ޓުއަރިޒަމް

ފަތުރުވެރިކަމަށް އަލަށް ހަތް ބިމަކާއި 28 ރަށެއް، 18600 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ

ފަތުރުވެރިކަމަށް އަލަށް ދޫކުރާ ބިންތަކާއި ރަށްތައް ސަރުކާރުން އިއުލާން ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން "ބުރަބި"ގެ ނަމުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި އެ ބިންތަކާއި ރަށްތައް އިއުލާން ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އެގޮތުން މިރޭ ވަނީ ހަތް ބިމަކާއި 28 ރަށެއް ފަތުރުވެރިކަމަށް އަލަށް ހުޅުވާލަން ނިންމައިފައެވެ.

މިނިސްޓަރު ވިދާޅުވީ، ރަށްތަކަށް ކަނޑައެޅުމުގައި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ބަލައި، ކަމާގުޅޭ ފަރާތްތަކުގެ ލަފައާއި މަޝްވަރާ ހޯދައިފައިވާނެ ކަމަށެވެ. އަދި އަލަށް ދޫކުރާ ރަށްތަކުގައި ރިސޯޓުތައް ތަރައްގީވެ ނިމޭއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުުދުފުޅާއި މެނިފެސްޓޯއާ އެއްގޮތަށް 2023 ވަނަ އަހަރު ކުރީކޮޅު 35،000 ޓޫރިސްޓު އެނދު ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ، ސަރުކާރުން އަލަށް ނެރޭ ބިންތަކާއި ރަށްތަކުގައި އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ތެރޭގައި މަސައްކަތް ފެށޭވަރު ކުރާނެ ކަމަށާއި މި ދައުރު ނިމޭއިރު އެތަންތަން ހުޅުވާނެ ކަމަށެވެ. އަދި ފަތުރުވެރިކަމަށް ސަރުކާރުން އަލަށް ދޫކުރަން ނިންމި ބިންތަކާއި ރަށްތަކުގައި 1370 އެނދާއި 18672 ވަޒީފާ އުފެދިގެންދާނެ ކަމަށް ލަފާ ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

  • ފަތުރުވެރިކަމަށް އަލަށް ދޫކުރާ ބިންތައް:
  • - އައްޑޫ ސިޓީ: 16.67 ހެކްޓަރުގެ ބިމަކުން 96 ޕުލޮޓް (4200 އެނދު)
  • - ފުވައްމުލައް ސިޓީ: 2.7 ހެކްޓަރު، (432 އެނދު)
  • - ގދ. ވާދޫ: 0.5 ހެކްޓަރުގެ ބިމަކުން 16 ޕުލޮޓް
  • - ލ. ގަން: 19.86 ހެކްޓަރު
  • - ހދ. ނޮޅިވަރަންފަރު، 0.5 ހެކްޓަރުގެ ބިމަކުން ތިން ޕުލޮޓް،
  • - ހއ. ކެލާ: 8.5 ހެކްޓަރު ބިމެއް
  • - ހއ. އުލިގަން: 23.25 ހެކްޓަރު
  • "ވަން އައިލެންޑް ވަން ރިސޯޓު" ކޮންސެޕްޓަށް ދޫކުރާ ރަށްތައް:
  • - ހއ. މާފިިނޮޅު
  • - ހއ. ދައްޕަރު
  • - ހއ. މެދަފުށި
  • - ހއ. އަލިދުއްފަރު ފިނޮޅު
  • - ހދ. ހޮނޑައިދޫ
  • - ހދ. ކުޑަފަރުފަސްގަނޑު
  • - ހދ. ވައިކަރަމުރައިދޫ
  • - ށ. ނަލަންދޫ
  • - ށ. ކުޑަޅައިމެންދޫ
  • - ށ. ފުށިފަރު
  • - ނ. ކުންނަމަލައި
  • - ރ. އަލިފުށި ފަޅުން ބިން ހިއްކައިގެން ރ. އެއްތިގިއްޔާއެކު
  • - މ. ސީދީހުރާ (ސީދީހުރާ ވެލިގަނޑާއެކު)
  • - މ. ބޯހުރާ
  • - ފ. އެނބުލުފުށި
  • - ފ. ޖިންނަތުގައު
  • - ތ. ކާއްޑޫ
  • - ތ. ކަނިމީދޫ
  • - ތ. އޮޅުފުށިފިނޮޅު
  • - ލ. ކަށިދޫ
  • - ލ. ބޮޑުމުންޏަފުށި
  • - ލ. ދޮންބެރަހާ (ހޮޅުރަހާއާއެކު)
  • - ގއ. މާރެހާ
  • - ގއ. ފުނަދޫވިލިނގިއްލާ
  • - ގދ. ކަނޑަހަލަގަލާ
  • - ގދ. ފެރޭތަވިލިގިއްލާ
  • - ގދ. ކަޑަވާރެހާ (ދިގުރެހާއާއެކު)
  • - ސ. ހަންކެޑެ