާރުން ވައުދުވެ، ސަރުކާރު ސްޓެރެޓެޖިކް އެކްޝަން ޕުލޭން (އެސްއޭޕީ) ގައި ހިމަނާފައިވާ ވައުދު 2023 ވަނަ އަހަރުގެ ކުރީކޮޅު ފުއްދައި ނިންމާނެ ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ ޗައިނާ، އިންޑިއާ، ޖަރުމަންވިލާތް އިޓަލީ އަދި އިނގިރޭސިވިލާތްކަން ފާހަގަކުރައްވައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވާ ކަމަށާއި އެއީ މި ސަރުކާރަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟